ޚަބަރު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ނިންމާ ޙަވާލުކޮށްފި


ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިންމާ ޙަވާލުކޮށްފިއެވެ.

އެކަމަށްޓަކާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތުގެ ކޮންޓްރެކްޓަރ ފަރާތުން މަސައްކަތް ނިންމާ ޙަވާލުކުރިކަމުގެ ލިޔުން ހެލްތު މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލު ވަނީ ހޮސްޕިޓަލުގެ މެނޭޖްމަންޓާ ޙަވާލުކޮށްދެއްވާފައެވެ.

އެއަށްފަހު ސްޓޭޓް މިނިސްޓަރ އާދީލާއި ހެލްތު މިނިސްޓްރީގެ ޓީމުން ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގައި ޤާއިމުކޮށްފައިވާ ވަޞީލަތްތަކާއި ޚިދުމަތްތައް ބައްލަވާލައްވާފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ސަރުކާރުން އެލިއާ ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވަނީ 26 ޖެނުއަރީ 2021 ގައެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 8 މާރިޗު 2021 ގައެވެ. މިއީ ސަރުކާރުން 80 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ އިމާރާތެކެވެ.

2 ފަންގިފިލާއަށް ޑިޒައިންކޮށްފައިވާ މި އެކްސްޓެންޝަން އިމާރާތުގެ އެންމެ ތިރި ޚާއްސަ ކޮށްފައިވަނީ 10 އެނދުގެ އެމަރޖެންސީ ޔުނިޓް (އީ.އާރް) އަށާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓަށެވެ.

އެގޮތުން އީ.އާރް ޔުނިޓުގައި ހައިޑިޕެންޑެންސީ 4 އެނދު، ލޯޑިޕެންޑެންސީ 4 އެނދު ހުންނާނެއެވެ. ރޭޑިއޮލޮޖީ ޑިޕާޓްމަންޓަށް ބަލާއިރު، އަލްޓްރާ ސައުންޑް ސްކޭން 2 ރޫމާއި، އެކްސްރޭ 2 ރޫމާއި، މެމޮގްރަފީ ރޫމާއި، ސީޓީ ސްކޭން ރޫމް އަދި އެމްއާރުއައި ރޫމް ހިމެނެއެވެ.

ފުރަތަމަ ފަންގިފިލާގައި 2 ތިއޭޓަރގެ ތިއޭޓަރ ކޮމްޕްލެކްސް އެއް ހިމެނެއެވެ. އެއީ ކަށީގެ ސާޖަރީތަކަށް ޙާއްސަ ތިއޭޓަރަކާއި، އެހެނިހެން ސާޖަރީތަކަށް ޙާއްސަ ތިއޭޓަރެކެވެ. އަދި ލެބޯޓަރީއެއް ތަރައްޤީކޮށްފައިވާއިރު، މިލެބޯޓަރީ ބޭނުން ކުރަން ފެށުމުން ޚިދުމަތް އިތުރަށް ފުޅާވެގެން ދާނެކަން ހެލްތު މިނިސްޓްރީން ފާހަގަކުރައްވައެވެ.

އެކްސްޓެންޝަން އިމާރާތުގެ ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ފިޒިއޮތެރެޕީ ޑިޕާޓްމަންޓަށާއި، 10 ކޮޓަރީގެ ޕްރައިވެޓް ވޯޑަކަށެވެ. މިއާއެކު އުނގޫފާރު ރީޖިނަލް ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމުގެ ޢަދަދު 16 އަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން މި ޢިމާރާތުގެ ޓެރަހުގައި 310 ކިލޯވޮޓްގެ ސޯލާޕެނަލް ވަނީ ހަރުކޮށްފައެވެ.