ޚަބަރު

ޖަނަވަރީމަހު ރާއްޖެއަށް ރެކޯޑު ޢަދަދަކަށް ފަތުރުވެރިން


ޖަނަވަރީމަހު ރާއްޖެއަށް ރެކޯޑު ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ނިމުނު ޖަނަވަރީމަހު ރާއްޖެއަށް 172535 (އެއް ލައްކަ ހަތްދިހަ ދެ ހާސް ފަސް ސަތޭކަ ތިރީސް ފަހެއް) ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.

މި ޢަދަދަކީ މިދިޔަ އަހަރު އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 131762 (އެއް ލައްކަ ތިރީސް އެއް ހާސް ހަތް ސަތޭކަ ފަސްދޮޅަސް ދޭއް) ފަތުރުވެރިންނާއި އަޅާ ބަލާއިރު، 30.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި ކޯވިޑުގެ ކުރިން 2019 ވަނަ އަހަރުގެ ޖަނަވަރީމަހު ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 151552 (އެއް ލައްކަ ފަންސާސް އެއް ހާސް ފަސް ސަތޭކަ ފަންސާސް ދޭއް) ފަތުރުވެރިންނާއި އަޅާ ބަލާއިރު 13.8 އިންސައްތަ އިތުރު އަދަދެކެވެ.

ޖަނަވަރީމަހު ރާއްޖެއަށް ރެކޯޑު ޢަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު، މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ.

ޖަނަވަރީމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް:

■ ރަޝިއާ – 24154 ފަތުރުވެރިން
■ އިންޑިއާ – 19390 ފަތުރުވެރިން
■ އިޓަލީ – 17159 ފަތުރުވެރިން

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާއެކު އެޤައުމުންވެސް މިހާރު ރާއްޖެއަށް ފަތުރުވެރިންވަނީ އަންނަން ފަށާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ޗައިނާއަކީ ރާއްޖެއަށް މިހާރު 8 ވަނަ އަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން ޖެނުއަރީމަހުގެ ތެރޭ ޗައިނާއިން ރާއްޖެއަށް 5985 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނެވެ. މިއާއެކު ރާއްޖެއަށް ގިނަ ޢަދަދެއްގެ އެއަރލައިންތަކަކުންވެސް ދަނީ ދަތުރުތައް ބާއްވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ބައިނަލްއަޤްވާމީ 36 އެއަރލައިނަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ.

ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިންނެވެ. މި އަމާޒު ވަނީ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ހާސިލްވެފައެވެ. އަދި މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.