ޚަބަރު

ފެނާ ނަރުދަމާގެ ހުރިހާ މަޝްރޫޢެއް 3 މަސްތެރޭގައި ނިމޭނެ: ޝާހް


އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިންމާލޭވޭނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ރައްކާތެރި ފެނާއި ނަރުދަމާ ޤާއިމްކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން 20 ރަށެއްގެ މަސައްކަތް ވަނީ އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްފައެވެ. އެ ރަށްތަކުގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މީގެ އިތުރުން އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް(އޮފިޑް)ގެ ދަށުން އިތުރު 4 ރަށެއްގެ ފަނާ ނަރުދަމާގެ މަޝްރޫޢުވެސް އެމްޑަބްލިއުއެސްސީން އަންނަނީ ކުރަމުންނެވެ.

20 ރަށުގެ މަޝްރުޢުގައި ހިމެނެނީ 15ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތާއި، 5 ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތެވެ. އަދި އޮފިޑްގެ ދަށުން ހަވާލުކުރި 4 ރަށުށުގެ މަސައްކަތަކީ ފެނާއި ނަރުދަމާގެ މަސައްކަތެވެ.

ޕީއެސްއެން ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ އެކުންފުންޏައި ހަވާލުކޮށްފައިވާ ހުރިހާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ. މީގެތެރެއިން 5 ރަށެއްގެ މަސައްކަތް މުޅިން ނިމި މިހާރު ޚިދުމަތް ދޭން ފަށާފައިވާކަން ޝާޙް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކުރީގެ ސަރުކާރުގައި 2 ކުންފުނިންޏަކުން ކުރިއަށްގެންދިޔަ ޅ.ނައިފަރާއި ތ.ވޭމަންޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް ހުއްޓިފައިވަނިކޮށް އެމްޑަބްލިއުއެސްސީން ކުރިއަށް ގެންގޮސް ނިންމާލާފައިވާކަމަށް ޝާޙް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ ހުރިހާ މަސައްކަތްތައް ކުރިއަށް އޮތް 3މަސް ދުވަހުގެ ތެރޭގައި މުޅިން ނިމާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

"މިހާރު ނޯންނާނެ ހޮޅި ވަޅުލުމާއި ގުޅޭ މަސައްކަތް ނުނިމޭ އެއްވެސް ރަށެއް. އުއްމީދަކީ މިއަހަރުގެ މާރޗް އޭޕްރިލްއަށް، ޕީއެސްއައިޕީ 20 ރަށުގެ މަސައްކަތް މުޅިން ނިންމުން." ޝާހު ވިދާޅުވިއެވެ.

2020ވަނަ އަހަރު އެމްޑަބްލިއުއެސްސީއާއި ހަވާލުކުރި 20 ރަށުގެ މަސައްކަތަކީ 1.4 ބިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ..

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއުމުކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. މިގޮތުން 2021ވަނަ އަހަރު ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައެވެ. އަދި ސަރުކާރުގެ ޢަމާޒަކީ މިއަހަރުގެ ނިޔަލަށް ހުރިހާ މަސައްކަތްތައް ނިންމުމެވެ.