ޚަބަރު

ބަނދަރާއި ގޮނޑުދޮށް ޚިމާޔަތްކުރުމުގެ 3 މަޝްރޫޢެއް އެމްޓީސީސީއަށް


ބަނދަރާއި ގޮނޑުދޮށް ޚިމާޔަތްކުރުމުގެ 3 މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ ތ. ބުރުނީ ބަނދަރު އަޕްގްރޭޑްކުރުމާއި، ގދ. ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ޚިމާޔަތްކުރުމުގެ އިތުރުން ށ. ފުނަދޫ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތެވެ.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާގުޅޭ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.

މި 3 މަޝްރޫޢުގެ ތެރެއިން ތ. ބުރުނީ ބަނދަރުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މި މަޝްރޫޢަށް ޖުމްލަ 58 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. މި މަޝްރޫޢުގެ ދަށުން ބުރުނީ ބަނދަރު 9،800 ކިއުބިކް މީޓަރ ފުންކުރުމުގެ އިތުރުން، ބުރުނީ އައު ބަނދަރު 20،100 ކިއުބިކް މީޓަރ ފުން ކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ބަނދަރަށް ވަންނަ ނެރު 8،400 ކިއުބިކް މީޓަރ ފުންކުރާނެއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 308 މީޓަރު ސޭންޑް ފިލް ބްރޭކްވޯޓަރގެ މަސައްކަތާއި، 46 މީޓަރު ނެރު ފައިކަށި ޖެހުމުގެ މަސައްކަތާއި 181 މީޓަރު ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި 20 ސަބްމާރޖްޑް ބްރޭކްވޯޓަރ ޖެހުމުގެ މަސައްކަތާއި، 276 މީޓަރު އެއްގަމު ތޮށްޓެއްޖަހާ، 35 މަގު ބައްތި ޖެހުމުގެ މަސައްކަތުގެ އިތުރުން 2 ނެރުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

ގދ. ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 400 ދުވަހުން މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 38.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ.

މި މަޝްރޫޢުގެ ދަށުން ފިޔޯރި ބަނދަރު 26،750 ކިއުބިކް މީޓަރު ފުންކުރުމުގެ އިތުރުން، 18،300 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 281 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 155 މީޓަރ ގްރޮއިން ޖެހުމުގެ މަސައްކަތާއި، 166 މީޓަރ އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

ހަމައެހެންމެ 166 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމާއި، 10 މޫރިން ބޮއި ހަރުކޮށް އެކްސެސް ޕްލެޓްފޯމެއް އަޅާނެއެވެ. އަދި 4 ނެވިގޭޝަން ލައިޓު ހަރުކުރުމާއި، 8 މަގު ބައްތި ހަރުކޮށް 760 އަކަ މީޓަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

އެމް.ޓީ.ސީ.ސީއާއި ށ. ފުނަދޫ ގިރާ ސަރަޙައްދު ޚިމާޔަތްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 280 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މިއީ 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

ފުނަދޫއަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. އެގޮތުން ރަށުގެ ދެކުނު ފަރާތުން ބޮޑު ސަރަހައްދެއް މިހާރުވެސް ގިރައިގެންގޮސްފައިވާއިރު، އެ ސަރަހައްދުން އެތައް ރުއްގަހެއް ވަނީ ވެއްޓި ހަލާކުވެފައެވެ. އަދި ރަށުގެ ހުޅަނދު ދެކުނު ފަރާތުން ރަށްގިރުމުގެ ސަބަބުން މީހުން ދިރިއުޅޭ ގެވަޅުތަކާ ހަމައަށް މިކަމުގެ ނުރައްކާ ބޮޑުވެ، އުދަ އަރައިފިނަމަ ރަށުގެ މީހުން ދިރިއުޅޭ ބައެއް ހިސާބުތަކަށް ލޮނުގެ އަސަރުކުރެއެވެ.

މި މަޝްރޫޢުގެ ދަށުން 21،023 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 670 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓެއް ޖަހާނެއެވެ. އަދި 60 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖަހާ ރަށުގެ ގިރާ ސަރަހައްދުތައް ޚިމާޔަތްކުރެވިގެންދާނެއެވެ.