ޚަބަރު

މި ސަރުކާރުގެ ކާމިޔާބީ ރައީސް ދެއްކެވީ ތަފާސްހިސާބުތަކުން


ކަރަންޓާއި ފެން، އަދި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް އާންމުންނަށް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދުކަން ފާހަގަކުރައްވާ މިއަދާހަމައަށް އައިއިރު އެ ވަޢުދު ފުއްދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ގއ. ނިލަންދޫ ގައި އައު އިންޖީނުގެއިން ޚިދުމަތް ދިނުން ފެއްޓުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 99 އިންސައްތަ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުން އައީ އެ ރަށެއްގައި ހުރި ކޮންމެވެސް ވިޔަފާރިވެރިއެއް ނޫނީ ޖަމިއްޔާތަކުންނާއި އާންމުން ނުކުމެ އެކި ގޮތްގޮތުން ފައިސާ އެއްކޮށްގެން ކަމަށެވެ.

އެކަމަކު ޤައުމެއްގެ އާންމުން އެބައެއްގެ އެންމެ އަސާސީ ޚިދުމަތް ކަމަށްވާ ކަރަންޓުގެ ޚިދުމަތް އެގޮތަށް ހޯދަން ޖެހުމަކީ ލަދުވެތި ކަމެއް ކަމަށާއި، މިހާ ދުވަހު އެކަން އެހެން އޮތީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުވެސް އަދި އެހެން ވެރިންވެސް ވެރިކަމާ ޙަވާލުވެވަޑައިގަންނަވަނީ ރައްޔިތުންގެ ވޯޓަކުން ރައްޔިތުން އެ ބޭފުޅަކު މަޤާމަށް ހޮވީމައި ކަމަށެވެ. އެހެންކަމުން ކޮންމެ ވެރިއަކުވެސް ކުރަން ޖެހޭނީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި، ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާއިން ޚިދުމަތްތައް ދޭއިރު، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުވެގެން ނުވާނެ ކަމަށެވެ. މި ސަރުކާރުން ވީ ވައުދަކީ އެއީކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މި ސަރުކާރުން ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.

"މިހާތަނަށް އައި އިރު 144 ރަށަކަށް ޖަނަރޭޓަރު ފޯރުކޮށްދެވިއްޖެ. ޖުމްލަ 313 ޖަނަރޭތަރު އެކި ރަށްރަށަށް ފޯރުކޮށްދެވިއްޖެ. 46 ރަށެއްގައި ފެނަކައިގެ އޮފީސް އިމާރާތް ނިންމައިފި. 64 ރަށެއްގައި އެ މަސައްކަތް ކުރިއަށް އެބަދޭ. އަދި ކުރިއަށް އެބައޮތް 38 ރަށް ޕްލޭންކޮށްފައި. ޖުމްލަ 146 ރަށުގައި އިންޖީނުގެތައް ތަރައްގީކޮށް ބަދަލުކޮށް ކަރަންޓު ދިނުމުގެ މަޗްރޫތައް މިހާރު އެ ދަނީ ހިންގަމުން" ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި މި ޚިދުމަތް ދޭން މަސައްކަތް ކުރަން ޖެހުމަކީ ކުޑަ ކަމެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކޯވިޑް-19 ގެ ދުވަސް ވަރު ވެގެން ދިޔައި ވަކިން ޚާއްސަކޮށް މިކަމުގައި ވަރަށް ދަތިވި ދުވަސް ވަރަކަށް ކަމަށެވެ. އެކަމަކު އެދަތި ޙާލަތުގައިވެސް އެކަންކަން ކުރިއަށް ގެންދެވުނީ ފެނަކައިގެ މަސައްކަތުންކަން ފާހަގަކުރައްވާ ރައީސް ވަނީ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ސަރުކާރުން މިހާރު ތަރައްޤީކޮށް ހުޅުވާ އިންޖީނުގެތަކަކީ ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ތަންތަންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ފެނަކައާ އެ މަސައްކަތް ހަވާލުކުރި އިރު އެދިފައިވާނީ ހުރިހާ ރަށަށަކަށް ރަނގަޅަށް ކަރަންޓު ފޯރުކޮށްދޭން ކަމަށެވެ. އަދި ފެނަކައިން އެކަން ކުރަމުން އަންނަނީ ސަރުކާރުގެ ސިޔާސަތުގައި އޮތް ގޮތަށް އަކުރުން އަކުރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު މި ހުޅުވޭ އިންޖީނުގެއިން ކުރިއަށް މިއޮތް 30 އަހަރުވެސް މި ރަށަކަށް ކަރަންޓަކަށް އިންޖީނުގެއަކަށް ބަދަލު ގެންނާކަން ނުޖެހޭނެ. ދެން ތިބޭފުޅުން ވިސްނަންވީ މީގެ ބޭނުން ހިފައިން ތަރައްގީއަށް ކުރަން ހުރި ކަންކަމަށް. ކަރަންޓާ މެދު ދެން މި ރަށުގެ ރައްޔިތުން ވިސްނާކަށް ނުޖެހޭނެ." ރައީސް ވިދާޅުވިއެވެ.

ގއ. ނިލަންދޫގައި މިހާރު ތަރައްޤީގެ ގޮތުން ކުރަން ހުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށް ގިރުމާއި ކުނީގެ މައްސަލަ ކަމަށެވެ. އަދި އެ ރަށަކީވެސް އެކަށީގެންވާ ރަނގަޅު ބަނދަރެއް ބޭނުންވާ ރަށެއްކަން ފާހަގަކުރައްވާ ވިދާޅުވީ، ބަނދަރާއި ރަށްގިރުމުގެ މައްސަލަ ޕްލޭނިންގ މިނިސްޓްރީން ވަރަށް އަވަހަށް ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި ކުނީގެ މައްސަލަ އަންނަ އަހަރަށް ބަޖެޓުކޮށް ކުރިއަށްދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.