ޚަބަރު

"އައިސީޓީއަކީ ތަޢުލީމީ ދާއިރާއިން ޚިދުމަތް ދިނުމުގެ މައިގަނޑު އަސާސަކަށް ވާންޖެހޭ"


އައިސީޓީއަކީ ތަޢުލީމީ ދާއިރާއިން ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސަކަށް ވާންޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އިފުތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މެންހަޓަން ބިޒްނަސް ހޮޓެލްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތުން ވަކިވަކި އާބާދީތަކެއްގެގޮތުގައި ދިރިއުޅެމުންދާތީ، ތަޢުލީމީ ދާއިރާވެސް ހިމެނޭހެން ހުރިހާ ދާއިރާއަކުންވެސް އިދާރީގޮތުން ހުރަސްތަކެއް ކުރިމަތިވާކަމަށެވެ. ކަންމިހެން އޮތުމުން ކޮންމެ ރަށެއްގައިވެސް އެންމެފަހުގެ ޒަމާނީ ފެންވަރުގެ ވަޞީލަތްތައް ޤާއިމުކޮށްދިނުމަކީ ޢަމަލީގޮތުން ކުރެވޭނެކަމެއްނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މިކަމަށް ހޯދޭނެ އެންމެ އެދެވޭ ޙައްލުތަކަކީ ކޮބާތޯ ބަލާ، އެކި ކަންކޮޅުތަކުން ހޮވާލެވޭ ސްކޫލުތަކުގައި ސްޓެމް ލެބް، އައިސީޓީ އަދި ސައިންސް ލެބާއި، ވޮކޭޝަނަލް އެޑިއުކޭޝަން ލެބްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ކޯވިޑްގެ ތެރޭގައި އެންމެ ބޮޑަށް ދަސްވި ފިލާވަޅަކީ ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ މުހިއްމުކަން ކަމަށެވެ.

"ކޯވިޑްގެ ބަލިމަޑުކަމުން ޢިބްރަތް ޙާޞިލުކޮށް، ތަޢުލީމީ ދާއިރާއިން އައި.ސީ.ޓީއަކީ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސަކަށް ވާންޖެހޭނެކަމަށް ސަރުކާރުން ޤަބޫލުކުރޭ. މި ސަބަބުތަކަށްޓަކައި ޕްރޮޖެކްޓާ ގުޅުންހުރި ހުރިހާ އިންޓަވެންޝަންތަކެއްގައި ކްރޮސް ކަޓިން-ތީމެއްގެ ގޮތުގައި އައިސީޓީ ވަނީ ހިމަނައިފައި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ވޯލްޑް ބޭންކް ހިމެނޭހެން އެކުލަވާލެވިފައިވާ 10 މިލިއަން ޑޮލަރުގެ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، އޭ.އީ.ޑީ.ޕީއަކީ 5 އަހަރުދުވަހުގެ މުއްދަތަށް ޕްލޭން ކުރެވިފައިވާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ މައިގަނޑު މަޤްސަދަކީ، ޘާނަވީ ތަޢުލީމު ދަރިވަރުންނަށް ފޯރުކޮށްދިނުން އިތުރަށް ފުޅާކޮށް، ޘާނަވީ ގްރޭޑްތަކުގައި ކިޔަވާ ދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމެވެ. މި ޕްރޮޖެކްޓަކީ ސްޓެމް އެޑިއުކޭޝަން ތަޢާރަފުކުރުމާއި، ލިޓްރަސީއާއި ނިއުމެރަސީގެ ހުނަރުތައް އިތުރުކުރުމާއި، ޢާންމު ތަޢުލީމީ ނިޒާމުގެ ތެރެއިން ވޮކޭޝަނަލް އެޑިއުކޭޝަން ތަންފީޒުކުރުމާއި، ޘާނަވީ ތަޢުލީމުގެ ކޮލިޓީ އެޝުއަރެންސް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ހިސާބުން ހޮވާފައިވާ 28 ސްކޫލެއްގައި ސައިސް އާއި އައިސީޓީ އަދި ސްޓެމް އެޑިއުކޭޝަން ހިމެނޭގޮތަށް ވަޞީލަތް ފުރިހަމަ ރިސޯސް ސެންޓަރު ޤާއިމް ކުރެވިގެންދާނެއެވެ.

މީގެ އިތުރުން ޘާނަވީ މަރުޙަލާގެ ދަރިވަރުންގެ ކިބައިގައި ހުނަރުވެރިކަން އަށަގެންނެވުމުގެ މަޤްސަދުގައި ސްކިލް އަދި ސްޓެމް ލެބް ޤާއިމް ކުރުމަށް މި ޕްރޮޖެކްޓްގައި ޕްލޭން ކުރެވިފައިވެއެވެ. މިކަމަށްޓަކައި ސްކޫލްތަކުގައި މިހާރު ހުރި ވަޞީލަތްތައް އިތުރަށް ތަރައްޤީކޮށް ތިމާވެއްޓާއި ރައްޓެހި، "ގްރީން ކޮންސެޕްޓް" ތައް ހިމަނައިގެން ދަރިވަރުންނަށް ކިޔަވައިދިނުން ބައްޓަން ކުރުމަށް މަސައްކަތްތަކެއްވަނީ ފެށިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ޕްރޮޖެކްޓްގެ ދަށުން މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމުގެގޮތުން، މުދައްރިސުންނަށް ބޭނުންވާ ކަރިކިއުލަމް މެޓީރިއަލް އަދި ކިޔަވާދިނުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް އުފެއްދުމުގައި ބޭނުންކުރާނެ ވަޞީލަތްތައް ތައްޔާރުކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ. އަދި މި އެހީގެ ސަބަބުން މުދައްރިސުންގެ ފަންނީ ހުނަރުގެ ބޭނުންހިފައި، ދަރިވަރުންނާ އެކު އިތުރަށް ގުޅިގެން ކިޔަވާދެވޭނެ މާހައުލެއް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށެވެ.

މީގެ އިތުރުން ޓީޗަރުންގެ މޯޓިވޭޝަން، ޕެޑަގޯޖިކަލް ސްކިލްސް އަދި ޤާބިލުކަން އިތުރުކުރުމަށްޓަކައި ސްކޫލް ބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (އެސް.ބީ.ޕީ.ޑީ) އަށް ވެސް މި ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ލިބިގެންދާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.