ޚަބަރު

އަމީނީމަގު ދެވަނަ ސެގްމަންޓުގެ ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ފަށައިފި


އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ދެވަނަ ސެގްމަންޓުގެ ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް އާރް.ޑީ.ސީން ފަށައިފިއެވެ.

މާލޭގެ ހުރިހާ އަވަށްތަކެއް ގުޅުވައިދޭ މައި އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ސެގްމަންޓުގެ ޢަމަލީ މަސައްކަތް އާރް.ޑީ.ސީން ފަށާފައިވަނީ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ ހެންވޭރު ސަރަޙައްދުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި ހަމައަށެވެ. އެއީ ގާތްގަނޑަކަށް 105 މީޓަރުގެ ސަރަޙައްދެކެވެ.

މިމަޝްރޫޢުގެ ދަށުން އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގައި މަގުގެ ދެފަރާތުގައި ޖެހުމަށް ބޭނުންވާ ކާބްސްޓޯން އެޅުމުގެ މަސައްކަތާއި ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ އިތުރުން ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ސްޓޯމް ވޯޓަރ ސިސްޓަމް ޤާއިމުކޮށް، ތާރުއެޅުމުގެ ކުރިން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް އާރް.ޑީ.ސީގެ ފަރާތުން ވަނީ ވެފައެވެ.

އަމީނީމަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިރުދޭމާ ހިނގުމާ އަމީނީމަގު ގުޅޭ ކަންމަތިން ފެށިގެން ކަލާފާނު ހިނގުމާ އަމީނީމަގު ގުޅޭ ކަންމައްޗާއި ހިސާބަށެވެ. އެއީ ގާތްގަނޑަކަށް 136 މީޓަރުގެ ސަރަޙައްދެކެވެ.

މި ސެގްމަންޓުގެ މަސައްކަތް އާރް.ޑީ.ސީން ފަށާފައިވަނީ މިމަހުގެ 3 ގައެވެ. އެގޮތުން އެންމެ ފުރަތަމަ ކޮށްފައިވަނީ މަގުގައި އަޅާފައިވާ ގައުތައް ނަގާ، އެ ސަރަޙައްދު ކޮނުމުގެ މަސައްކަތެވެ.

މި ސެގްމަންޓުގެ މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާގޮތަށް ބަލާއިރު، މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައް ކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ. މި މަސައްކަތް ކުރިއަށްގެންދާއިރު، އޮބްޒާވަރުންގެގޮތުގައި ޔޫޓިލިޓީ ޚިދުމަތްތަކާއި ޓެލެކޮމް ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ އޮފިޝަލުންވެސް ސައިޓުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ އިތުރުން، ސްޓޯރމް ވޯޓަރ ނެޓްވޯކް އެޅުމާއި، ކޭބަލްޓްރޭ އަދި ކާރބްސްޓޯން ޖެހުމުގެ މަސައްކަތްވެސް އާރް.ޑީ.ސީން އަންނަނީ ކުރަމުންނެވެ.

އާރް.ޑީ.ސީއިން ވިދާޅުވީ، މަގުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތާރުއެޅުން ފިޔަވާ، ކޮންމެ ސެގްމަންޓެއްގެ މަސައްކަތް ނިމުމުން އެސަރަޙައްދެއްގެ ވެލިގަނޑު ލެވެލްކޮށް ޢާއްމުނަށް ހުޅުވާލާގޮތަށްކަމަށެވެ. އަދި ތާރު އަޅާނީ ބިލަބޮންގ ހިސާބަށް ހުރިހާ މަސައްކަތެއް ނިންމުމަށްފަހުކަމަށް އާރްޑީސީއިން ވިދާޅުވެއެވެ.

އަމީނީ މަގުގައި އެކިދުވަސްވަރު އަޅާފައިވާ ކޭބަލްތަކާއި ހޮޅިތައް ހުރިގޮތް މިހާރު އެނގިފައިވާކަމަށާއި ފުރަތަމަ ސެގްމަންޓްގެ މަސައްކަތްކުރިއިރު ގިނަ ތަޖުރިބާތަކެއް ލިބިފައިވާކަމަށް އާރްޑީސީއިން ވިދާޅުވެއެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރިއަށްގެންދަންވީ ގޮތް އެނގި ކުރިއަށް އޮތްތަނުގައި މަސައްކަތުގެ ސްޕީޑު އަވަސްވާނެކަމަށް އާރް.ޑީ.ސީއިން ވިދާޅުވެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެއެވެ. މި މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ހަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ އަގު 84 މިލިއަން ރުފިޔާއަށް އަރައެވެ.