ޚަބަރު

ނެކްޓަން މިޝަންއިން ރާއްޖޭގެ ކަނޑުތަކުން އެއްކުރި ސާމްޕަލްތައް ދިރާސާކުރަނީ


ނެކްޓަން މޯލްޑިވްސް މިޝަންގެ ފަރާތުން ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން އެއްކުރި ސާމްޕަލްތައް ދިރާސާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން މިއަދުވަނީ ދިރާސާއަށް އެއްކުރެވުނު ސާމްޕަލްތައް ދެނެގަންނާނެ ގޮތް ދިވެހިންނަށް ދަސްކޮށްދިނުމުގެ ވޯކްޝޮޕް ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ.

ކ.އަތޮޅު މަނިޔަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިވޯކްޝޮޕް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް ޑ.ހުސައިން ރަޝީދު ޙަސަންއެވެ.

ވޯކްޝޮޕް އިފްތިތާޙްކޮށްދެއްވާ ފާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރވަނީ ނެކްޓަންއާއި ގުޅިގެން ކުރެވޭ ދިރާސާގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ދިވެހިންގެ ކުރިމަގާއި އެންމެ ބޮޑަށް ގުޅިފައިވަނީ ރާއްޖޭގެ ވަށައިގެންވާ ކަނޑުތަކާއި ފަރުގެ ދިރުންތައްކަމަށާއި، ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވާ މައިގަނޑު ދެ ސިނާޢަތްވެސް ސީދާ ގޮތުން ކަނޑުތަކާއި ގުޅިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިފަރުތަކާއި އެފަރުތަކުގެ ދިރުންތަކަށްވުރެ ވަކިން މުހިއްމު އެހެން އެއްޗެއް ވަށައިގެން ނެތް ޙިމާޔަތްކުރުމަށް މަސައްކަތްކުރަންޖެހޭ. މުރަކަ ފަރުތަކުގެ ޙިމާޔަތުގައި ރާއްޖޭގެ ރަށްތައް ޤާއިމުވެފައިމިވަނީ. އެހެންކަމުން މިފަރުތަކާއި އޮތްގުޅުން ދެނެގަންނަންޖެހޭ. މިއެކްސްޕެޑިޝަންގައިވަނީ ރާއްޖެ އުފެދިގެން އައިގޮތްވެސް ދެނެގަތުމުގެ މަސައްކަތްކޮށްފައި." މިނިސްޓަރ ވިދާޅުވިއެވެ.

މިވޯކްޝޮޕްގެ ތެރެއިން ނެކްޓަން މިޝަންގެ ފަރާތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރ އަދި އޮކްޓޯބަރު މަހު ރާއްޖޭގެ ކަނޑުއަޑީގެ 1000 ފޫޓު އަޑިން އެއްކޮށްފައިވާ ސާމްޕަލްތައް ދެނެގަތުމަށްވަނީ ހަމަޖެހިފައެވެ.

މެރިން ރިސަރޗް އިންސްޓިޓިއުޓުން ހާމަކުރައްވާ ގޮތުގައި މިވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން ރާއްޖޭގެ ކަނޑުފަޅުތަކާއި ގުޅުންހުރުރި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ޓީޗަރުންނާއި އެނޫންވެސް ކަމާއި ގުޅުންހުރި ދާއިރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ މުއްދަތަކަށް އެފަރާތްތަކުން ވޯކްޝޮޕްގައި ބައިވެރިވެ ސާމްޕަލްތައް އިތުރަށް ދިރާސާކުރުމުގައި ނެކްޓަން މިޝަންއާއެކު މަނިޔަފުށީގައި ޙަރަކާތްތެރިވާނެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ރިސަރޗް އޮފިސަރ މުޙައްމަދު އަހުސަން ވިދާޅުވީ މިވޯކްޝޮޕްގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގެ މިދާއިރާގެ ތަޖުރިބާކާރު ސައިންސްވެރިންގެ ޓީމަކުންކަމަށެވެ.

ނެކްޓަން މިޝަންގެ ދިރާސާގައި ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން މިހާތަނަށް ހޯދިފައިނުވާ ބައެއް ސަރަޙައްދުތައްވަނީ ދެނެގަނެވިފައެވެ. އަދި މުޅިން އަލަށް އެކި ދިރުންތައް ފެނިފައިވާކަމަށްވެސް ނެކްޓަން މިޝަންއިން ލަފާކުރެއެވެ. މިދިރާސާގައިވަނީ ރާއްޖޭގެ ކަނޑުގެ އަޑީގެ 1000 މީޓަރު އަޑިއަށް ސަބްމަރސިބަލްގައި ދަތުރުކޮށް މަޢުލޫމާތު އެއްކޮށްފައެވެ.