ރިޕޯޓް

ބަހާއި މެދު ދިވެހިންގެ މެދުގައި ހޭލުންތެރިކަން ދަނީ އިތުރުވަމުން


ދިވެހިބަހާމެދު ދިވެހިންގެ މެދުގައި ހޭލުންތެރިކަން އިތުރުވަމުން އަންނަކަމަށް ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވެއްޖެއެވެ. ދިވެހިބަހުގެ އެކަޑަމީން މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިވްސްއިން ގެނެސްދޭ ކަވަރޭޖަށް މިއަދު ދެއްވި އިންޓަރވިއުއެއްގައެވެ.  ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ކަންބޮޑުވުންތަކެއް ހުރިކަން ދިވެހި ބަހުގެ އެކަޑަމީން ފާހަގަކުރައްވައެވެ. ބަވަނަވަމުންދާ ދުނިޔޭގައި އެހެން ބަސްތަކުގެ ހިޔަނި ދިވެހި ބަޔަށް އެޅެމުންދާކަމީ ފާހަގަކޮށްލެވޭކަމެކެވެ. އެގޮތުން ދިވެހި ލަފްޒުތަކުގެ ބަދަލުގައި ބޭރުގެ ބަސްތައް ބޭނުންކުރުމަކީ ބަސް ހަލާކުވުމަށް މެދުވެރިވާ ސަބަބެއްކަމަށް ބަހުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.  ކަންބޮޑުވުންތަކެއް ހުރުމާއެކުވެސް، މާދަރީ ބަހުގެ ދުވަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، އެކިއެކި ރަށްރަށުންނާއި ކަމާބެހޭ އިދާރަތަކުން ބަދަލުކުރައްވާ ލިޔުންތަކުން ބަހުގެ ހޭލުންތެރިކަން ދިވެހިންގެ މެދުގައި އުފެދެމުން އަންނަކަމަށް ފާހަގަކުރެއްވޭކަމަށެވެ. ދިވެހި ބަހަކީ ފެންވަރު ހުރި، ރަނގަޅު ބަހެއްގެ ގޮތުގައި ހެއްދެއްވުމަށް ހުރިހާ ފަރާތްތަކުން މަސައްކަތްކުރެއްވުމަށް އަޝްރަފް އިލްތިމާސްކުރެއްވިއެވެ.ދިވެހި ބަސް ކުރިއެރުވުމުގައި ދިވެހި ޒުވާނުންގެ ދައުރަކީ މުހިއްމު ދައުރެއްކަން އަޝްރަފް ފާހަގަކުރެއްވިއެވެ. އެގޮތުން މުޢާމަލާތުކުރުމާއި މުވާޞަލާތުކުރުމުގެ ޓެކްނޮލޮޖީގެ ބޭނުންކުރުމުގެ ތެރެއިން، ދިވެހި ބަސް ކުރިއެރުވުމުގައި ޒުވާނުންގެ ދައުރު މުހިއްމުކަން އަޝްރަފް ފާހަގަކުރެއްވިއެވެ.ދިވެހި ބަސްކުރިއެރުވުމުގައި ދިވެހިންނަށް ގިނަ ގުނަ ފުރުޞަތުތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން ބަހުން މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތުތަކާއި، ފޮތްތައް ލިޔުމާއި، ތަރުޖަމާކުރުމުގެ ކަންކަމީ ފާހަގަކޮށްލެވޭ ކަންކަމެވެ.ދިވެހި ބަސް ދެމެހެއްޓުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަންޖެހެއެވެ. ދިވެހި ބަހަކީ ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ އަގުހުރި އެއްޗެއްކަމުގައި ހެދުމަށް ހުރިހާ ފަރާތްތަކުންވެސް ބަހަށް އިހުތިރާމްކޮށް މަސައްކަތްތައް ކުރަންޖެހެއެވެ. މުޖުތަމަޢެއްގައި ދިރިއުޅޭ މީހުންގެ އަމިއްލަވަންތަކަމާއި ތަރިކަ ދައްކުވައިދޭނެ އެއް ކަމަކީ އެބައެއް ވާހަކަ ދައްކާ ބަހެވެ. އެހެން ޤައުމުތަކުގެ މީހުންނާއި ތަފާތުކުރުވާނެ ކަމަކީވެސް އެބައެއްގެ މާދަރީ ބަހެވެ. ދިވެހިން ވާހަކަދައްކާ ދިވެހިންގެ ބަހަކީ ދިވެހިންގެ އަމިއްލަ ވަންތަކަމުގެ ހެއްކެކެވެ.