ޚަބަރު

ނައިފަރުގައި ޑަޔަލަސިސްގެ ޚިދުމަތް އަންނަމަހު ފަށަނީ


މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ)ގެ ޢިޖްތިމާއީ ޒިންމާގެ ދަށުން، ޅ. އަތޮޅު ހޮސްޕިޓަލުގައި އިމާރާތްކުރި ޑަޔަލަސިސް ސެންޓަރގެ އިމާރާތްކޮށް ނިންމާލައިފިއެވެ. ޅ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، ފުރަތަމަ ބަލިމީހާއަށް މިފެށޭ ފެބްރުއަރީ މަހުގެ 4 ވަނަދުވަހު ޙިދުމަތްދެވިގެން ދާނެކަމަށެވެ.

ޑަޔަލަސިސްގެ ޙިދުމަތް ހޯދުމަށް ރައްޔިތުން ކުރާ ހޭދަ ބޮޑެވެ. ހޭދަ ބޮޑުވާ އެއް ސަބަބަކީ މި ޙިދުމަތް މީގެ ކުރިން އަތޮޅުތެރޭގައި ހުރި މަދު ހޮސްޕިޓަލު ލިބުމެވެ. އެހެންކަމުން ގިނަ މީހުން މި ޙިދުމަތް ހޯދުމަށް ދަނީ މާލެއަށެވެ. މި ޙިދުމަތް އާސަންދައިން ކަވަރ ކުރެވުނަސް ޞީއްޙީ ޚިދުމަތް ހޯދުމަށް ރައްޔިތުންގެ އަތުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ދަތުރު ފަތުރަށާ، ކުއްޔަށެވެ. ޑަޔަލަސިސް ހަދަން ޖެހޭ ބަލިމީހެއްނަމަ އާއްމުކޮށް ކޮންމެ ހަފްތާއަކު ދެފަހަރު ޑަޔަލަސިސް ހަދަން ޖެހެއެވެ. އެހެންކަމުން ޙިދުމަތް ހޯދުމަށް ބޭނުންވާ ގިނަ ފަރާތްތަކުން ދިރިއުޅުން މާލެއަށް ބަދަލުކުރެއެވެ.

ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން ރައްޔިތުން ޙިދުމަތް ހޯދުމަށް ކުރާ ހޭދަ ކުޑަކުރުމަކީ އެންމެ ބޮޑު އެއް އަމާޒެވެ. އެކަންކަން ޙާޞިލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނީ ކުރަމުންނެވެ. އަދި ދުވަހެއް ދުވަހަކަށް އަތޮޅުތަކުގައި ޤާއިމްކޮށްފައި ހުރި ހޮސްޕިޓަލުތަކުން މިފަދަ ބޮޑެތި ޙިދުމަތައް ލިބޭނެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ.

ޅ. އަތޮޅުގައިވެސް މި ޙިދުމަތް ބޭނުންވާ 11 މީހުން އެބަތިއްބެވެ. މިހުރިހާ އެންމެންވެސް ޑަޔަލަސިސް ޙިދުމަތް ހޯދުމަށް ދިރިއުޅެނީ މާލޭގައެވެ.

މި ޙިދުމަތް ޅ. އަތޮޅު ހޮސްޕިޓަލުގައި ފެށުމުން މީގެތެރެއިން 3 އާއިލާއެއް ރަށަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ޅ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި އަނެއް 8 އާއިލާވެސް މިއަހަރުތެރޭގައި ރަށަށް ބަދަލުވުމުގެ އުންމީދު ބޮޑުކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ޖައުފަރު ޢަބްދުﷲ ވިދާޅުވީ، އަންނަ ހަފްތާގައި ފުރަތަމަ ބަލިމީހާއާށް ފަރުވާދިނުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ. އިމާރާތާ މެޝިންތަކާ އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް ޖައުފަރު ވިދާޅުވިއެވެ. މި ޙިދުމަތް ފެށުމަށް މިދިޔަ ނޮވެމްބަރުމަހުވެސް އެ ހޮސްޕިޓަލުން މަސައްކަތްތަކެއް ކުރިއެވެ.

އެހެންނަމަވެސް ނުފެށި ލަސްވެފައި ވަނީ ޑަޔަލަސިސްގެ ޚިދުމަތް ފެށުމަށް ކަނޑައެޅިފައިވާ މިންގަނޑުގެ ތެރޭގައި ހިމެނޭ އޮޕަރޭޝަން ތިއޭޓަރުގައި މައްސަލަތަކެއް ހުރުމުގެ ސަބަބުންނެވެ. މިހާރު އެކަން ހައްލުވެފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އެ ހޮސްޕިޓަލުގައި މި ޙިދުމަތް ފޯރުކޮށްދެނީ އެމް.ޑަބްލިއު.އެސް.ސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރެވުނު މަސައްކަތުންނެވެ.

އެކުންފުނިން ވިދާޅުވީ، އިޖްތިމާޢީ ޒިންމާގެ ދަށުން މިފަދަ ޞިއްޙީ މުހިންމު ޙިދުމަތެއް ލިބޭ ތަނެއް ހެދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މި ސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅޭ ކިޑްނީ ބައްޔަށް ފަރުވާ ހޯދާ ފަރާތަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުންކަމަށެވެ.

މިގޮތުން، މި ސެންޓަރުގެ ސަބަބުން މި ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ ފަރާތްތައް މާލެ އައުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ނުވަތަ އަތޮޅުން ވީހާވެސްގާތުން، ފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަން އެ ކުންފުނިންވެސް ފާހަގަކުރެއެވެ. އަދި ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރަންޖެހޭ ހޭދައާއި، ޚިދުމަތް ހޯދުމުގައި އުފުލަންޖެހޭ ތަކްލީފުތަކަށް މިސެންޓަރުގެ ސަބަބުން ލުޔެއް ލިބިގެންދާނެކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ވިދާޅުވެއެވެ.

މިސެންޓަރުގައި ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ ބަލި މީހުންނަށް ޚާއްސަ 2 އެނދާއި، 1 އައިސޮލޭޝަން ރޫމް އަދި ޑަޔަލަސިސް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަޞީލަތްތައް ވަނީ ޤާއިމްކޮށްފައެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލަސިސް ސެންޓަރު ޤާއިމުކުރުމަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ އިޖްތިމާއީ ޒިންމާގެ ދަށުން ޚަރަދުވެފައިވާއިރު އެމް.ޑަބްލިއު.އެސް.ސީގެ އަމާޒަކީ، ކުރިމަގުގައިވެސް އެ ކުންފުނީގެ ޢިޖްތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމަޢުއަށް ލާބައާއި މަންފާ ލިބިދެނިވި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެކުންފުނިން ވިދާޅުވެއެވެ.