ޚަބަރު

ކުޅުދުއްފުށީ އެއަރޕޯޓު ސަރަޙައްދު މާރިޗުމަހަށް ހިމާޔަތްކޮށް ނިންމޭނެ: އާޒިމް


ކުޅުދުއްފުށި ސިޓީ އެއަރޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއަރޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސާ ޚިދުމަތް ދޭން ފެށިނަމަވެސް އެ ޚިދުމަތް އޭރު ދެމުންގެންދިޔައީ ބޭނުންވާ ހުރިހާ މަސައްކަތްތަކެއް ނުނިންމައެވެ.

ޚާއްސަގޮތެއްގައި ޓާރމިނަލްގެ މަސައްކަތްތައް ފެށީވެސް ޓެސްޓް ފްލައިޓް ޖައްސާ އެތަކެއް ދުވަސްތަކެއް ވީފަހުންނެވެ. މީގެ އިތުރަށް އެއަރޕޯޓް އަޅާފައިވާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތްވެސް އޭރު އެންމެ އެކަށީގެންވާ ގޮތަކަށް ކޮށްފައެއްނެތެވެ. އެކަމުގެ ސަބަބުން އެއަރޕޯޓަށް އުދައަރާ އެކި ވަރުގެ ގެއްލުންތައް ވެފައި އެބަހުއްޓެވެ. އެއާއެކު އަނެއްކާވެސް މިވަނީ އެ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަަސައްކަތް ފަށާފައެވެ.

ކުޅުދުއްފުށީގެ އެއަރޕޯޓް ތަރައްޤީކުރުމަށް އެރަށުގެ ކުޅި ހިމެނޭހެން 15 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. މީގެތެރެއިން 6 ހެކްޓަރު ހިއްކާފައިވަނީ ރަށުގެ ފަޅުތެރެއިންނެވެ. އެ ސަރަޙައްދު ޙިމާޔަތްކުރުމަށް ފުރަތަމަ ޖަހާފައިވަނީ 590 މީޓަރުގެ ދިގު، 1.6 މީޓަރުގެ އުސް ބޮޑުހިލައިގެ ތޮއްޓެކެވެ. ނަމަވެސް ވިއްސާރަވެ މޫސުންގޯސްވުމުގެ ސަބަބުން، މި ތޮއްޓަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެގޮތުން 300 މީޓަރުގެ ބޮޑު ސަރަޙައްދަކަށް މީގެކުރިން ގެއްލުން ވެފައިވެއެވެ. މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ތަކެތި ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން މަސައްކަތް ފެށުން ލަސްވިނަމަވެސް މިހާރު މިވަނީ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާފައެވެ.

މި މަޝްރޫޢުއާ ގުޅޭގޮތުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެއަރޕޯޓްގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި މޮބިލައިޒްކޮށް މަސައްކަތް ފަށާފައިވާކަމަށެވެ.

އާޒިމް ވިދާޅުވީ މިހާރު އެތަނުގައި ޖަހާފައި ހުރި ރިވެޓްމަންޓް އެހާ ރަނގަޅަށް ޖަހާފައި ނެތުމުން މުޅި ރިވެޓްމަންޓް ނަގާ އެތަނުގައި އައު ރިވެޓްމަންޓް އެއް ޖަހަންޖެހޭކަމަށެވެ. ކުރިން އެ ސަރަޙައްދުގައި ޖަހާފައިހުރީ ސައިޒުން ކުދި ހިލަތަކެއްނަމަވެސް އަލުންޖަހާނީ އެއަށްވުރެ ބޮޑެތި ހިލަތަކެއްކަމަށް އާޒިމް ވިދާޅުވިއެވެ. މިގޮތުން އެ ސަރަޙައްދުގައި ކުރިން 1 ޓަނުގެ ހިލަޖެހިނަމަވެސް މިހާރު 2 އާއި 3 ޓަނުގެ ހިލަޖަހާ މުޅި ސަރަޙައްދު ހިމާޔަތް ކުރާނެކަން އާޒިމް ފާހަގަކުރެއްވިއެވެ. އަދި މުޅި މި މަސައްކަތް އަންނަ މާރިޗުމަސް ނިމެންވާއިރަށް ނިންމާލެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

"ރިވެޓްމަންޓް ނުޖަހައި އޮތުމުން އެތަން ގިރައިގެން ދިއުމާއި ގަދަވާއިރު އެއަރޕޯޓުގެ އެތެރެއަށް ލޮނުގެ އަސަރު އެބަކުރޭ. މި މަސައްކަތަކީ އެ އައަރޕޯޓްގައި ރޭގަނޑު ފްލައިޓް ޖެއްސުމަށް މުހިއްމު މަޝްރޫޢުއެއް" އާޒިމް ވިދާޅުވިއެވެ.

ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އޮތް 590 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް މަރާމާތުކޮށް އުސްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި 292 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް އިތުރުކުރުމާއި 30 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. މި މަޝްރޫޢުއަށް 42.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.