ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގައި އޮތީ އެންމެ ބޭނުމެކެވެ. މާލޭގެ ރައްޔިތުން ހަފްތާ ބަންދުގައި، އާއިލާއާއި ރައްޓެހިންނާއެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ދިނުމެވެ.
މާލޭ ސަރަޙައްދުގައި ލައްކައެއްހާ ދިވެހިން ދިރިއުޅެމުން އަންނައިރު، މިއިން ކޮންމެ މީހަކީވެސް އެމީހަކު މަސައްކަތުން ސަލާމަތްވެ ލިބޭ ދުވަސް އެމީހެއްގެ އާއިލާއާއެކު އުފާވެރިކަމާއެކު ހޭދަކޮށްލަން ބޭނުންވާ މީހެކެވެ. ނަމަވެސް މިކަމުގެ ހުރަހަކަށްވަނީ ތޮށްޖެހިފައިވާ މާލެއެވެ. ބިދޭސީންގެ އާބާދީ އެހާމެބޮޑެވެ.
ހަފްތަ ބަންދުގައި އެންމެ ބާރުބޮޑީ މާލޭގައި ހުރި އާރޓިފިޝަލް ބީޗުތަކާއި، ހުޅުމާލެއާއި ވިލިމާލޭގެ ބީޗު ސަރަޙައްދަށެވެ. މޫދަށް އެރިލުމުގެ ފުރުޞަތު ލިބުނު ނަމަވެސް، ބައިބޯވެ އިތުރު ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުޞަތެއް ނުލިބެއެވެ. އަދި މި ސަރަޙައްދުތަކަކީ ދަތުރުދާ ތަނަކުން ލިބޭ އެއްވެސް ޚިދުމަތެއް ހުރި ތަންތަނެއް ނޫނެވެ. ގަޔަށް ފެންފޮދެއް އަޅާލަން ލިބުނު ނަމަވެސް، ހެދުން ބަދަލުކޮށްލައި، ފާޚާނާކުރެވޭނެ އިންތިޒާމެއް ނެތެވެ.
ކައިރި ރިސޯޓަކަށް ދާންވެއްޖެނަމަ، އެތައްށް ޚަރަދެއް ކުރަންޖެހި އެއީވެސް ކުޅަދާނަ ކަމަކަށް ނުވެއެވެ.
މިއީ މާލޭގެ ކޮންމެ ރައްޔިތެއްގެ އޮތް ޝަކުވާއެކެވެ. ނަފްސާނީ ދުޅަހެޔޮކަމާވެސް ގުޅިފައިވާ ކަމެކެވެ. ސަރުކާރުން ތަރައްޤީކުރި "ކުޑަގިރި ޕިކްނިކް އައިލެންޑް"އަކީ ސަރުކާރުން މި ޝަކުވާތަކަށް ދެއްވި ޖަވާބެވެ.
ޕިކްނިކް އައިލެންޑް އާއްމުންނަށް ހުޅުވާލުމަށް ބޭއްވި ހަރަކާތުގައި 300އަށްވުރެ ގިނަ ޢާންމުން ބައިވެރިވިއެވެ. ފުރުޞަތު ހުޅުވާލިތާ 5 ގަޑިއިރުތެރޭ ބުކިން ފުލްވެގެން ދިއުމުން ފެންނަނީ، މި ރަށް ނިމި އޭގެ އުފާ ރައްޔިތުންނަށް ލިބޭނެ ދުވަހަކަށް ކުރި އުއްމީދާއި އިންތިޒާރެވެ.
ރަށަށް ދަތުރުކުރި މީހުންނަށް ދަތުރުގެ ހުރިހާ އިންތިޒާމްތައް ހަމަޖައްސައިދީފައިވަނީ، އެއްވެސް އަގަކާއި ނުލައި ސަރުކާރުގެ ފަރާތުންނެވެ. އެމީހުންގެ ކެއުމާއި، އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ކުޅިވަރުގެ ގިނަ ހަރަކާތްތައް ހިމެނެއެވެ.
ކުލަގަދަ ހަރަކާތްތަކާއެކު ކުޑަގިރި ޕިކްނިކް އައިލެންޑް މިހާރު ވަނީ އާއްމުންނަށް ހުޅުވަލާފައެވެ. އަދި ރަށަށް އައި މީހުންނަށް މަރުޙަބާ ކިޔުމުގެ ހަރަކާތްތައްވެސް ކުރިއަށްގެންދިޔައެވެ. މިފަދަ ޚިދުމަތެއް ރައްޔިތުން ބަލައިގަތީ އުފަލާއެކުއެވެ.
"މާލެއިން މިފަދަ ޚިދުމަތެއް ލިބެން ނެތި ޒަމާންތަކަކަށްފަހު، މި ލިބުނީ އުއްމީދުވެސް ނުކުރާހާ ފުރިހަމަ ރަށެއް." ކުޑަގިރިއަށް ދަތުރުދިޔަ އާއްމު ރައްޔިތަކު ފާހަގަކުރިއެވެ.
ކުޑަގިރިއަށް ދަތުރުދާ މީހުންނަށް ފަސޭހަ އިންތިޒާމްތައް އެޗްޑީސީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން އެކި ތާރީޚުތަކަށް ދަތުރު ޕްލޭންކުރުމާއި، ބުކިން ހެއްދުމާއި، ޚިދުމަތްތަކަށް ބުކިން ހެއްދުމުގެ ފުރުޞަތުވެސް އެޕްލިކޭޝަން މެދުވެރިކޮށް ލިބެއެވެ.
"އަޅުގަނޑުމެން އޮންލައިންކޮށް ބުކިން ހެދީ. ވަރަށް ފަސޭހަ. ހުރިހާ މަޢުލޫމާތަކާއި އަގުތަކާއި އަދި އެކްޓިވިޓީތަކުގެ މަޢުލޫމާތުވެސް ފަސޭހައިން ބަލާލެވޭ." އާއިލާއާއެކު އެރަށަށް ދަތުރުދިޔަ މީހަކު ބުންޏެވެ.
ރަށުގައި ހަދާފައިވާ އަށިތައްވެސް ހުރިީ ބޭނުންވާނެ ހުރިހާ ޚިދުމަތްތަކާއެކުގައެވެ.
"މި އަށީގައި ކައްކަން ގޭހާއި އުނދުން އެބަހުރި، ފެނާއި ކަރަންޓު އެބަހުރި. ވަރަށް ފަސޭހަ." ރަށުން ވާހަކަދެއްކި މީހަކު އެބަހުއްޓެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑްގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ރަށް ބޭނުންކުރެވެއެވެ. ރަށުގެ ހުރިހާ ހިސާބުތަކަށް ފުރޮޅުލީ ގޮންޑީގައި ދެވޭގޮތަށް، މުޅި ރަށް ވަށައިގެން ވޯކްވޭ ވަނީ ހަދާފައެވެ.
"މިއީ ނުލިބޭ ފުރުޞަތެއް. ގޮނޑީގައި އުޅޭ މީހަކަށް އަތިތި ގޮޑުދޮށުގައި ކުރާ ކަމެއްގައި ބައިވެރިވެލަން ވަރަށް ނުލިބޭ. އެކަމަކު މިރަށުގައި މޫދަށް ދާންވެސް ރޭމްޕް އެބަހުރި. އަދި އަޅުގަނޑުމެންގެ ގޮނޑި ފަސޭހައިން ޗާޖަށްވެސް ޖަހާލެވޭ." ރަށް ހުޅުވާލުމުގެ ރަސްމިއްޔާތުގައި ބައިވެރިވި، ފުރޮޅުލީ ގޮނޑީގެ އެހީގައި ދިރިއުޅޭ މީހަކު ކިޔައިދިނެވެ.
ރަށުގައި ކުޑަކުދިންނަށް ޚާއްސަ ގިނަ ކަންތައްތަކެއް ހިމެނެއެވެ. އެގޮތުން ކުޑަކުދިންގެ ޕްލޭ އޭރިއާއާއި، ވޯޓަރ ސްލައިޑް، ކުޑަކުދިންގެ ޕާކު އަދި ކުޑަކުދިންނާ ގުޅޭ ގިނަ އެކްޓިވީތައް ހިމެނެއެވެ.
"ކުޑަގިރިން ފެންނަ ކުރެހުންތަކާއި، ކުލަތައް ވަރަށް ރީތި. މޫދަށް އެރިލާ ކުޅެލާ، އާއިލާ ކުދިންނާއެކީ ވަރަށް މަޖާ." ދަތުރު ދިތަ ތުއްތު ކުދިންވެސް ތިބީ އުފަލުންނެވެ.
ކުޑަގިރި އާއްމުންނަށް ހުޅުވާލީ، ދަތުރުދާ ރަށަކުން ލިބޭނެ ގިނަ ޚިދުމަތްތަކާއެކުގައެވެ. ކުޅިވަރު ކުޅޭ ސަރަޙައްދުތަކާއި، މޫދު ކުޅިވަރާ، ޑައިވް އަދި ކެފޭވެސް ހިމެނެއެވެ. އަދި ރަށުގައި އާއްމުކޮށް ބޭނުންވާނެ ހުރިހާ ޚިދުމަތްތައްވެސް ޤާއިމުކޮށްފައިވެއެވެ.