ޚަބަރު

ބޯޑަރ މައިލްސް ޕްރޮގްރާމްގައި މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން


މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގައި 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ބައިވެރިވެފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވެއްޖެއެވެ.

ބޯޑަރ މައިލްސް ޕްރޮގްރާމްގައި 1 މިލިއަން ފަތުރުވެރިން ބައިވެރިވުމާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ފަތުރުވެރިންނަށް ޚާއްސަކޮށްގެން ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ ބޯޑަރ މައިލްސް ޕްރޮގްރާމް ފެށުމަކީ ކޯވިޑް-19 އާއި ގުޅިގެން އިޤްތިޞާދީގޮތުން ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށެވެ.


ކޯވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާގުޅިގެން، ފަތުރުވެރިން ރާއްޖެ އައުން ހުއްޓި، އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ތަޢާރަފްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މިއީ ދުނިޔޭގައިވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

މޯލްޑިވް ބޯޑަރ މައިލްސް ޕޮރްގްރާމަކީ ފަތުރުވެރިންނަށް ލޯޔަލްޓީ ސްޓޭޓަސް އަށް ގިނަ ޕޮއިންޓްތައް ދޭ 3 ދަރަޖައިގެ ލޯޔަލްޓީ ޕްރޮގްރާމެކެވެ. މި ތިން ދަރަޖަތަކުގެ ތެރޭގައި ހިމެނެނީ ބްރޮންޒް ނުވަތަ އައިޑާ، ސިލްވަރ ނުވަތަ އަންތާރަ އަދި ގޯލްޑް ނުވަތަ އަބާރަނާއެވެ. ބޯޑަރ މައިލްސް ޕްރްގްރާމަށް ފަތުރުވެރިން ޝައުޤުވެރިކުރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ޚާއްސަ އޮފަރތައް ތަޢާރަފްކުރަމުންނެވެ.

އެގޮތުން ބޯޑަރ މައިލްސްގެ އެންމެ މަތީ ދަރަޖައަށް ވާސިލްވުމުން މާމަހި އެގްޒެކެޓިވް ލައުންޖުން ވީއައިޕީގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ލިވަބޯޑުތައް ހިމެނޭ ގޮތަށް ފަތުރުވެރިން ރަޖިސްޓްރީކުރުމުންވެސް ލިބޭ ޕޮއިންޓް އިތުރުވެގެންދެއެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސްތަކާއި އަދި ރެސްޓޯރަންޓްތަކުން ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެބޮޑު ޓްރެވެލް ޕްލެޓްފޯމް ކަމަށްވާ އަގޯޑާއާއެކު އެސޯސިއޭޓް ޕާޓްނާޝިޕެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން މި ޕްރޮގްރާމް ތަރައްޤީކުރުމަށް ފަންނީ އެހީތެރިކަން އެކުންފުނިން ފޯރުކޮށްދޭނެއެވެ. އަދި އަގޯޑާ މެދުވެރިކޮށް ބުކިން ހަދާ ފަރާތްތަކަށް ބޯޑަރ މައިލްސް ޕްރޮގްރާމުގައި ޕޮއިންޓް ހޯދުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.