ޚަބަރު

ޒަމާނީ ވަޞީލަތްތަކާއެކު 3 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރަނީ


3 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުުރުމުގެ މަސައްކަތް ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފިއެވެ. އެކުންފުންނާއި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ޙަވާލުކޮށްފައިވާ 3 ރަށަކީ މ. މުލަށް، ތ. ކިނބިދޫ އަދި ލ. ދަނބިދޫއެވެ.

މިއީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޝޭންޖް އެންޑް ޓެކްނޯލޮޖީ އިން ޒޯން 2، 4 އަދި 5 ގައި ތަންފީޛު ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫޢުތަކެކެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގައި ބޭއްވި ރަސްމިއްޔާތެއްގައި މި 3 ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރުއެވެ. އަދި ލައިކޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރ ލައްޔާ ރިޔާޒް ރަމީޒެވެ.

މި 3 ރަށުގެ ކުނި މެނޭޖްކުރުމުގެ މަރުކަޒު ޤާއިމުކުރުމަށް ޖުމްލަ 11.5 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މ. މުލަކުގެ މަރުކަޒަށް 3.9 މިލިއަން ރުފިޔާ، ތ. ކިނބިދޫ މަރުކަޒަށް 3.4 މިލިއަން ރުފިޔާ އަދި ލ. ދަނބިދޫ މަރުކަޒަށް 4.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި 3 މަޝްރޫއު ނިންމާލެވޭނެ ކަމަށް ބެލެވެނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން ގާތްގަނޑަކަށް 180 ދުވަސް (6 މަސް ދުވަސް) ތެރޭގައިކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައެވެ.

މި މަޝްރޫޢުތައް ނިމުމުން، މި 3 ރަށުގެ ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒުގައި ކުނި ވަކިކޮށް، އަލުން ބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ކަނޑައެޅިފައިވާ ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ. އަދި މި 3 ރަށުގެ ކުނި މެނޭޖުކުރާ ނިޒާމް ހަރުދަނާ ކުރުމަށް މި މަޝްރޫޢު ބޮޑު ބާރަކަށް ވެގެންދާއިރު، މި މަރުކަޒުތަކާއެކު އެރަށްރަށުގައި ކުނި އެންދުމާއި، ކުނި މާ ގިނައިން ރަށުގައި ޖަމާވެ ދިމާވާ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ރަށު ފެންވަރުގައި މިފަދަ މަރުކަޒެއް ޤާއިމުވުން ވެގެންދާނީ ސިއްޙަތަށާއި، ތިމާވެއްޓަށް ގިނަ ފައިދާތަކެއް ލިބުމުގެ އިތުރުން އިޤްތިޞާދަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްކަމަށެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ކުނި މެނޭޖްކުރާ މަރުކަޒުތަކަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވޭ މަރުކަޒެކެވެ.

އެގޮތުން އަލަށް ޑިޒައިން ކުރެވިފައިވާ މި މަރުކަޒުތަކުގައި، އޮފީސް ޖާގައިގެ އިތުރަށް، ފާޚާނާ، ސްޓޯރޭޖް، ކުނި ބައިބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގަ، އަދި ނުރައްކާތެރި ކުނި ބެހެއްޓުމަށް ޚާއްސަ ޖާގައެއް ހިމެނެއެވެ. އަދި ހަމަ އެއާއެކު މި މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބަރުދަން ބެލުމަށް ވެއިންގ ސްކޭލްވެސް އަވަސް މުސްތަޤުބަލެއްގައި ބެހެއްޓިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.