ޚަބަރު

ހައްދުންމަތީގެ 4 ރަށެއް ގުޅާލާ ކޯޒްވޭގެ މަސައްކަތް އެމްޓީސީސީއަށް


ހައްދުންމަތީގެ 4 ރަށެއް ކޯޒްވޭއަކުން ގުޅާލަން ނިންމާ، އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފިއެވެ. ސަރުކާރުން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމަށާއި، އެއަތޮޅު ކަލައިދޫއާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމަށެވެ.

ވަކިވަކި 2 މަޝްރޫޢެއްގޮތަށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 500 ދުވަހުން (1 އަހަރާއި 6 މަސް ދުވަސް) ނިންމާގޮތަށެވެ. މި 2 ރަށް ކޯޒްވޭއަކުން ގުޅާލުމަށް ހަމަޖެހިފައިވަނީ ހިތަދޫއާއި ކުނަހަންދޫއާއި އެއްފަޅެއްގައި އޮންނަ ފަޅު ރަށެއްކަމަށްވާ މެންދޫވެސް ހިމެނޭހެންނެވެ.

މި ދެ ރަށަށް ބަލާއިރު، ހިތަދޫއަކީ އާބާދީގައި 1100 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ބިން ބޮޑު ރަށެކެވެ. ތާރީޚީގޮތުން ފާހަގަކޮށްލެވޭ މުހިއްމު ބިނާތަކެއްވެސް ހުރި މި ރަށުގައި ގުދުރަތީ ހިތްގައިމު ބޮޑު ކުޅިއެއްވެސް އޮވެއެވެ. އަދި ކުނަހަންދޫގައި 800 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާއިރު، މިރަށަކީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ ރަށެކެވެ.

މި ދެރަށުގެ މެދަށްވާގޮތަށް އެއް ފަޅެއްގެ ތެރޭގައި އޮންނަ މެންދޫއަކީ ދަނޑުވެރިކަމުގެ މަސައްކަތަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ރަށެކެވެ. މެންދޫއަކީ ކުރިއަށްއޮތްތަނުގައި މި ދެ ރަށުގެ ރައްޔިތުންނަށްވެސް އިޤްތިޞާދީ މަސައްކަތްތައް ކުރުމުގެ ފުރުޞަތުއޮތް ރަށެއްކަމުން މި ކޯޒްވޭ ވެގެންދާނީ ހިތަދޫއާއި ކުނަހަންދޫއަށްވެސް އިތުރު ދިރުމެއް ގެނުވާނެ ކަމަކަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން 22،408 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 20،040 އަކަ މީޓަރުގެ ސަރަޙައްދެއް ސާފުކޮށް، 390 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ 130 މީޓަރުގެ ސްކައުރިންގ އޭޕްރެންއެއް ހެދުމާއި، 225 މީޓަރުގެ ބްރިޖެއް ހެދުމާއި، 85 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުމާއި، 3006 އަކަ މީޓަރުގެ މަގު ހަދާ، މަގު ބައްދި ހަރުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ. މި މަސައްކަތަށް 81.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރި އަނެއް މަޝްރޫޢަކީ ލ. ކަލައިދޫއާއި އެ އަތޮޅު ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 550 ދުވަހުން (1 އަހަރާއި 8 މަސް) މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

މި 2 ރަށުގެ ތެރެއިން ކަލައިދޫއަކީ އެއަތޮޅު އިސްދޫއާއި ބިމުގެގޮތުން ގުޅިފައިވާ ރަށެކެވެ. މި ރަށުގެ އާބާދީ 1000 އަކަށްވުރެ ގިނައިރު، ދަނބިދޫގެ އާބާދީވެސް 1000 އަކަށްވުރެ ގިނައެވެ. މި ދެ ރަށަކީވެސް ތާރީޚީގޮތުން ފާހަގަކޮށްލެވޭ ޚާއްސަ ކަންތައްތަކެއް ހުރި ދެ ރަށެވެ.

މި މަޝްރޫޢުގެ ދަށުން 42،624 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 271 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާ، 752 މީޓަރުގެ ސްކައުރިންގ އޭޕްރަން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 315 މީޓަރުގެ ބްރިޖެއް ހެދުމާއި، 714 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުމުގެ އިތުރުން 7266 އަކަ މީޓަރުގެ މަގު ހެދުމާއި، މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ.

ކަލައިދޫއާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢަށް ގާތްގަނޑަކަށް 155.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި ދެ ރަށް އެއްކޮށްލުމުން އިސްދޫވެސް ހިމެނޭހެން 3 ރަށުގައި ދިރިއުޅޭ 3500 އަށްވުރެ ބޮޑު އާބާދީ ގުޅާލެވިގެންދާނެއެވެ. މިކަމުގެ ސަބަބުން 3 ރަށުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ދަތުރުފަތުރުކުރުމުގައި ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުންވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.

މި 4 ރަށް ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒެމެވެ.