ޚަބަރު

ދަނގެތީ ބަނދަރާއެކު ސިނާޢީ މަސައްކަތްތަކާއި މޫދަށް އެރޭނެ ސަރަޙައްދެއް ޤާއިމުވާނެ: ރައީސް


އދ. ދަނގެތީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ނިމިގެންދާއިރު ރައްޔިތުން ބޭނުންވާގޮތަށް ސިނާޢީ މަސައްކަތްތަކަށް ޚާއްސަ ސަރަޙައްދަކާއި މޫދަށް އެރޭނެ ސަރަޙައްދެއް ޤާއިމުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންގެ ތެރެއިން ދަނގެއްޗަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ދަނގެތީ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދަނގެތިވެސް ހިމެނޭހެން އެ ދާއިރާގެ ހުރިހާ ރަށެއްގައިވެސް ބަނދަރުތައް ތަރައްޤީކުރުމާއި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ދަނގެތީގައި ފެނުގެ ނިޒާމުގެ މަސައްކަތް ކުރިން ފެށިފައިވީނަމަވެސް އެކަން ރަނގަޅަށް ކުރެވިފައިނުވާތީ، އެ ދަތިކަން ރައްޔިތުންނަށް ޙައްލުކޮށްދީ، ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް އެރަށުގައި ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ދަނގެއްޗަކީ މަސައްކަތްތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބަނދަރުގެ ދަތިކަންކަމަށެވެ.

ބަނދަރު ބޮޑުކުރާއިރު ރަށުގެ އިންޑަސްޓްރިއަލް ޒޯނު، ބަނދަރު ބޭރުން ހިއްކާ ސަރަޙައްދަށް ބަދަލުކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅުއްވާކަމަށާއި، ބަނދަރު ބޮޑުކުރުމުގެ މަސައްކަތްކުރާއިރު، ކައުންސިލުން އެދޭގޮތަށް ރަށުގެ އިންޑަސްޓްރިއަލް ޒޯނު އެ ސަރަޙައްދަށް ބަދަލުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބަނދަރު ބޮޑުކޮށް އިންޑަސްޓްރިއަލް ޒޯން އެ ބޮޑުކުރާ ބަނދަރުގެ ބޭރުން ހިއްކާ ބަޔަށް ބަދަލުކުރުމަކީ ކައުންސިލުގެ ޕްލޭންގައި އޮތްކަމެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިރަށުގެ ބަނދަރު މިއަހަރުގެ ތެރޭގައި ބޮޑުކުރާއިރުގައި ތިބޭފުޅުން އެ އެދިވަޑައިގަންނަވާގޮތަށް އިންޑަސްޓްރިއަލް ޒޯނަށް އެ ބޭނުންވާ ބިން އިތުރުކޮށް އެ ޒޯން އެތަނަށް ބަދަލުކޮށްދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން. އޭރުން މިހާރު އިންޑަަސްޓްރިއަލް ޒޯނުގެ ގޮތުގައި އޮތް އެ ބިން ކައުންސިލުން ރައްޔިތުން ބޭނުންވާގޮތަށް ގޯތިދޫކުރަން ބޭނުންވާކަމަށްވަންޏާ އެކަން ކުރުމުގެ ފުރުޞަތު ލިބިގެންދާނެ" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ދަނގެތީގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާ އެކުއެކީގައި ރައީސުލްޖުމްހޫރިއްޔާ އިތުރު ޔަޤީންކަމެއް ދަނގެތީ ރައްޔިތުންނަށް ދެއްވިއެވެ. އެއީ ކައުންސިލާއި ރައްޔިތުން އެދޭފަދައިން، އެރަށަށް އަންނަ ފަތުރުވެރިންނާއި، ރަށުގައި ދިރިއުޅޭ ރައްޔިތުންވެސް މޫދަށް އެރިލާނެ ހިތްގައިމު ސަރަހައްދެއް ޤާއިމުވެގެންދާނެކަމުގެ އުފާވެރި ޚަބަރެވެ.

"ލޯކަލް ޓޫރިޒަމް މިރަށުގައި އެބައޮތް. ޚިދުމަތްތައް ރަނގަޅަށް ފޯރުކޯށްދޭން އެބަޖެހޭ. ޓޫރިސްޓުންނަށާއި ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މޫދަށް އެރޭނެ ސަރަޙައްދެއް އޮތުމަކީ މުހިއްމުކަމެއް. އަޅުގަނޑުމެން ބަނދަރު ބޮޑުކުރާއިރުގައި ކައުންސިލުން ތިއެދިވަޑައިގަންނަވާގޮތަށް މިރަށުގައި މޫދަށް އެރޭނެ ސަރަޙައްދެއް ޤާއިމުކޮށްދޭނަން" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދަނގެތީ ލޭންޑް ޔޫސް ޕްލޭންގައި ބިން ހިއްކުން ހިމަނާފައިވާކަން ފާހަގަކުރައްވާ، އެކަން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވަޢުދެއްގެގޮތުގައި ހިމަނުއްވާ ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބަކީ މުހިއްމު އިންތިޚާބެއްކަމަށެވެ. އަދި އެ އިންތިޚާބަކީ 2018 ގައި ރާއްޖެއަށް ހަމަޖެހުމާއި ސުލްހައާއި އަމާންކަން ޤާއިމުކުރުމަށްޓަކާ މި ގެނައި ބަދަލާއި، ރާއްޖޭގެ އެކި ކަންކޮޅުތުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ މުޅި ރާއްޖެ ތަރައްޤީކުރުމަށްޓަކާ ފެށި މަސައްކަތް ކުރިއަށްގެންދިއުމަށްޓަކާ ލިބޭ ފުރުޞަތެއްކަމަށެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަށް ކުރައްވާ މަސައްކަތްތަކަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވީ، ރައްޔިތުން ބެނުންވަނީ އަމިއްލަ ރަށުގައި ތިބެގެން އާމްދަނީ ލިބޭނެގޮތްތައް ފަހިވުމާއު، ޞިއްޙީ ޚިދުމަތް ގާތުން ލިބުމަށާއި، ދަރިންނަށް ތަޢުލީމު ލިބޭނެ ގޮތްތަކެއް ހޯދުންކަމަށެވެ. އަދި އެ އުއްމީދު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް ފެނިގެންދާކަމަށާއި، މި ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށްޓަކާ މަސައްކަތްތަކެއް ކުރާކަމުގެ ޔަޤީންކަން މިއަދު ރައްޔިތުންނަށް ލިބިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.