ޚަބަރު

ތިނަދޫ ހޮސްޕިޓަލްގެ އައު ޢިމާރާތާއެކު، ޒަމާންވީ ތަކުލީފަށް ނިމުން


ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ހުވަދު އަތޮޅުގެ ގިނަ ބަޔަކު ޚިދުމަތް ހޯދުމަށް ބަރޯސާވާ ހޮސްޕިޓަލެކެވެ. ގއ.އަތޮޅާއި ގދ.އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ މިހޮސްޕިޓަލަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމެކެވެ. މިމައްސަލައަށް ޙައްލެއް ގެނައުމަށް ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމަށް 2019 ވަނަ އަހަރުގެ ފަހުކޮޅުވަނީ އެމްޓީސީސީއާއި ޙަވާލުކޮށްފައެވެ. މިމަސައްކަތް ނިމި އަލަށް އިތުރުކުރެވުނު ޖާގައާއެކު ހޮސްޕިޓަލްގެ ޚިދުމަތްވަނީ އިތުރަށް ހަރުދަނާކުރެވިފައިކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

2000 ވަނަ އަހަރު ތަރައްޤީކޮށް ބޭނުންކުރަން ފަށާފައިވާ ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ދެއަތޮޅުގެ 34000 އެއްހާ މީހުންގެ އާބާދީއަކަށް ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލެކެވެ. ނަމަވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ގިނަ ސްޕެޝޭލިޓީއަކުން ޚިދުމަތް ދެވޭން އޮތްނަމަވެސް އެކަމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ހޮސްޕިޓަލުގައި ނެތުމެވެ. މިމައްސަލަ ޙައްލުކުރުމަށް 2019 ވަނަ އަހަރު އެމްޓީސީސީއާއި ޙަވާލުކޮށްގެން ފެށި މަސައްކަތް ނިންމާ މިހާރު ވަނީ ނިންމާލާފައެވެ. އަދި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހޮސްޕިޓަލުގެ އައު އޯޕީޑީ ޢިމާރާތް ވަނީ ބޭނުންކުރަން ފަށާފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އަޙްމަދު ސަޢީދު ވިދާޅުވީ އައު ޢިމާރާތުން ޚިދުމަތްދޭން ފެށުމުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޢާއްމުންގެ ޝަކުވާތަކަށް ހައްލެއް އައިސްފައިވާކަމަށެވެ. އެހެންނަމަވެސް އަދިވެސް ހޮސްޕިޓަލުން އިތުރަށް ދޭން ބޭނުންވާ ޚިދުމަތް ދިނުމަށް އިތުރުކަންކަން ހަމަޖައްސަންޖެހޭކަން ފާހަގަކުރައްވާ އަޙްމަދު ސަޢީދު ވިދާޅުވީ އަމާޒަކީ ޚިދުމަތެއް ނުލިބިގެން، ވީހާވެސް ބޮޑަށް އެހެން ހޮސްޕިޓަލްތަކަށް ރިފަރކުރަންޖެހޭ ނިސްބަތް މަދުކުރުންކަމަށެވެ.


"މިހާރުވެސް ނުލިބޭ ބައެއް ޚިދުމަތް ހޯދުމަށް އަޅުގަނޑުމެން ޖެހޭ އެހެން ހޮސްޕިޓަލްތަކަށް ރިފަރ ކުރަން. އެކަމަކު ކުރިއާއަޅާބަލާއިރު ވަރަށް ބޮޑަށް މަދުކުރެވިއްޖެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިޢަދަދު މަދުކުރުމަށް މިދަނީ މަސައްކަތް ކުރަމުން." އަޙްމަދު ސަޢީދު ވިދާޅުވިއެވެ.

ހޮސްޕިޓަލުގެ އައު ޢިމާރާތުގެ މަސައްކަތް އެމްޓީސީސީއިން ކުރިއަށް ގެންދިޔައީ ކޯވިޑްގެ އެންމެ ދަތި ދުވަސްވަރުގައެވެ. ޢަމަލީ މަސައްކަތް 2020 ވަނަ އަހަރުގެ ތެރޭގައި ފެށި ނަމަވެސް އެންމެ ބޭނުންވާ ސްޕީޑުގައި މަސައްކަތް ކުރިއަށް ނުގެންދެވުނެވެ. އެހެންނަމަވެސް މަސައްކަތް ނިންމާ މިއަދު ޚިދުމަތުގައި ތިނަދޫ ހޮސްޕިޓަލުގެ އައު ޢިމާރާތް ބޭނުންކުރަމުންދާއިރު އެކަމުގައި ޢާއްމުން ހިތްހަމަޖެހިފައިތިބިކަން އެނގިގެންދިޔުމަކީ ލިބޭ އުފަލެއްގެ ގޮތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ފާހަގަކުރައްވައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މިވަގުތުވެސް ހޮސްޕިޓަލުގެ ބައެއް އެހެން މަސައްކަތް ޕްލޭނިންގ މަރުޙަލާގައި ހުރިއިރު އެމަސައްކަތް ކުރުމުގެ ހުއްދަ ހެލްތު މިނިސްޓްރީއިން ދޭހާ އަވަހަކަށް މަސައްކަތް ފެށުމަށް ތައްޔާރަށް އެމްޓީސީސީއިން އޮތްކަމަށެވެ.


"މިމަޝްރޫޢުގެ ތެރެއިން އެމްޓީސީސީއިންވަނީ ކޮންސަލްޓޭޝަން ރޫމްތަކާއި އަންހެނުން ވިހެއުމަށް ބޭނުންވާ ވަޞީލަތްތަކާއެކު އިތުރު ޢިމާރާތެއް ޤާއިމުކޮށްފައި. އަދި އެމަރޖެންސީ ރޫމްގެ މަސައްކަތް ކުރުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލާއެކަން އެމްޓީސީސީއާއި ޙަވާލުކުރުމުން އެމަސައްކަތްވެސް ވީއެންމެ އަވަހަކަށް ނިންމުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއިން ތިނަދޫ ޑރ.ޢަބްދުސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތުގެ ދަށުންވަނީ އޯޕީޑީގައި ޑޮކްޓަރަށް ދެއްކުމަށް 14 ރޫމް ތަރައްޤީކޮށްފައެވެ. އަދި 2 ލޭބަރ ރޫމްއާއި، ޕްރައިވެޓް 4 ރޫމްވަނީ ތަރައްޤީކޮށްފައެވެ. މިމަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ޢިމާރާތެކެވެ.

ރާއްޖޭގެ 5 ސަރަޙައްދެއްގައި ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައާޅާފައިވާ ޓަރޝަރީ ފެންވަރުގެ 5 ހޮސްޕިޓަލުގެ ތެރޭގައިވެސް ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހިމެނެއެވެ. މިވަގުތުވެސް 19 ސްޕޭޝިލިޓީއަކުން ޚިދުމަތް ދެމުން އަންނަ އެހޮސްޕިޓަލުން މިވަގުތު ލިބެން ނެތް ފަރުވާގެ އެކި ޚިދުމަތްތައް ޤާއިމުކުރުމަށް ހޮސްޕިޓަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.