ޚަބަރު

ކުޑަގިރީގެ ފެރީގެ އަގަކީ 25 ރުފިޔާ، ސަރުކާރު ބަންދު ދުވަސްތައް މުޅިން ހިލޭ


ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި އެއްވެސް ފީއަކާއި ނުލާ ކުޑަގިރިއަށް ދަތުރުދެވޭގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ވަނީ ކުޑަގިރި ހުޅުވުމަށް ވަމުންދާ ފަހުގެ ތައްޔާރީތައް މިއަދު ބައްލަވާލައްވާފައެވެ.

ކުޑަގިރި ހުޅުވުމަށް ވަމުންދާ ފަހުގެ ތައްޔާރީތައް ބައްލަވަލެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ބަންދު ދުވަސްތަކުގައި، ކުޑަގިރިއަށް ދަތުރުކުރާ ފެރީއަށް ދައްކަންޖެހޭ ފައިސާވެސް އަދި ރަށަށް އެތެރެވުމަށް ދައްކަންޖެހޭ ފީވެސް ދައްކަން ނުޖެހޭނެކަމަށެވެ. އަދި މިފަދަ ދުވަސްތަކުގައި ރަށް ބޭނުންކުރެވޭނީވެސް ދިވެހިންނަށް އެކަނިކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނައިބްރައީސް ވިދާޅުވީ ޕިކްނިކް އައިލެންޑްގެ ބޭނުމަކީ ރައްޔިތުންނަށް އުފާވެރިވަގުތކޮޅެއް ހޯދައިދިނުންކަމަށާއި މި ރަށުން ކުޑަކުދިންނާއި ޚާއްސައެހީއަށް ބޭނުންވާ މީހުންނަށްވެސް ޚިދުމަތް ލިބޭނެގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ.

"މިރަށުގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށް ވަކި ސަރަޙައްދެއް ކަނޑައެޅިފައިވާނެ. ސިންގަލް ޔޫސް ޕްލާސްޓިކް މިރަށަކަށް ނޭރުވޭނެ. މިރަށަކީ އެންމެންގެ ރަށެއް. ރަށް ރީތިކޮށް ބޭއްވުން މުހިއްމު." ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވިއެވެ.

ބަންދު ދުވަސްތަކުގައި ފީ ނުނެގުމަށް ނިންމާފައިވަނީ، އާއްމުންނަށް ލުއިފަސޭހަކޮށްދިނުމާއި ވީހާވެސް ގިނަ މީހުންނަށް ރަށަށް ދަތުރުދިއުމުގެ ފުރުޞަތު ދިނުމަށެވެ. ކުޑަގިރިއަށް ދަތުރުދާ ދިވެހިން ފެރީއަށް ދައްކަންޖެހޭނީ ކޮޅަކަށް 25 ރުފިޔާއެވެ. އަދި އެންޓްރެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 50 ރުފިޔާއެވެ. އަދި 12 އަހަރުން ދަށުގެ ކުދިން ނަގަާނީ މި އަގުތަކުގެ ދެބައިކޮށްފައި އެއްބައެވެ.

8 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރި ކުޑަގިރިއަކީ، ދަތުރުގޮސް އުޅޭއިރު ބޭނުންވާނެ ހުރިހާ ޚިދުމަތެއް ޤާއިމުކޮށް ހުޅުވާ ފުރަތަމަ އާޓިފިޝަލް ޕިކްނިކް އައިލެންޑެވެ. ގުދުރަތީގޮތުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި އޮންނަ ފަދަ ފިނޮޅެއް މިރަށުގައިވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން 1.5 ހެކްޓަރުގެ ފިނޮޅެއްވަނީ ތަރައްޤީކޮށް ދަތުރުދާ މީހުން މޫދަށް އެރިލާނެ ހިތްގައިމު ސަރަޙައްދުތަކެއްވެސްވަނީ ތަރައްޤީކޮށްފައެވެ.

މާލެއިން 10 މިނެޓުގެ ލޯންޗު ދަތުރެއްކޮށް ދެވޭހާ ކައިރީގައި އޮތް ކުޑަގިރި ޕިކްނިކް އައިލެންޑުގައި އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީވަނީ ޤާއިމުކޮށްފައެވެ.

ކުޑަގިރި ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، އެރަށް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.