ޚަބަރު

ސ. ފޭދޫގައި 75 ހައުސިންގ ޔުނިޓް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނަށް


އައްޑޫ ސިޓީ ފޭދޫގައި 75 ހައުސިންގ ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމްއެވެ. އަދި އެސްޖޭ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޝިހާދް އިބްރާހީމެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ފޭދޫގައި 2 ލިފްޓު ހިމެނޭ މަލްޓީ ސްޓޯރީ ބިލްޑިންގ އެއްގައި 75 އެޕާޓްމަންޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިމާރާތުގެ ގްރައުންޑް ފްލޯގައި ވިޔަފާރިތަކަށް ޚާއްސަ ކޮމާޝަލް އޭރިއާއަކާއި، ބިލްޑިންގ ސަރވިސް އޭރިއާގެ މަސައްކަތް ކުރާނެއެވެ.


މި މަޝްރޫޢަށް ގާތްގަނޑަކަށް 121 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި އިމާރާތުގެ ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނަކީ 1000 އަކަ ފޫޓެވެ. އަދި ކޮންމެ އެޕާޓްމަންޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރީމް ހިމެނޭނެއެވެ.

މީގެ އިތުރުން މި ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކާއި އާންމު ރައްޔިތުން ހިތްފަސޭހަ މާހައުލެއް ޤާއިމު ކުރުމަށްޓަކާ ޕާކަކާއި، ވެހިކަލް ޕާކިން އޭރިއާއެއް ގާއިމް ކުރާނެއެވެ. އަދި އިމާރާތް ވަށައިގެން އަލި ކުރެވިގެންދާނެއެވެ. މި މަޝްރޫޢު އެސްޖޭ ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.