ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވާ ދުވަހުގެ ބުކިންއަށް ފުރުޞަތު ހުޅުވާލިތާ 5 ގަޑިއިރުގެ ތެރޭގައި ބުކިން ފުލްވެފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ވިދާޅުވީ މި ފުރުޞަތު ހުޅުވާލުމާއެކު އާއްމުންގެ ބޮޑު ތަރުޚީބެއް ލިބިފައިވާކަމަށެވެ.
މުޅި ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތްތަކާއެކު ކުޑަގިރި އާއްމުންނަށް ހުޅުވާލާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ހޮނިދުވަހަށް ބުކިން ހެއްދުމަށް ހުޅުވާލީ 300 މީހުންނަށެވެ. ބުކިންއަށް ހުޅުވާލީ މިއަދު ހަވީރު 16:00ގައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން، އެޗްޑީސީން ވިދާޅުވީ ބުކިންއަށް ހުޅުވާލިތާ 5 ގަޑިއިރުތެރޭގައި، ބުކިން އެއްކޮށް ފުލްވެފައިވާކަމަށެވެ.
ކުޑަގިރި ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި، މި މަސައްކަތުގައި ބައިވެރިވި ކުންފުނިތަކުންވެސް ބައިވެރިވާނެއެވެ. އަދި ހުޅުވާލާ ދުވަހުގެ ހުރިހާ ހަރާކާތްތައްވެސް ކުރިއަށްގެންދާނީ، އެ ދުވަހު ރަށަށް ދަތުރުދިއުމަށް ބުކިން ހައްދާފައިވާ އާއްމު ރައްޔިތުންނަށްވެސް ބައިވެރިވެވޭގޮތަށެވެ.
ކުޑަގިރީގައި ދަތުރުދާ ރަށަކުން ބޭނުންވާނެ ހުރިހާ ޚިދުމަތްތައް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ދަތުރުދާ މީހުން ތިބުމަށް ޚާއްސަ ހަޓުތަކާއި، ޑޭ ރޫމާއި، ކެފޭ، ފިހާރަ އަދި ވޯޓަރ ސްޕޯޓްސްއާއި އަދި ރަށު ތެރޭގައިވެސް ގިނަ ކުޅިވަރުތައް ކުޅެވޭނެ ފެސިލިޓީ ވަނީ ހަދާފައެވެ.
ރައް ހުޅުވަލުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި މި ހުރިހާ ކަންތައްތަކެއް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދޭނެއެވެ.
ސަރުކާރުން ނިންމާފައިވަނީ ހަފްތާ ބަންދާ، ސަރުކާރު ބަންދު ދުވަސްތަކުގައި އެއްވެސް ފީއަކާއި ނުލާއި ރަށަށް ދަތުރުދެވޭ ގޮތަށެވެ. އެގޮތުން އެ ދުވަސްތަކުގައި ފެރީ އަދި އެންޓްރެންސް ފީވެސް މުޅިން ހިލޭ ވާނެއެވެ.
ރަށް ހުޅުވާލާ ދުވަހު 300 މީހުންނަށް ފުރުޞަތު ދިން ނަމަވެސް، އާއްމު އުސޫލުން ދުވާލަކު 500 މީހުންނަށް ރަށް ބޭނުންކުރެވޭނެއެވެ.
ކުޑަގިރީގައި މިހާރު ކުރިއަށްދަނީ ރަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. ކުޑަގިރީގެ ޚިދުމަތްތައް ދިނުމަށް 60 މުވައްޒަފުން ވަނީ ނަގާފައެވެ. އަދި ދަތުރުދާ މީހުންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކާއި، އަދި ބޭނުންވާ ތަކެތިވެސް އެތަނުން ލިބޭގޮތަށް ކަންކަން ވަނީ ހަމަޖައްސާފައެވެ.