ޚަބަރު

ނެޓް ޒީރޯ އަމާޒަށް ވާޞިލުވުމަށް ޕްރައިވެޓް ސެކްޓަރގެ އެހީތެރިކަމާއި ބައިވެރިވުން ބޭނުންވޭ: ޝައުނާ


ދިވެހިރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒު ޙާޞިލުކުރުމުގައި ޕްރައިވެޓް ސެކްޓަރާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާއި ބައިވެރިވުން ބޭނުންވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ހުޅުލެ-ހުޅުމާލޭ ލިންކް ރޯޑްގައި ޤާއިމުކުރާ 5 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިއީ ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެގޮތުން ލިންކު ރޯޑުގައި ޤާއިމުކޮށްފައި ހުރި ސްޓްރަކްޗަރގައި ފުރަތަމަ ޕެނަލްތައް ހަރުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އާއި، ވޯލްޑް ބޭންކްގެ ސައުތު އޭޝިއާ ރީޖަންގެ ވައިސް ޕްރެޒިޑެންޓް މާރޓިން ރެއިސާރގެ އިތުރުން ވޯލްޑް ބޭންކާއި، ސްޓެލްކޯ އާއި އެޗް.ޑީ.ސީގެ އިސްވެރިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކާ މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް އަދިވެސް މިކަމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވާ، 2030 ގެ ނިޔަލަށް ނެޓް-ޒީރޯ ޤައުމަކަށްވުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާޞިލުވުމަށް ޕްރައިވެޓް ސެކްޓަރއާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބައިވެރިވުމާއި އެހީތެރިކަން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ ތިމާވެށީގެ ގޮތުން ވަރަށް ނާޒުކު ޤައުމެއްކަން ފާހަގަކުރައްވާ، މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގައި ލިބެންހުރި ފަހުގެ ޓެކްނޮލޮޖީ ވަޞީލަތްތަކުގެ ބޭނުން ހިފާ، މި ދާއިރާއިން ކުރެވޭ މަސައްކަތްތައް އަދިވެސް އިތުރުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އެސްޕަޔަރގެ ދެވަނަ ފިޔަފަހީގެ ދަށުން ހުޅުލެ-ހުޅުމާލޭގައި 5 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރުމަށް ހުޅުވާލި ފުރުޞަތުގައި 21 ކުންފުންޏަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ފަންނީ އަދި މާލީ ޤާބިލުކަމުގެ އިތުރުން އެންމެ ކުޑަ އަގެއް ހުށަހަޅައިގެން މި މަސައްކަތުގެ ބީލަން ކާމިޔާބު ކުރީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުންނެވެ.

އެންސިސް ކޯ ލިމިޓެޑުންވަނީ ސޯލަރ ޕީވީ ޖެހުމަށް ލިންކް ރޯޑްގު މެދުގައި އޮންނަ އައިލެންޑް ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅީގައި ސްޓީލް ސްޓްރަކްޗަރ އެއް ޤާއިމުކޮށްފައެވެ. މި ސްޓްރަކްޗަރގެ މަތީގައި ސޯލަރ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި ޕެނަލްތަކުން ކަރަންޓް އުފައްދަން ފަށާނެކަމަށް އަންދާޒާ ކުރެވެނީ 2023 ވަނަ އަހަރުގެ 2 ވަނަ ކުއާރޓަރ ނިމުމުގެ ކުރިންނެވެ.

މިއީ މިހާތަނަށް އެއް ކޮންޓްރެކްޓެއްގެ ދަށުން ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސޯލަރ ޕީވީ ނިޒާމް ޤާއިމްކުރާ މަޝްރޫޢެވެ. މިކަމުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މި މަޝްރޫއުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށް، ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.