ޚަބަރު

ދިއްގަރު ލޯންޗެއްގައި އަލިފާން ރޯވެ 2 މީހަކު ފިހިއްޖެ


މ. ދިއްގަރު ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، 2 މީހަކު ފިހިއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާން ވިދާޅުވީ، މި ޙާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:50 ހާއިރު ކަމަށެވެ. މި ޙާދިސާގައި ރޯވެފައިވަނީ "އަސުރުމާ" ނަމަކަށް ކިޔާ 23 ފޫޓުގެ ލޯންޗެއްގައެވެ.

ޙާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިއެއްކަމަށާއި، ލޯންޗުގައި ރޯވުމާއެކު އެ ދެމީހުންވެސް ސަލާމަތްވުމަށް މޫދަށް ފުންމާލިކަމަށް ނިޝާން ވިދާޅުވިއެވެ.

މި ޙާދިސާގައި ދެމީހުންނަށްވެސް އެކިވަރުގެ ޒަޙަމްތައް ލިބިފައިވާކަމަށާއި، ކެޕްޓަންގެ ފައި ވަރަށް ބޮޑަށް ފިހިފައިވާކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. އަދި އިތުރު ފަރުވާއަށް ދެ މީހުންވެސް މިހާރު މާލެގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ނިޝާން ވިދާޅުވިއެވެ. މި ދެމީހުންނަކީވެސް ދިއްގަރަށް ނިސްބަތްވާ ދެ ދިވެހިންނެވެ.

ނިޝާން ވިދާޅުވީ، ލޯންޗުގައި އަލިފާން ރޯވީ، އިންޖީނު ސްޓާޓްކުރަން އުޅުމުގެ ތެރޭގައި ބާރު އަޑެއް ކިޔުމަށްފަހުކަމަށެވެ. އަދި ބޮޑަށް ބެލެވެނީ ރޯވާން ދިމާވީ ބެޓްރީ މައްސަލައެއްގެ ސަބަބުންކަމަށެވެ.

މި ޙާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ގާތްގަނޑަކަށް ބައިގަޑިއިރުގެ މަސައްކަތަށްފަހުކަމަށް ނިޝާން ވިދާޅުވިއެވެ.

ލޯންޗުގައި ޕެޓްރޯލްވެސް ހުރުމާއެކު، ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލާފައިވަނީ ލޯންޗު ފަޅުތެރެއަށް ފައްތާލައިގެންނެވެ. އަދި މިހާރު ލޯންޗު އެއްގަމަށް އަރުވާފައިވާކަމަށް ނިޝާން ވިދާޅުވެއެވެ.

ލޯންޗުގެ އިންޖީނުގައި އަލިފާން ރަނގަޅަށް ނުހިފެނީސް ފައްތާލެވުނީތީ އިންޖީނު ސަލާމަތްކުރެވުނު ނަމަވެސް، ލޯންޗު ބޭނުންނުކުރެވޭވަރަށް އެއްކޮށް ވަނީ ހަލާކުވެފައެވެ.