ޚަބަރު

ބޮޑުތިލަދުންމަތި ބަދަލުކޮށްލާނެ ހަނިމާދޫ އެއަރޕޯޓް، މަސައްކަތް ފަށައިފި


ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ. އެކުންފުންޏަށް މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢެވެ. އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި 2024 ގައި މިމަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެއެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ޚިދުމަތް ދެވިގެން ދާނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.

މީގެ އިތުރުން ރާއްޖެއާ ކައިރިން، ދުނިޔޭގެ މައި ޝިޕިންގ ރޫޓްތަކުން ދަތުރުކުރާ ބޮޑެތި އާގުބޯޓުފަހަރުތަކަށް ޚިދުމަތްތައްދޭ ޒަމާނީ މެރިޓައިމް ހަބެއް އިހަވަންދިއްޕޮޅުގައި ޤާއިމުކުރުމުގެ ސިޔާސަތު ކުރިޔަށް ގެންދިޔުމުގައިވެސް ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ވަރަށް މުހިންމު މަޝްރޫޢެކެވެ.

ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެބަނދަރު ތަރައްޤީކޮށް ނިމި، ޚިދުމަތްދެވެން ފެށުމުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެއެވެ. މި މަޝްރޫޢަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމުގެ ދޮރު ހުޅުވާލަދޭނެ މަޝްރޫޢެކެވެ. އަދި ހަމައެހެންމެ، މި ވައިގެބަނދަރު މެދުވެރިކޮށް ސީދާ އުތުރަށް މުދާ އެތެރެކުރުމަށް ފަސޭހަވެ، އުތުރުގެ ރަށްރަށުގެ ވިޔަފާރިއާއި އިޤްތިޞާދަށް އާރޯކަން ލިބިގެންދާނެއެވެ.

މީގެ އިތުރުން ހަނިމާދޫގައި ރަނގަޅު ފެންވަރުގެ ބައިނަލްއަޤްވާމީ ވައިގެބަނދަރެއް ތަރައްޤީކުރެވުމަކީ މަސް ގަނެ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތާޒާކަމާއެކު އެކްސްޕޯޓްކުރާ ކުންފުނިތަކަށް، ޚާއްޞަގޮތެއްގައި ބޮޑު ކަންނެލި އެކްސްޕޯޓްކުރާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު މަސް އެކްސްޕޯޓްކުރުމަށް ހުޅުވޭ ދޮރެކެވެ.

ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެބަނދަރު ތަރައްޤީ ކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށް ގެންދެވޭ އެންމެ މުހިންމު އެއް މަޝްރޫޢެވެ.