ޚަބަރު

ޤާނޫނާއެކު ކުނި މެނޭޖު ކުރުމުގެ ފުރަތަމަ "މާސްޓަރ ޕްލޭން"


ކުނި މެނޭޖިކުރުމުގެ ޤާނޫނުގެދަށުން އެކުލަވާލާ ފުރަތަމަ މާސްޓަރ ޕްލޭން ފައިނަލްކުރުމުގެ މަރުޚަލާގައިވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީިއިން ވިދާޅުވެއްޖެއެވެ. ކުނި މެނޭޖުކުރުމުގެ ޤާނޫނު ތަސްދީޤުކޮށް އާއްމުކޮށްފައިވަނީ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ.

މިއީ ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި، ހިންގައި، އެ ކަންކަން ބެލެހެއްޓުމަށް ކުނި މެނޭޖުކުރުމުގެ އުޞޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތުތައް ކަނޑައެޅުމުގެ ޤާނޫނެވެ. މި ޤާނޫނުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމާބެހޭ ޤައުމީ ސިޔާސަތު އެކުލަވާލުމެވެ.

ޤާނޫނުގައި ބުނާގޮތުން، ޤާނޫނު ވުޖޫދުވާތާ 1 އަހަރުގެ މުއްދަތުގައި މި ސިޔާސަތު ނުވަތަ މާސްޓަރ ޕްލޭން އެކުލަވާލަންޖެހެއެވެ. އަދި ކޮންމެ 5 އަހަރަކުން މުރާޖާކޮށް، އެ ވަގުތާއި ޙާލަތާއި ގުޅޭގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަންޖެހެއެވެ.

މި ޤާނޫނު ގެޒެޓްކުރިއިރު މިކަމާއި ގުޅޭ މުހިންމު ގިނަ މަސައްކަތްތަކެއް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ވަނީ ފުރިހަމަކޮށްފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރަނަންޓް މިނިސްޓްރީން ވިދާޅުވީ، މާސްޓަރ ޕްލޭންގެ ޑްރާފްޓް އެކުލަވާލާ، ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާކަމަށެވެ. އަދި މަޝްވަރާތަކަށްފަހު ޚިޔާލު ހުށައެޅުމަށް އެ ފަރާތްތަކަށް ފުރުޞަތު ދީ، މިހާރު އޮތީ ޕްލޭން ފައިނަލްކުރުމުގެ މަރުޚަލާގައިކަމަށެވެ.

މި މަޝްވަރާތަކުގައި ކަމާ ގުޅުންހުރި ވުޒާރާތަކާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތްކުރާ އިދާރާތަކާއި އަދި މިފަދަ މަސައްކަތަކުގައި ހަރަކާތްތެރިވާ އެންޖީއޯތަކާއެކުވެސް މަޝްވަރާތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މިކަމުގައި ކައުންސިލްތަކުގެ ޚިޔާލާ މަޝްވަރާވެސް ހޯދާފައިވެއެވެ.

ކުނި މެނޭޖުކުރުމުގެ ޤައުމީ މާސްޓަރ ޕްލޭން ތަންފީޛުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާނީ އެންވަޔަރަމަންޓް މިނިސްޓްރީންނެވެ.

މި ޕްލޭންގައި ކުނި މެނޭޖުކުރުމުގެ ކަންކަން ރަށު ފެންވަރުގައާއި ސިޓީ ފެންވަރުގައި އިންތިޒާމުކޮށް ހިންގާނެ ގޮތުގެ ހަމަތަކާއި އުޞޫލުތައް ބަޔާންކުރާ ގައިޑްލައިނެއް މިނިސްޓްރީން އެކުލަވާލާނެއެވެ.

އަދި ކުނި މެނޭޖުކުރުމުގެ ކަންކަން ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ހިންގާނެ ގޮތް ބަޔާންކުރާ އޮޕަރޭޝަނަލް ޕްލޭނެއް، އިޚްތިޞާޞް ހިނގާ ދާއިރާއެއްގައި ދިރިއުޅޭ ރައްޔިތުންނާއި އެ ދާއިރާގައި ޙަރަކާތްތެރިވާ ކުނި މެނޭޖުކުރުމުގެ ސިނާޢަތުގެ ބައިވެރިންގެ މަޝްވަރާއާއެކު ކޮންމެ ކައުންސިލަކުން އެކުލަވާލާ، މަދުވެގެން ކޮންމެ 5 (ފަހެއް) އަހަރަކުން އެއްފަހަރު އެ ޕްލޭން މުރާޖަޢާކުރަން ޖެހޭގޮތަށް ވަނީ ހިމަނާފައެވެ.

ސަރަޙައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތަކުން ކުނި މެނޭޖުކުރުމުގެ ޚިދުމަތް ދޭންވާނީ ޚިދުމަތްދޭ ފަރާތުން ތައްޔާރުކުރާ ކުނި މެނޭޖުކުރުމުގެ އޮޕަރޭޝަނަލް ޕްލޭން ފާސްކޮށް، އޮތޯރިޓީން ލިޔުމަކުން ހުއްދަ ދިނުމުން، ޕްލޭންއާ އެއްގޮތްވާގޮތުގެ މަތިންނެވެ.

މީގެ އިތުރުން ރިސޯޓުތަކުގައާއި، ޓޫރިސްޓު ހޮޓާތަކުގައާއި ސިނާޢީ އެހެނިހެން މަސައްކަތްކުރާ ތަންތަނުގައި އުފައްދާ ކުނި މެނޭޖުކުރުމުގެ ކަންކަން ހިންގާނެގޮތް ބަޔާންކުރާ އޮޕަރޭޝަނަލް ޕްލޭނެއް، އެ ތަނެއްގެ ވެރިފަރާތް ނުވަތަ މެނޭޖްކުރާ ފަރާތްތަކުން އެކުލަވާލަންޖެހޭނެއެވެ.

ސިނާޢީ ކުނި މެނޭޖުކުރުމުގެ އޮޕްރޭޝަނަލް ޕްލޭން ވާންވާނީ، ކުނި މެނޭޖުކުރުމުގެ ޤައުމީ މާސްޓަރ ޕްލޭނާއި، ރަށު އަދި ސިޓީ ފެންވަރުގައި ނުވަތަ ސަރަޙައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ އޮޕަރޭޝަނަލް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާ ޕްލޭނަކަށެވެ.

މާސްޓަރ ޕްލޭން އެކުލަވާލާއި، ޤާނޫނުގައި ކަނޑައަޅާފައިވާ އެއް އަހަރުގެ ތެރާގައި ޕްލޭންގެ މަސައްކަތް ނިމި، ތަންފީޒުކުރަން ފަށާނެކަމުގެ ޔަޤީންކަން އެންވަޔަރަމަންޓް މިނިސްޓްރީއިން ދެއްވައެވެ.