ޚަބަރު

"ގްރީން ފައިނޭންސް" އަށް އަހުލުވެރިކުރުމަށް މަސައްކަތު ބައްދަލުވުމެއް


ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތަކަށް "ގްރީން ފައިނޭންސް" އާގުޅޭގޮތުން މަޢުލޫމާތުދިނުމަށް މަސައްކަތު ބައްދަލުވުމެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރިއަށް ގެންގޮސްފިއެވެ.

"ޕްރިވެންޝަން އޮފް މެރިން ލިޓަރ އިންދަ ލަކްޝަޑްވީޕް ސީ" (ޕްރޮމިސް) ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި އުފައްދައި ބޭނުންކުރުން ޕްރޮމޯޓުކުރުމަށް، ޔޫރަޕްގެ އިއްތިޙާދުގެ މާލީ އެހީއާއެކު ދިވެހިރާއްޖެއާއި ސިރީލަންކާއާއި އިންޑިއާގައި މޫދަށް އެޅޭ ކުނިބުނި މަދުކޮށް ރައްކާތެރިކަމާއެކު އެތަކެތި މެނޭޖުކުރުމަށް، އުފައްދާފައިވާ ޕްރޮޖެކްޓެކެވެ.

މި މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން ވަނީ ރަނގަޅުގޮތުގައި ކުނިބުނި މެނޭޖް ނުކުރެވުމުގެ ސަބަބުން މޫދަށް އެޅޭ ކުނި ގިނަވެ، އޭގެ ސަބަބުން ކަނޑުގެ ދިރުމަށް ލިބެމުންދާ ގެއްލުމާއި މޫދު ތަޢައްޔަރުވުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ފާހަގަކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ރާއްޖެއާއި ދުނިޔޭގައި އިތުރުވަމުންދާ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތްތަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ކުރުމަށް ދިވެހި ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށެވެ.

އެމް.އެން.ޔޫއިން ވިދާޅުވީ، މޫދަށް އެޅޭ ކުނި މަދުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އުފައްދާ ކުނިބުނި ރަނގަޅުގޮތުގައި މެނޭޖުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލުމަށް އެހީތެރިވެދިނުމުގެ ގޮތުން، ޕްރޮމިސް ޕްރޮޖެކްޓުން ތަފާތު އެތައް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ކުނިބުނި ތިމާވެއްޓާ ރައްޓެހިގޮތުގައި މެނޭޖްކޮށް ނައްތާލުމާއި ފެން އިޤްތިޞާދު ކުރުމާއި، އިއާދަކުރުވަނިވި ހަކަތަ އުފެއްދުމަށް އެހީތެރިވުމަކީ މިޕްރޮޖެކްޓްގެ އެއް އަމާޒެވެ.

އެގޮތުން ކުދި ވިޔަފާރިތަކާއި، މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން "އެމް.އެސް.އެމް.އީ ގްރީން ފައިނޭންސް" މަސައްކަތު ބައްދަލުވުމެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ވަނީ ބާއްވާފައެވެ.

މިއަދު ބޭއްވި "އެމް.އެސް.އެމް.އީ ގްރީން ފައިނޭންސް" މަސައްކަތު ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތްކުރާ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުން ބައިވެރިވިއެވެ. އަދި ފައިނޭސިންގް އިންސްޓިޓިއުޝަންސް ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، އެސް.އެމް.އީ ފައިނޭންސް ކޯރޕަރޭޝަން، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީ ބައިވެރިވެ އެފަރާތްތަކުގެ ފައިނޭންސިން ސްކީމްއާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނެވެ.

މީގެ އިތުރުން ޓެކްނޯލޮޖީ ޕްރޮވައިޑަސްގެ ގޮތުގައި ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ސްޓެލްކޯއިން ޓެކްނިކަލް ބޭފުޅުން ބައިވެރިވެ ވަޑައިގެން މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ކަމާއިބެހޭ އޮފީސްތަކުންނާއި މުއައްސަސާތަކުން އަދި އެސޯސިއޭޝަންތަކުން، އެންވަޔަރަމެންޓަލް އެންޖީއޯތަކުން، އަދި އިންޓަރނޭޝަނަލް ބައެއް އޭޖެންސީތަކާއި އެކަޑެމިއާއިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.