ޚަބަރު

ހދ. ހިރިމަރަދޫ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި


ހދ. ހިރިމަރަދޫގައި އަލަށް ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ހދ. ހިރިމަރަދޫގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ހިރިމަރަދޫ ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. 365 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެވެ.

ޖުމްލަ 8,752,398.95 (އަށް މިލިއަން ހަތްލައްކަ ފަންސާސް ދެހާސް ތިންސަތޭކަ ނުވަދިހަ އަށެއް ޕޮއިންޓް ނުވައެއް ފަހެއް ) ރުފިޔާގެ މި މަޝްރޫޢުއަކީ ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ވޭވްލެންތު ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުއެވެ.

މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިސްކިތުގައި އަންހެނުން ނަމާދުކުރާ ބަޔާއި، ފާޚަނައާއި، ވުޟޫ ކުރާ ބަޔާއި ގުދަން އަދި މުންނާރު ހިމެނެއެވެ. މިސްކިތް ޑިޒައިންކޮށްފައިވަނީ އިސްލާމީ ވަޙުދަތު ރަމްޒުކޮށްދޭނެހެން ފަހުގެ ޑިޒައިނަކަށެވެ.

މި މިސްކިތުގެ މަސައްކަތް ނިމޭއިރު، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށް މިސްކިތް އޭސީ ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.