ޚަބަރު

ކުޑަގިރި ތަރައްޤީކުރީ ދުޅަހެޔޮ ބަދަހި މުޖުތަމަޢެއް ބިނާކުރަން: ރައީސް


ކުޑަގިރި ތަރައްޤީކުރުމުގެ މައިގަނޑު މަޤްސަދަކީ ދުޅަހެޔޮ ބަދަހި މުޖުތަމަޢެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރުދިޔުމަށް ތަރައްޤީކުރި ކުޑަގިރި ހުޅުއްވާދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުޑަގިރީ ހުޅުވާދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ޤައުމެއްގެ ގޮތުގައި ކުރިއަރައި ދިޔުމުގައި ދުޅަހެޔޮ ބަދަހި ޖީލެއް ބިނާކުރަންޖެހޭކަމަށެވެ. އެހެންކަމުން މިފަދަ މުޖުތަމަޢެއް ބިނާކުރުމަށް ކުޑަގިރި މަޝްރޫޢަކީ މުހިއްމު މަޝްރޫޢެއްކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ތޮއްޖެހިގެން، ނަފްސާނީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ދިރިއުޅޭ ފަރާތްތައް ދުޅަހެޔޮ ބަޔަކަށް ހެދުމަކީ ކުޑަގިރި ތަރައްޤީކުރި މައިގަނޑު މަޤްސަދުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޤައުމެއް ކުރިއަރާނީ އެޤައުމެއް ނިސްބަތްވާ ރައްޔިތުންނަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވެގެން. ކުޑަގިރި ޕިކްނިކް އައިލެންޑްގެ އެންމެ ބޮޑު ބޭނުމަކީ ދުޅަހެޔޮ ބަދަހި މުޖުތަމަޢަކަށް މަގުފަހިކުރުން. އިޖުތިމާޢީ ގުޅުމާއި މުޖުތަމަޢުގެ ހަމަޖެހުން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ މުހިއްމު އަމާޒެއް." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެ ސަރަޙައްދުގެ ރައްޔިތުން ދަތުރު ދިޔުމަށް މީގެކުރިން ބޭނުންކުރި ކުޑަބަނޑޮސް އޭރުގެ ސަރުކާރުން ނެގުމަކީ ގިނަ ބަޔަކަށް މާޔޫސްކަން ގެނުވިކަމެއްކަމަށެވެ. އަދި މިވީ 10 އަހަރުތެރޭގައި ރާއްޖޭގެ އެހެން ރަށްރަށުން ލިބެންހުރި ހިތްފަސޭހަ، ހިތްގައިމު މާޙައުލުން މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތައް މަޙުރޫމްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ބީވެގެންދިޔަ އެއުފާވެރި ވަގުތުތައް ޢާއިލާއާއި އެކުވެރިންނާއެކު ހޭދަކޮށް، ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް ކުޑަގިރިއަކީ ލިބިގެންދާ ފުރުސަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ކުޑަގިރި ހުޅުވާ ޚިދުމަތް ދޭން ފެށުމުން ކުރެވޭ ތަޖުރިބާތަކުގެ އަލީގައި ގެންނަންޖެހޭ ބަދަލުތައް ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ އެޗްޑީސީއަށް އިލްތިމާސްކުރައްވާފައެވެ. އަދި ޢާއިލާއާއި އެކުވެރިންނާއެކު ހޭދަކުރެވިފައިވާ ޒަމާންވީ ހަނދާންތައް އައުކުރެވޭނެފަދަ ކަންކަން ކުޑަގިރީގައި ޤާއިމުކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުން އެކަކު އަނެކަކަށް އިޙްތިރާމްކުރުމަށްވެސް އެދިވަޑައިގަންނަވާފައެވެ.

ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ކުޑަގިރިއާއި ޖެހިގެން ސްކޫލް ކުދިން ކޭމްޕް ކުރުމަށް ޚާއްސަ ރަށެއް ތަރައްޤީކުރުމަށް އެމަނިކުފާނު މީގެކުރިން ޢިއުލާންކުރެއްވި މަޝްރޫޢު އަވަހަށް ނިންމަވާދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

"މި ރަށް ޑިވެލޮޕްކުރަމުން އައިއިރު މިރަށާ ޖެހިގެން އަދި ކުޑަ ރަށެއް ޑިވެލޮޕްކުރާނެ ވާހަކަ އަޅުގަނޑުވާނީ ޢިއުލާންކޮށްފައި. އެއީ އެޑިއުކޭޝަން ދާއިރާގައި ތަޢުލީމު އުނގެނެމުންދާ ދަރިވަރުން ދަތުރުދާނެ އަދި ކޭމްޕްކޮށް، ސްކައުޓް އަދި ގާލްގައިޑުންނަށް އެޚިދުމަތް ލިބޭނެ ގޮތަށް ތަރައްޤީކުރެވޭ ރަށެއް. ކުޑަގިރި އެޗްޑީސީއާއި ޙަވާލުކުރި ދުވަހު އަޅުގަނޑުވާނެ އެކަން ޝަރުތުކޮށްފައި. އެޗްޑީސީން މިތަން ހުޅުވާ ޚިދުމަތްދޭއިރު އެރަށްޖެހޭނެ މިތަނުގައި އޮންނަން. އަޅުގަނޑުގެ އުއްމީދަކީ އަދި އިލްތިމާސަކީ މިކަން އެޗްޑީސީއިން ލަސްނުކޮށް އެޑިއުކޭޝަން އަދި ސްކޫލް ދަރިވަރުނަށް ކޮށްދިނުން." ރައީސް ވިދާޅުވިއެވެ.

މިއީ ސްކައުޓުންނާއި ގައިޑުންގެ ޚާއްސަ ކޭމްޕްތަކާއި އެނޫންވެސް ތަޢުލީމާއި ގުޅުންހުރި ކޭމްޕްތަކުގައި ދަރިވަރުން ދިއުމަށް ތަރައްޤީކުރާ ރަށެކެވެ.