ޚަބަރު

ހުވަދު އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ޖުލައި މަހު ފެށޭނެ: އަސްލަމް


ޤައުމީ ފެރީ ނިޒާމް، އާރުޓީއެލްގެ ޚިދުމަތް، ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ އުޅަނދުތައް ބަނދެ އަންނަ ޖުލައިމަހު ޚިދުމަތް ފެށޭވަރުވާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ހުވަދު އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ބަންނަނީ 10 ފެރީކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން އެސަރަޙައްދުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުވަދު އަތޮޅާއި، ފުވައްމުލައް ސިޓީއާއި، އައްޑޫ ސިޓީ ހިމެނޭހެންނެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ އެސަރަޙައްދުގެ ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ފެރީތަކުގެތެރެއިން ހުވަދުއަތޮޅުގައި ޚިދުމަތްދިނުމަށް ބޭނުންވާ ފެރީތަކުގެ މަސައްކަތް އެއްކޮށް ނިމި އެއުޅަނދުތައް ލިބޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ މެދުތެރޭގައިކަމަށެވެ. އަދި ޖުލައި މަހު ހިސާބުގައި ގއ. އަދި ގދ. އަތޮޅު ހިމެނޭހެން ޚިދުމަތް ފެށޭވަރުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޕްލޭންކޮށްފައި އޮތީ މިއަހަރުގެ ޖުލައި ހިސާބަށް ހުވަދުއަތޮޅު ހިމެނޭހެން ސަދަން ރީޖަންގައި އެމަސައްކަތް ފަށަން. ރެކްޓިފައި ކުރަންހުރި ކަންކަން އެބަހުރި. އެކަންކަން ރަނގަޅުކޮށް މާޗްމަހުގެ ތެރޭގައި ފުލް ޕްރޮޑަކްޝަންގެ މަސައްކަތް ފެށޭނެކަމަށް ބެލެވެނީ. ހުވަދުއަތޮޅުގައި އާރްޓީއެލްގެ ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 10 ވެސަލް އެހާތަނަށް ލިބޭނެކަމަށް މިބަލަނީ." މިނިސްޓަރ ވިދާޅުވިއެވެ.


މިނިސްޓަރ އަސްލަމް ވިދާޅުވީ އާރްޓީއެލް ފެރީގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފެރީތައް ކުރިން ބަންނަނީ ގަލްފް ކްރާފްޓުންކަމަށެވެ. އަދި މިހާރު އެމަސައްކަތް ކުރަނީ އަލްޝާލީ މެރިންސްއިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އުޅަނދެއް ބަނުމަށް އަލަށް ކޮންޓްރެކްޓް ކުރާއިރު އަބަދުވެސް ޕްރޮޓޯޓައިޕް އުޅަނދެއް ނުވަތަ ފުރަތަމަ އެއް އުޅަނދު ބަނުމަށްފަހު އޭގައި ހުރި މައްސަލަތައް ދެނެގަނެ ރާއްޖޭގެ މާޙައުލުގައި ދަތުރުކުރުމަށް އެކަށީގެންވޭތޯ ބަލައެވެ. މިގޮތުން މިހާރު ޓެސްޓްކުރުމުގެ މަރުޙަލާ ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރަނގަޅުކުރަން ހުރިކަންކަން ރަނގަޅުކުރުމަށްފަހު އަންނަ މާޗްމަހުގެ ތެރޭގައި ހުރިހާ އުޅަނދެއް ބަނުމުގެ މަސައްކަތް ފަށާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ ފެރީ ނިޒާމު ރާއްޖެ ގުޅާލުމަށް ކުރިޔަށްގެންދާ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ޚިދުމަތް ފެށީ ރާއްޖޭގެ އެންމެ އުތުރު 3 އަތޮޅުގައެވެ. ޒޯން އެކެއްގައި ހިމެނޭ 40 ރަށުގައި ޚިދުމަތް ދިނުމަށް 17 އުޅަނދު އަންނަނީ ބޭނުންކުރަމުންނެވެ. މިއުޅަނދުތައް ބަނދެފައިވަނީ ގަލްފްކްރާފްޓްސްއިންނެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ފާދިއްޕޮޅުގައިވެސް ޤައުމީ ފެރީގެ ޚިދުމަތް ފަށާފައެވެ.

ބާކީ ހުރި ޒޯންތަކުގައި ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 65 ފެރީ ބަނުމަށް އަލްޝާލީ މެރިންސްއާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އުތުރާއި ފާދިއްޕޮޅުގެ ރަށްތައް އާރްޓީއެލްއިން ގުޅާލާފައިވާއިރު އެސަރަޙައްދުތަކުގައި ފެރީއަށް އޮންނަ ޑިމާންޑު ބޮޑުކަމަށް ޚިދުމަތް ދެމުން އަންނަ އެމްޓީސީސީއިން ވިދާޅުވެއެވެ.