ޚަބަރު

ކޫއްޑޫ ބަނދަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ، މިހާރު ކުރިއަށްދަނީ ސަރވޭ


ގއ. ކޫއްޑޫގައި ސަރުކާރުން ތަރައްޤީ ކުރާ ބަނދަރުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކާ، އީ.އައި.އޭ މަސައްކަތް ކުރަމުންދާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކޫއްޑޫގައި ތަރައްޤީ ކުރުމަށް ތައްޔާރުވަމުންދާ ބަނދަރުގެ މަސައްކަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން މިފްކޯގެ މެނޭޖަރ ޓެކްނިކަލް އެންޑް ޕްރޮޖެކްޓް މުހައްމަދު ޝަމީމް ވިދާޅުވީ، ބަނދަރުގެ މަސައްކަތް ފެށުމަށް އެމް.ޓީ.ސީ.ސީއިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އެގޮތުން ސާރވޭގެ މަސައްކަތް ނިމުމުން މަސައްކަތް ފެށުމަށް އަވަސް ކުރުމުގެ ގޮތުން މިހަފްތާގެ ތެރޭގައި ސައިޓްގެ މަސައްކަތް ފަށާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ގއ. ކޫއްޑޫގައި ސަރުކާރުން ތަަރައްޤީ ކުރާ ބަނދަރުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. އެކުންފުނިން ވިދާޅުވީ، ބަނދަރުގެ މަސައްކަތް ފެށުމަށް ހަދަން ޖެހޭ އީ.އައި.އޭގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. ކޫއްޑޫއަކީ ދެކުނުގައި މިފްކޯގެ މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ކާރުޚާނާއާއި މަސްވެރިން ބާނާ މަސްކިރާ ރަށެކެވެ. އެހެންކަމުން މިހާރު ބޭނުންކުރާ ބަނދަރު ކުޑަވެ ފަޅު ތިލަވުމަކީ މިޒަމާނުގެ މަސްވެރި އުޅަނދުތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކުން ކުރާ އެންމެ ބޮޑު އެއް ޝަކުވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މިހާރު ކޫއްޑޫގައި އޮތީ 300 ފޫޓްގެ ބަނދަރެކެވެ. މިފްކޯއިން ވިދާޅުވީ، މި ބަނދަރު ކުޑަވުމުގެ ސަބަބުން ޙިދުމަތް ދިނުމަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާކަމަށެވެ. އެތައް ވަގުތެއް މަސްނުކިރި މަސްވެރިން ހޭދަކުރަން ޖެހުމަކީ އެކުންފުނީގެވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

ސަރުކާރުން އެރަށުގައި ތަރައްޤީ ކުރަނީ 400 ފޫޓްގެ ބަނދަރެކެވެ. މިހާރު އޮތް ބަނދަރާ ގުޅާލުމުން ބަނދަރުގެ ބޮޑުމިން 700 ފޫޓަށް އިތުރުވާނެއެވެ. މިހާރު އޮތް ބަނދަރުން މަސްކިރެނީ އެއްފަހަރާ 3 އުޅަނދަށެވެ.

ބަނދަރު ބޮޑުކުރުމުން އެއްފަހަރާ ފަސް ދޯނި ކައިރިކޮށް މަސްކިރޭނެކަމަށް މިފްކޯގެ މެނޭޖަރ ޓެކްނިކަލް އެންޑް ޕްރޮޖެކްޓް މުހައްމަދު ޝަމީމް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ބޮޑެތި ލުއިތަކެއް މަސްވެރިންނަށް ލިބިގެންދާނެކަމަށް އެކުންފުނިން އުންމީދު ކުރެއެވެ. އަދި އައިސް އެޅުމަށް އަންނަ އުޅަނދުތަކަށްވެސް ބަނދަރު ބޮޑުކުރުމުން ލުއިތަކެއް ލިބޭނެކަަމަށް މިފްކޯއިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން، 90 މީޓަރުގެ ޝީޓް ޕައިލް އެޅުމުގެ މަސައްކަތާއި، 365 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮއްޓެއްލާނެއެވެ. އަދި 33,300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 56,216 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރާނެއެވެ. ހަމައެހެންމެ 89,516 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި ބިން ހިއްކުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 87 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ސްލިޕްވޭއެއްވެސް އެޅުމަށް ހަމަޖެހިފައިވާކަމަށް މިފްކޯއިން ވިދާޅުވެއެވެ. އެކުންފުނިން ބުނީ މިސްލިޕްވޭގެ ސަބަބުން މިފްކޯގެ އުޅަނދުތަކުގެ މެއިންޓަނަސް ކަންކަން ބެލެއްޓުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.


މި ވޭތުދިޔަ 4 މަހެއްހާ ދުވަހުގެ ތެރޭގައި، ދުވާލެއްގެ މައްޗައް 20 ނުވަތަ 25 ދޯނި ކޫއްޑޫ ފަޅަށް މަސްކިރުމަށް ވަންނަކަމަށް މިފްކޯއިން ވިދާޅުވެއެވެ. އެހެންކަމުން ބަނދަރުގެ ޖާގައިގެ ދަތިކަމަށް މިއަހަރު ހައްލު ލިބިގެން ދާނެކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މަސްވެރިންނަށް މަސްކިރުވުމަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޫއްޑޫގައި މިފްކޯއިން ހިންގާ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 78.37 މިލިއަން ރުފިޔާއަށެވެ.

މަސްކިރުމަށް އަންނަ އުޅަނދުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އެއަތޮޅު ވިލިނގިލި ބަނދަރު ބޮޑުކުރުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށްވެސް ޙަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ.