ޚަބަރު

"ޒަކާތު ނަފާ"ފަށަނީ ނޮޅިވަރަމުން، އެރަށު 5 ޢާއިލާއަކަށް އެހީ


ރާއްޖެއިން ފަޤީރުކަން ނައްތާލުމުގެ ޢަމާޒުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ "ޒަކާތު ނަފާ" ޕްރޮގްރާމް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ހދ.ނޮޅިވަރަމުގައި ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

"ޒަކާތު ނަފާ" ޕްރޮގްރާމްއަކީ އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ. މިއީ ނިކަމެތި އާއިލާތަކަށް އެހީތެރިވެ، އެފަދަ އާއިލާތައް އަމިއްލައަށް ވިޔަފާރިކޮށް، މަންފާ ހޯދޭނެ ގޮތެއް ހޯދައިދިނުމަށް ފަށާ ޕްރޮގްރާމެކެވެ.

"ޒަކާތު ނަފާ" ޕްރޮގްރާމަކީ ރާއްޖޭގައި ފަގީރުންގެ އާބާދީ ނައްތާލުމަށް ފަށާ މިފަދަ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ 2021ވަނަ އަހަރުގެ ފަގީރުގެ ދަފްރަތުގައި ތިބި މީހުންނަށެވެ. "ޒަކާތު ނަފާ" ޕްރޮގްތާމަކީ އެފަދަ އާއިލާތަކަށް މާލީ އެހީ ފޯރުކޮށްދީ، ވިޔަފާރިއެއް ފެނޭނެ މަގު ތަނަވަސްކުރުމަށް ފަށާ ބޮޑު ޕްރޮގްރާމެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދަޅުވީ ޒަކާތު ނަފާ ޕްރޮގްރާމް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ހދ. ނޮޅިވަރަމުންކަމަށެވެ. ނަމަވެސް އެރަށުގައި މި ޕްރޮގްރާމް ފަށްޓަވާ ތާރީޚެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް މި ޕްރޮގްރާމް ފަށްޓަވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެ ޕްރޮގްރާމް ފައްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ ނޮޅިވަރަމުން މި ޕްރޮގްރާމްގައި ބައިވެރިވާ 5 އާޢިލާއެއް އެބަތިބިކަމަށެވެ. މިގޮތުން މި ޕްރޮގްރާމްގެ ދަށުން 4 އާއިލާއަކަށް ދަނޑުވެރިކަން ކުރުމުގައި އެހީތެރިކަންފޯރުކޮށްދޭނެކަމަށާއި، 1 އާއިލާއަށް ފެހުމުގެ ވިޔަފާރިއާއެކު ކުރިއަށްދިއުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަމިއްލައަށް ކުރެވޭނެ މަސައްކަތްތައް މީގައި ހިމަނާފައި ވާނެ. މިގޮތުން، ފެހުމާއި ދަނޑުވެރިކަމާއި، މަސްވެރިކަން ފަދަތަމްރީން ޕްރޮގްރާމްގައި ބައިވެރިވެގެން ތަމްރީންވުން ހިމެނޭނެ. މިއާއެކު ފަޤީރުންގެ ދަފްތަރުގައި މިހާރު ތިބި މީހުން އުނިވެގެންގޮސް އެމީހުންނަކީ ޒަކާތްވެސް ދެއްކޭނެ ފަދަ ބަޔަކަށް ހެދުން. އުއްމީދު ކުރަނީ ކުރިއަށް އޮތްތަނުގައި އެމީހުން އަަމިއްލަ ފައިމައްޗަށް ތެދުވާނެބަޔަކަށް ވާނެކަމަށް. "މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ.

ޒަކާތު ނަފާ ޕްރޮގްރާމް ކުރިއަށްގެންދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ. ފުރަތަމަ ފިޔަވަހީގައި މި ޕްރޮގްރާމްގައި ބައިވެރިކުރަނީ، އެ ރަށެއްގައި ފަގީރު ގޭބިސީ 10އަށްވުރެ ދަށް ރަށްތަކެވެ. ފަގީރު ގޭބިސީ 10އަށްވުރެ ދަށް 96 ރަށް ރާއްޖޭގައި އެބައޮތެވެ. ފުރަތަމަ ބުރުގައި މި ރަށްތަކުގެ 350 ގޭބިސީ ހިމެނެއެވެ. އެއީ ފަގީރުންގެ އާބާދީ 1077އެވެ.

ޕްރޮގްރާމްގައި ކޮންމެ ގޭބިސީއަކަށް 150،000އާ ހަމައަށް މާލީ އެހީ ދޭނެއެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ ޒަކާތު ފަންޑުން މި މަސައްކަތަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ދޫކުރާ އެހީއަކީ ހިލޭ އެހީއެވެ. ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމޭއިރު، ފަގީރުންގެ ލިސްޓުން ރާއްޖޭގެ 96 ރަށް އުނިވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ. ރާއްޖޭގައި ބައެއް ރަށްތަކުގައި ފަގީރުންގެ އާބާދީ، 50 ގޭބިސީން މަތީގައިވެސް އެބަހުއްޓެވެ. ޕްރޮގްރާމްގެ އެންމެ ފަހު ފިޔަވަހިތަށް ޢަމާޒުކުރާނީ ފަގީރުންގެ އާބާދީ ބޮޑު ރަށްތަކަށެވެ.