ޚަބަރު

ގަމު ޓާޝަރީ ހޮސްޕިޓަލާއި، ގައްދޫ ހޮސްޕިޓަލް ތަރައްޤީކުރުމަށް ސްޕެއިން ކުންފުންޏަކަށް


ލ. ގަމުގައި 130 އެނދުގެ ޓާޝަރީ އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށާއި، ގދ. ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސްޕޭންގެ ކުންފުންޏެއްކަމަށްވާ ހޮމްޓް އެސްޕަނިއާއާއި ޙަވާލުކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލެވެ. އަދި ހޮމްޓް އެސްޕަނިއާގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ އެޑުއާރޑޯ އޮލިވޭރިއާއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން މި ދެހޮސްޕިޓަލްގެ އިތުރުން، ކޮންމެ ހޮސްޕިޓަލަކާއި ގުޅިގެން ސްޓާފު އެކަމޮޑޭޝަން ބްލޮކްތަކާއި، މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި، މެޑިކަލް އިކްޕްމަންޓާއި، މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށެވެ.

މުޅި މި މަޝްރޫޢަށް 79,050,022.60 ޔޫރޯ (ހަތްދިހަ ނުވަ މިލިއަން ފަންސާސް ހާސް ބާވީސް ޕޮއިންޓް ހައެއް ސުމެއް) ޚަރަދުވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގެ ދަށުން މި ދެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީ އިންނެވެ.

މި ދެ ހޮސްޕިޓަލް ތެރެއިން ލ. ގަމު ޓަރޝަރީ ހޮސްޕިޓަލް އިމާރާތްކުރުމަށް ދީފައިވަނީ 36 މަސް ދުވަހުގެ މުއްދަތަކެވެ. އަދި ގދ. ގައްދޫ ހޮސްޕިޓަލުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 30 މަސްދުވަހުން ނިންމާގޮތަށެވެ.

މި މަޝްރޫޢަށް ފައިނޭސް ކުރުމަށް ހަމަޖެހިފައިވަނީ، ޑޮއިޗަރ ބޭންކުގެ ފަރާތުންކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.