ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި


ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އަޕަރ ނޯތު ޕޮލިސް (ހއ، ހދ، ށ) ގައި ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުޙުމަތުކޮށް މިދިޔަމަހުގެ 28 ގައި ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން މި މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ ކުއްޖާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން އެ ކުއްޖާގެ އަތޮޅާއި ރަށް ހާމަކޮށްފައެއްނުވެއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަޙުޤީޤުކުރަމުންނެވެ.