ރިޕޯޓް

ފުވައްމުލަކު ތުނޑި: ހިތްގައިމު ރީތި ދޮންވެލި ތުނޑިއެއް


ފުވައްމުލަކަކީ ރާއްޖޭގެ އެހެން ރަށްތަކާއި ތަފާތު ގުދުރަތީ ރީތީ މުއްސަނދިކަމެއް ލިބިފައިވާ ރަށެކެވެ. އެހެން އަތޮތަކާ ވަކިން އެކަހެރިކޮށް އުފެދިފައި އޮންނަ ފުވައްމުލަކުގެ އެންމެ ހިތްގައިމު އެއް ތަނަކީ އެރަށު ތުނޑިއެވެ. އެރަށު މީހުންގެ ބަހުރުވައިންނަމަ "ތޫނޑު"އެވެ. ފުވައްމުލަކު ތުނޑީގެ ރީތި ދޮންވެލިގަނޑުމަތީގައި ހިތްހަމަޖައްސާލަން ފުވައްމުލަކު ކުދި ބޮޑު އެތައް ސަތޭކަ ބަޔަކު ކޮންމެ ހަފްތާ ބަންދަކު އެތަނަށް ގޮސް ޢާއިލާޔާއެކު ވަގުތު ހޭދަކުރާކަން ފާހަގަކުރެވެއެވެ.ފުވައްމުލަކު ތުނޑިއަކީ ލައްގަމުން އައުވަމުންދާ ރީތި ދޮންވެލިން ފެތުރިފައިވާ ވެލިގަނޑެއް ލާފައި އޮންނަ  ތަފާތު ތުނޑިއެކެވެ. މި ބޮޑު ތުނޑި ފާހަގަކުރެވިފައިވަނީ ރާއްޖޭގައި މި އޮތް އެއްހާހަށްވުރެ ގިނަ ޖަޒީރާގެ އެހެން ރަށްރަށާ ވަރަށް ތަފާތު ސިފަތަކެއް ލިބިގެންވާ ތަކެއްގެ ގޮތުގައެވެ. އެތަނަށް ލައްގާ ވެލިފުށްތަކުގެ ސައިޒާއި އޮމާންކަމާއި ރީތިކަން އެހެން އެއްވެސް ރަށަކަށް ލައްގާ ވެއްލާ އެއްގޮތެއް ނޫނެވެ. އަދި އެ ވެލީގައި ހިރަފުސް ހަރުލުން ކުޑަކަމާއި ވެލިފުށްތަކުގެ ބޮޑަތި ކަމާއި މި ނޫންވެސް ރީތި އެތައް ސިފަތަކެއް ފާހަގަކުރެވެއެވެ. މި ރީތި ތުނޑީގެ ހިތްގައިމުކަން އިޙުސާސްކޮށްލުމަށް އެރަށުގެ ކުދި ބޮޑު އެތައް ބަޔަކު ތުނޑިއަށް ގޮސް ވަގުތު ހޭދަކުރަމުންދެއެވެ. އޭގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި، ޒުވާނުންނާއި އަދި ޗުއްޓީ ހޭދަކޮށްލަން އެރަށަށް ޒިޔާރަތްކުރާ އެހެން ރަށްރަށުން މީހުން ހިމެނެއެވެ. ބައެއް ފަރާތްތަކުން ތަފާތު ކުޅިވަރުތައް ކުޅުމުގައި ޙަރަކާތްތެރިވާއިރު، ކުޑަކުދިންނާއި ބައެއް ޒުވާނުން ފެންނަނީ މޫދަށް އެރޭ މަންޒަރެވެ. މިއީ އެމީހުން ދެކޭ ގޮތުގައި ޢާއިލީ ގުޅުން ބަދަހިވެ، އިޖުތިމާޢީ ގުޅުންވެސް ރަނގަޅުވާނެ ކަމެއް ކަމަށެވެ. ތޫނޑަކީ ފުވައްމުލަކަށް ލިބިގެން ފަޚުރެއްގެ ގޮތުގައި ދެކޭ ފުވައްމުލަކުގެ ބައެއް މީހުން ޕީއެސްއެމްއާ ވާހަކަދަކަމުން ބުނީ، ތުނޑިއަށް ޢާއިލާއާއެކު އެތަނަށް ދިއުމަކީ އެމީހުންގެ ބޮޑު އުފަލެއް ކަމަށެވެ. ފުވައްމުލަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެވެސް އެންމެ މަޤްބޫލު ތަނަކަށްވެފައި އޮންނަނީ އެރަށު ތުނޑި ކަމަށް ފުވައްމުލަކު ރައްޔިތުން ބުނެއެވެ. ފުވައްމުލަކު ތުނޑިއަށް ޒިޔާރަތްކުރާ އެހެން ރަށްރަށުގެ މީހުންވެސް އެތަން އާދަޔާ ޚިލާފު ރީތި ތަނެއްގެ ގޮތުގައި ސިފަކުރެއެވެ. އަދި އެތަނަށް ޒިޔާރަތްކުރި ވާހަކަ ފަޚުރުވެރިކަމާއެކު ބުނޭވެސްމެއެވެ.