ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބީލަން ކާމިޔާބު ކުރި ފަރާތަށް އެކަން އަންގާ "ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް" ޙަވާލުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެކުނުގެ އިޤްތިޞާދާއި ޢާއްމު އިޖުތިމާޢީ އެތައް ކަމަކާއި ގުޅިފައިވާ މުހިއްމު އެއަރޕޯޓެކެވެ. އައްޑޫގެ ތަރައްޤީއަށް އަދި އައްޑޫގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ފެންވަރު ރަނގަޅު އެއަރޕޯޓެއް ނެތުންކަމަށް ގިނަ ބަޔަކު ދެކެއެވެ. ދެކުނުގެ ތަރައްޤީގެ މައި ދޮރާށި އަޕްގްރޭޑްކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުއަށް ބީލަން ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތި ލީ ކުންފުނިތަކުގެ ތެރެއިން ބީލަން ކާމިޔާބު ކުރި ފަރާތަށް މިހާރު އެކަން އަންގާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވީ، އެކަން އަންގާފައިވަނީ އަންގާރަ ދުވަހު އެފަރާތަށް ފޮނުވި ''ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް"ގައިކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ. މާލިއްޔަތު ގަވާއިދުގެ ދަށުން ކުރިއަށް އޮތް 5 ދުވަހުގެ ސްޓޭންޑް ސްޓިލް މުއްދަތަށްފަހު، އެފަރާތަށް މަޝްރޫޢު ރަސްމީކޮށް އެވޯޑުކުރެވޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.
އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާ އެއަރޕޯޓެކެވެ. އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ ޓަރމިނަލް އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައްވެސް ތަރައްޤީވެފައި ހުންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އެއަރޕޯޓްގެ ޚިދުމަތް ފުޅާކޮށް ވިޔަފާރިތަކަށާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައްވެސް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އައު ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަނެއް ޤާއިމުކުރުމާއި އެއަރޕޯޓުގެ މަގުތަކާއި އެއަރޕޯޓްގެ ޕާކިން ސަރަޙައްދުތައް ޒަމާނީ ވައްޓަފާޅިއަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.
ސަރުކަރުން ވިދާޅުވާ ގޮތުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި ރާއްޖޭގެ ތަރައްޤީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެކެވެ. އަދި މިއެއަރޕޯޓާއެކު ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭނެ މުހިއްމު މަޝްރޫޢަކަށް މި މަޝްރޫޢު ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ގަން އެއަރޕޯޓާއެކު އިތުރު ވަޒީފާތައް އުފެދި ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
އައްޑޫ ސިޓީއަކީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫޢަކީ މުހިއްމު މަޝްރޫޢެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ.