ވިޔަފާރި

ކޯވިޑަށްފަހު އެންމެ ގިނަ ފަތުރުވެރިން އައި އަހަރަކަށް 2022


ކޯވިޑް19 އަށްފަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އަހަރަކަށް ނިމުނު 2022 ވަނަ އަހަރު ވެއްޖެއެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ރާއްޖެއަށް 1،675،299 (އެއް މިލިއަން ހަލައްކަ ހަތްދިހަ ފަސްހާސް ދުއިސައްތަ ނުވަދިހަ ނުވަ) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ކޯވިޑަށްފަހު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރެވެ.

2021 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 1،641،104 (އެއް މިލިއަން ހަލައްކަ ސާޅިސް އެއްހާސް އެއްސަތޭކަ ހަތަރު) ފަތުރުވެރިންނެވެ. އެހެންކަމުން 2021 ވަނަ އަހަރާއި އަޅާބަލާއިރު ނިމުނު 2022 ވަނަ އަހަރު ރާއްޖެއަށް 34،195 ފަތުރުވެރިން ވަނީ އިތުރަށް ޒިޔާރަތްކޮށްފައެވެ. 2020 ވަނަ އަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 555،494 (ފަސްލައްކަ ފަންސާސް ފަސްހާސް ހަތަރު ސަތޭކަ ނުވަދިހަ ހަތަރު) ފަތުރުވެރިންނެވެ.

2022 ވަނަ އަހަރު ވަކިވަކި މަސްމަހު ފަތުރުވެރިން އައި ޢަދަދުތައް:

* ޖަނަވަރީ - 131767 ފަތުރުވެރިން
* ފެބްރުއަރީ - 149013 ފަތުރުވެރިން
* މާރިޗު - 150748 ފަތުރުވެރިން
* އޭޕްރީލް - 145281 ފަތުރުވެރިން
* މެއި - 125522 ފަތުރުވެރިން
* ޖޫން - 110889 ފަތުރުވެރިން
* ޖުލައި - 133561 ފަތުރުވެރިން
* އޮގަސްޓް - 131863 ފަތުރުވެރިން
* ސެޕްޓެމްބަރ – 111987 ފަތުރުވެރިން
* އޮކްޓޯބަރ – 153738 ފަތުރުވެރިން
* ނޮވެމްބަރ – 146886 ފަތުރުވެރިން
* ޑިސެމްބަރ – 184044 ފަތުރުވެރިން

2022 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. 2 ވަނައިގައި އުޅެނީ ރަޝިއާއެވެ. އަދި 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.

އަހަރުގެ ވަކިވަކި މަސްމަހަށް ބަލާއިރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިނީ ނިމުނު ޑިސެމްބަރު މަހުއެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ.

ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިންނެވެ. މި އަމާޒު ވަނީ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ހާސިލްވެފައެވެ. އަދި މިފެށުނު 2023 ވަނަ އަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކޯވިޑްގެ ކުރިން 2019 ވަނަ އަހަރުއެވެ. އެއަހަރު ރާއްޖެ އައިސްފައިވަނީ 1،702،887 (އެއް މިލިއަން ހަތްލައްކަ ދެހާސް އަށްސަތޭކަ އަށްޑިހަ ހަތް) ފަތުރުވެރިންނެވެ.