އަންނަ އަހަރު ބައްވާ ލޯކަލް ކައުންސިލު އިންތިޚާބާއި އަނހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން 260އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވާއިރު، އޭގެތެރޭގައި، އޮފިސަރުން، ކޮންޓެންޓް ކްރިއޭޓަރުން، ސީނިއަރު އޮފިސަރު، ޑްރައިވަރު، މެއިންޓަނަންސަ އޮފިސަރުގެ މަޤާމުގެ އިތުރުން ސެކިއުރިޓީ އޮފިސަރުގެ މަޤާމަށް ކުރިިމަތިލުމަށްވެސް ވަނީ ހުޅުވާލާފައެވެ.
މީގެއިތުރުން، މަސައްކަތު ވަޒީފާއަށާއި، ލޮޖިސްޓިކް އޮފިސަރ، އެސިސްޓެންޓް މާސްޓަަރ ޓްރޭނަރ، ގްރެފިކްސް ޑިޒައިނަރ، ޓެކް އޮފިސަރުގެ އިތުރުން، ފޮޓޯ ގްރާފަރ އަދި އޮފީސް އެސިސްޓެންޓްކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފައިވެއެވެ. އެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ 26ވާ ބުރާސްފަތި ދުވަހުގެ 15:00އާ ހަމައަށެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތައްޔާރީތައް ފަށާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިޚާބަށްވާތީ އެ އިންތިޚާބަށް ވަރަށް ބޮޑު އިސްކަމެއް ދީގެން އެކޮމިޝަނުން ވަނީ މިހާރު މަސައްކަތްތައް ފަށާފައެވެ.
އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ތައްޔާރުވަމުންދާ އެ އިންތިޚާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދުމުގެ މަސައްކަތްތައްވެސް ކުރަމުންގެންދާކަން އީސީން ހާމަކޮށްފައިވާއިރު، ސިޔާސީ ޕާޓީތަކާ ގުޅިގެން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.