ވިޔަފާރި

ހޯކްސް ހުޅުމާލެ ޕެޓްރޯލް ޝެޑް - އަމިއްލައަށް ތެޔޮ އަޅާލާ، ވެހިކަލްވެސް ދޮވެލެވޭނެ


ރާއްޖޭގެ ޕެޓްރޯލް ޝެޑަކުން ނުލިބޭ ގިނަ ޚިދުމަތްތަކާއެކު ޒަމާނީ ފެންވަރުގެ ފެޓްރޯލް ޝެޑެއް ދަ ހޯކްސްއިން ހުޅުވައިފިއެވެ.

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ތެޔޮ އެތެރެކުރާ ކުންފުންޏެއްކަމަށްވާ ހޯކްސްއިން ހުޅުވާފައިވާ މި ޝެޑް ހުންނާނީ ހުޅުމާލޭ ފޭސް 2 އަށް އަރާ ކޯޒްވޭ ކައިރީގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ދަ ހޯކްސްގެ ޖެނެރަލް މެނޭޖަރ ހުސައިން އަމަން ވިދާޅުވީ، މި ޝެޑް އިމާރާތްކުރަން އެޗްޑީސީއާއެކު އެއްބަސްވުން ޤާއިމްކުރި ހިސާބުންވެސް އެ ކުންފުނިން ބޭނުންވީ ޒަމާނީ ގޮތަކަށް ރާއްޖެއިން ފެޓްރޯލް ޝެޑަކުން ނުލިބޭނެ ގިނަ ޚިދުމަތްތަކާއިއެކު މިތަން ތަރައްޤީކުރުމަށްކަމަށެވެ. އެގޮތުން މިތަނުގައި ކަސްޓަމަރުންނަށް އަމިއްލައަށް ތެޔޮ އަޅާލެވޭނެކަން އޭނާ ފާހަގަކުރިއެވެ.

“ސްމާރޓް ސިޓީ ކޮންސެޕްޓަކަށް ހުޅުމާލެ ޑިވެލޮޕްވަމުން އަންނައިރު އެޗްޑީސީއާއި އަޅުގަނޑުމެން ވި އެއްބަސްވުމަކީ އަޅުގަނޑުމެން އެތަނަށް ލާނަމޭ ސެލްފް ސަރވިސް ފިއުލް ސްޓޭޝަނެއް. މާނައަކީ ކަސްޓަމަރު އައިސް އަމިއްލައަށް ތެޔޮ އަޅާލައިގެންދާ ނިޒާމެއް ހަމަޖައްސަން ބޭނުންމޭ. އޭގެތެރޭގައި އަޅުގަނޑުމެން އިންކޯޕަރޭޓްކުރިން ބޭރުތަންތަނުގައި މިހުންނަ ގޮތައް ކޮންވީނިއަންސް ސްޓޯރއެއް ފިއުލް ސްޓޭޝަންއާއިއެކު އެވެއިލަބަލްވާގޮތަށް” އަމަން ވިދާޅުވިއެވެ.

އަމަން ވިދާޅުވީ، އާންމުކޮށް ރާއްޖޭގެ ފިއުލް ސްޓޭޝަންއަކުން ލިބޭނީ 2 ބާވަތެއްގެ ތެލެއްކަމަށެވެ. އެއީ ޑީސަލްއާއި، ޕެޓްރޯލްއެވެ. ނަމަވެސް މިހާރު ރާއްޖެއަކީ ފުދޭވަރަކަށް ހައި ޕަރފޯމަންސް ކާރު ގެންގުޅޭ ތަނަކަށް ވުމާއި ގުޅިގެން މި ކާރުތަކަށް ބޭނުންވަނީ ކޮލެޓީ ރަނގަޅު ތެލެއްކަން ފާހަގަކުރަމުން އަމަން ވިދާޅުވީ ހޯކްސްގެ މި ޕެޓްރޯލް ޝެޑްގައި މިވަގުތު ދުނިޔޭގައި ހުރި އެންމެ ހައި ކޮލެޓީ ޕެޓްރޯލްކަމަށްވާ ޕްރިމިއަމް ޕެޓްރޯލް 98 ލިބެންހުންނާނެކަމަށެވެ. މިމަހުގެ 25 ގެ ފަހުން ހޯކްސްގެ މި ޕެޓްރޯލް ޝެޑުން މި ޕެޓްރޯލް ލިބެންހުންނާނެއެވެ.

ހޯކްސްއިން ބުނީ ޑީސަލް އަދި ޕެޓްރޯލް ލިބޭނީ އެސްޓީއޯ މާލެ ފިއުލް ސްޓޭޝަންތަކުގައި ހުންނަ އަގަށެވެ. ނަމަވެސް ޕެޓްރޯލް ޕްރިމިއަމް 98 ގެ އަގަކީ 19.90 ރުފިޔާކަމަށް އެ ކުންފުނިން ބުނެއެވެ.

އަމަން ވިދާޅުވީ، ރާއްޖޭގައި ބައިވަރު ސައިކަލާއި ކާރު ހުންނައިރު އަދިވެސް މި އުޅަނދުތައް ދޮންނަންޖެހެނީ ވަރަށް ޓްރެޑިޝަނަލް ގޮތަކަށްކަމަށެވެ. ނަމަވެސް ހޯކްސްގެ މި ޕެޓްރޯލް ޝެޑްގައި ރާއްޖޭގެ ފުރަތަމަ ފުލީ އޮޓޯމެޓެޑް ކާރު އަދި ސައިކަލު ދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އަމަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިތަނުން ގާތްގަނޑަކަށް 8 މިނެޓާއި 10 މިނެޓްގެ ތެރޭގައި ކާރެއް ދޮވެވޭނެކަމަށެވެ. އަދި ސައިކަލު ދޮންނަން އާންމުކޮށް ނަގާނީ 4 ނުވަތަ 5 މިނެޓުކަމަށް އޭނާ ވިދާޅުވިއެވެ.

މި ފިއުލް ސްޓޭޝަންގައި ހިލޭ ސައިކަލު ނުވަތަ ކާރަށް ވައި ޖަހާލުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ފަހިކޮށްދީފައެވެ.

ފިއުލް ސްޓޭޝަނަށް ޚިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ”ޗަޓް އެންޑް ގޯ ޕްރިޕެއިޑް ކާޑް“ އެއްވެސް ވަނީ ތައާރަފްކޮށްފައެވެ. މި ކާޑަށް ކަސްޓަމަރު ބޭނުން ވަރަކަށް ލާރި އެޅޭނެއެވެ. ކާޑާއެކު ކަސްޓަމަރަށް ފަސޭހަކަމާއިއެކު ކިޔޫގައި މަޑުނުކޮށް ފަސޭހައި ފެޓްރޯލް އެޅޭނެ މަގު ފަހިވެގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ. ކަސްޓަމަރުންނަށް ކާޑުގެ ބެލެންސް ބަލާލެވޭއިރު، ބެލެންސް ހުސްވުމުން އަނެއްކާވެސް ޓޮޕްއަޕް ކުރެވޭނެއެވެ. އަދި މި ކާޑު ކާރު އަދި ސައިކަލު ދޮންނަންވެސް ބޭނުންކުރެވޭނެއެވެ.

ފިއުލް ސްޓޭޝަންގައި ހުންނަ ކޮންވީނިއަންސް ސްޓޯރ ފިހާރައިން ކޮންމެ ކަސްޓަމަރަކަށްވެސް މި ކާޑު ހިލޭ ލިބޭނެއެވެ. އަދި ކުރިއަށްއޮތް ތަނުގައި އޮންލައިންކޮށް ކާޑަށް ފައިސާ އެޅޭނެ މަގުވެސް ފަހިވެގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.