ޚަބަރު

ގްލޯބަލް ބީޗު ދުވަހާއި ގުޅުވައިގެން މޯޕާއިން ސާފުކުރުމުގެ ހަރަކާތެއް


  • ޖުމްލަ 585 ކިލޯގެ ކުނި ނަގާ ސާފުކޮށްފައިވޭ

  • ސާފުކުރީ ހުޅުމާލޭގެ ދިރާގު ބީޗާއި ޗެނަލް ބީޗު ހިމެނޭ ސަރަހައްދު

ބައިނަލްއަޤުވާމީ ގޮނޑުދޮށްތައް ސާފުކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް، މޯޕާއާއި ސްރީލަންކާ ހައިކޮމިޝަން ގުޅިގެން ހުޅުމާލޭގައި ގޮނޑުދޮށް ސާފުކުރުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތުގެ ދަށުން ސާފުކޮށްފައިވަނީ، ހުޅުމާލޭގެ ދިރާގު ބީޗާއި ޗެނަލް ބީޗު ހިމެނޭ ސަރަޙައްދެވެ.

މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯޕާގެ ރައީސް އަޙްމަދު މައުމޫން ވަނީ، ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކޮންމެ ތަނަކަށްވެސް ކުނިއެޅުމަކީ ނުރައްކާތެރި މައްސަލައެއްކަން ފާހަގަކުރައްވައި، ކުނި އުކާލުމުގައި ހޭލުންތެރިވެ ޒިންމާދާރުވުމަށް އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން ކުނި މަދުކުރުމަށް ރީސައިކަލް ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މައުމޫން ވަނީ އަލިއަޅުއްވާލައްވާފައެވެ.

"ޕްލާސްޓިކްއަކީ ރިސައިކަލް ކުރެވޭނެ އެއްޗެއް. މިހާރު ދާއިރާތަކުގައި ޕްލާސްޓިކް ރިސައިކަލްކޮށް ޕްލާސްޓިކް އަންނާނީ ރޯ މެޓީރިއަލްއަށް ވަމުން. މޯޕާއިން މަސައްކަތް ކުރަމުންދަނީ 100 ޕަސެންޓު ޕްލާސްޓިކް ރިސައިކަލްކޮށް ރޯމެޓީރިއަލްއަށް ބަދަލުކުރުމަށް" މައުމޫން ވިދާޅުވިއެވެ.

ސާފުކުރުމުގެ މި ހަރަކާތުގެ ތެރެއިން 265 ކިލޯގެ ޕްލާސްޓިކާއި، 320 ކިލޯގެ އާންމު ކުނި އެއްކޮށްފައިވެއެވެ. އަދި ޖުމްލަ 585 ކިލޯގެ ކުނި ނަގައި ސާފުކޮށްފައިވެއެވެ.

ބައިނަލްއަޤުވާމީ ގޮނޑުދޮށްތައް ސާފުކުރުމުގެ ދުވަހަކީ، ގޮނޑުދޮށްތަކާއި އެތަންތަނުގައި ދިރިއުޅޭ ދިރޭތަކެއްޗާއި އެތަކެތީގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިންމުކަން ހާމަކޮށްދިނުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. އަދި ގޮނޑުދޮށްތައް ގިރުމުގެ ނުރައްކަލާއި، މިފަދަ ނާޒުކު މާހައުލުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ ދުވަހެކެވެ.