ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 13:45 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ.
އެ އިދާރާއިން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ ވަގުތުތަކުގައި މި ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
Heavy rain and thunderstorms expected. pic.twitter.com/olr6nYNqPn
— Maldives Meteorology (@MetMaldives) August 21, 2026
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ އެކި ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު މެދުނުކެނޑި ރެކޯޑުކުރަމުންނެވެ. އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްތަކަށް ވާރޭ ވެހިފައިވާ މިންވަރަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މ. މުއްޔަށެވެ. އެ ރަށަށް 56.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކަނީ ރ. އިފުރަށެވެ. އެއީ 37.0 މިލިމީޓަރުގެ ވާރޭއެވެ. މީގެ އިތުރުން، ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެ ރަށަށް 25.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ރައްޔިތުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.