ޚަބަރު

ކުނިން ހަކަތަ އުފެއްދުމަށް ރާއްޖެއަށް ކުނި އެތެރެކުރެވޭނެ


ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢަށް ޢަމާޒުކޮށް، ރާއްޖެއަށް ކުނި އެތެރެކުރެވޭނެ އުސޫލެއް ކުނި މެނޭޖުކުރުމާ ބެހޭ ޤާނޫނުގައި ހިމަނައިފިއެވެ.

ކުންޏާ ބެހޭ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ނޮވެމްބަރު 23ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގައި، ވަކި ޤާނޫނެއްގެ ދަށުން ކުނި މެނޭޖްކުރުން ކުރިއަށްގެންދިއުމަށް އެކުލަވާލި މިފަދަ ފުރަތަމަ ޤާނޫނެވެ.

ޤާނޫނުގައި މައިގަނޑުގޮތެއްގައި ހިމެނެނީ ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވާ ހިންގުމާއި އެކަންކަން ބެލެހެއްޓުމާ އަދި ކުނި އުކާލުމުގެ ޚިދުމަތްތައް ބައްޓަންކުރުމާއި، ކަމާގުޅޭ މުއައްސަސާތަކަށް ޒިންމާތައް މަތިކުރެވިފައިވާ ގޮތްތަކެވެ.

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ބިލް ދިރާސާކޮށް ، މިބިލަށް ބައެއް މުހިންމު ބައިތައްވަނީ އިތުރުކޮށްފައެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއް ބަދަލަކީވަކި ޙާލަތެއްގެދަށުން ރާއްޖެއަށް ކުނި އެތެރެކުރެވޭގޮތަށް ގެނައި ބަދަލެވެ. ބިލް ކޮމިޓީއަށް ހުށައެޅިއިރު، ބިލުގައި އޮތީ އެއްވެސް ބޭނުމެއްގައި ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއްގެ ގޮތުގައެވެ.

ނަމަވެސް ބަދަލުވަމުންދާ ދުނިޔޭގައި ގިނަ ޤައުމުތަކަށް ކުންޏަކީ މިހާރު ބޭނުންތެރި އެއްޗަކަށް ވެފައިވާތީ، މިފަދަ ބޭނުމެއްގައި ރާއްޖެއަށް ކުނި އެތެރެކުރަން ބޭނުންވެދާނެ ހާލަތަށް ބަލާ، މި ބަޔަށް ވަނީ ބަދަލު ގެނެސްފައެވެ.

ކޮމިޓީން ފާހަގަކޮށްފައިވަނީ ހަކަތަ އުފެއްދުމުގައި ގިނަ ޤައުމުތަކަކުން ކުނީގެ ބޭނުން މަންފާކުރަނިވި ގޮތެއްގައި ހިފަމުންދާކަމަށެވެ. އެފަދަ ޕްރޮޖެކްޓްކަަށް ރާއްޖެއަށް ކުނި ބޭނުންވެއްޖެ ޙާލަތެއްގައި ނުވަތަ، ބޭނުންވާ މިންވަރަށް ރާއްޖެއިން ކުނި ނުލިބިއްޖެ ހާލަތެއްގައި ރާއްޖެއަށް ކުނި އެތެރެކުރެވޭނެ ގޮތެއް އޮތުމަކީ ބޭނުންތެރިކަމަކަށްވާތީ ދިވެހިރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާވާގޮތަށް ބިލުގައި ހިމަނާފައި އޮތް އޮތުން ބަދަލުކުރަން ޖެހޭކަމަށް ކޮމިޓީން ފާހަގަކުރިއެވެ. އެހެންކަމުން ކޮމިޓީން ފާސްކުރިގޮތަށް މަޖިލީހުން ފާސްކޮށްފައިވަނީ، މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން އަދި ކަމާގުޅޭގޮތުން ހަދާ ގަވާއިދާ އެއްގޮތަށް ރާއްޖެއަށް ކުނި އެތެރެކުރެވޭގޮތަށެވެ.

ކުނިން ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫޢުތަކެއް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އައްޑޫ ސިޓީއާއި، މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ތިލަފުށީގައި ހިންގާ ބޮޑު މަޝްރޫޢުގައިވެސް ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢު ހިމެނެއެވެ.