ޚަބަރު

ގދ. ގައްދޫގެ ދެ ބަނދަރު މަރާތުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


ގދ. ގައްދޫގައި ހަދާފައި އޮތް ދެ ބަނދަރު ތަރައްޤީކޮށް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ފަށައިފިއެވެ. އެކުންފުނިން ވިދާޅުވީ، މިކަމުގެ އަމަލީ މަސައްކަތް ފެށީ މިމަހުގެ 26 ވަނަ ދުވަހުކަމަށާ، އެ މަސައްކަތުގެ ދަށުން ނެރު ބަންދުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ފަޅުގެ ޖާގަ ދަތިވުމާ ގުޅިގެން ކުރީ ސަރުކާރުން އެރަށުގައި ވަނީ ބަނދަރެއް ތަރައްޤީކޮށްފައެވެ. އެހެން ނަމަވެސް އެބަނދަރު އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭކަމަށް ގައްދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ގައްދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަޙުމަދު ވިދާޅުވީ، ރަށުގެ ދެކުނު ފަރާތުގައި ހަދާފައި އޮތް ބަނދަރު ބޭނުން ނުކުރެވެނީ ބަނދަރުގައި އޮއެ ދަތުރު ކުރުމަށް ހަދާފައި އޮންނަ ސަރަހައްދުން ފަޅަށް ވެލި ވައްދާތީ ފަޅު ތިލަވުމުންނާ، އެ ބަނދަރަށް ވަދެ ނުކުތުމަށް ހަދާފައި އޮންނަ ނެރުން އޮއެވަރު ފަޅުތެރެއަށް ވައްދާތީ ކަމުގައެވެ. މިހާރު އެމް.ޓީ.ސީ.ސީ ބައްދަމުން އެދަނީ އެނެރެވެ.

މި ސަބަބާ ހުރެ އެރަށު މީހުން ބޭނުން ކުރަނީ ރަށުގެ އުތުރު ފަރާތުގައި މީގެ 13 ވަރަކަށް އަހަރު ކުރިން ހަދާފައި އޮންނަ ބަނދަރެވެ. އެ ބަނދަރުގެ ބޮޑު ބައެއް ވަނީ ހަލާކުވެސް ވެފައެވެ.

ގައްދޫ ބަނދަރަކީ މަސްވެރިން އައިސް އޮނޑިދޯނިފަހަރު އެޅުމަށާ ތެޔޮ އެޅުމަށް އާންމުކޮށް ބޭނުން ކުރަމުންދާ ބަނދަރެކެވެ. ނަމަވެސް ތެޔޮ އެޅުމަށާ އައިސް އެޅުމަށް ބަނދަރަށް ކައިރި ކުރާ ސަރަހައްދުގެ އެއްގަމު ތޮށި އޮތީ ހަލާކުވެފައިކަމަށް ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަޅު ތޮއްޖެހުމުން މުދާ ބޭލުމަށް ބަނދަރުގައި ހަދާފައި އޮންނަ ޓީ ޖެޓީގައި އުޅަނދު އެޅުމުން، މުދާ ބޭލުމަށް ދަތިތަކާ ކުރިމަތި ވާކަމަށެވެ.

"އެއީ ދެ ބަނދަރު އޮވެ އެއް ބަނދަރު ބޭނުން ކުރަން ޖެހުމުން ދިމާވާ މައްސަލައެއް، އަދި ފަހުން މިރަށުގައި ހެދި ބަނދަރުގެ ނެރު ބައްދާ ވެލި ވަންނަ ބްރިޖާ ދިމާ ބަނދު ކުރުމަށް އެ ބަނދަރު ބޭނުން ކުރެވޭނެކަމަށް މިބަލަނީ، އޭރުން ފަޅުގެ ޖާގައަށް ހައްލެއް ލިބޭނެ" ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޙުމަދު ވިދާޅުވިއެވެ.

ގައްދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތައް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސް ދެކުނު ފަރާތުގައި ހަދާފައި އޮތް ބަނދަރުގެ ނެރު ބެއްދުމުގެ މަސައްކަތްކަތް މިހާރު ކުރިއަށްދާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މި މަސައްކަތުގެ ދަށުން އެރަށުގައި މުދާ ބޭލުމަށް އުތުރު ފަރާތު ބަނދަރުގައި އޮތް ޓީޖެޓީ މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ގައްދޫގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 23،017 ކިއުބިކް މީޓަރުގެ ސަރަހައްދު ބަނދަރުން ފުންކުރުމާ 232 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާ 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލާ، 320 މީޓަރުގެ ސަރަހައްދެއްގައި ސްކޯރިން އޭޕްރަންއެއް ހެދުމާއި ބްރިޖެއް ހެދުންވެސް ހިމެނެއެވެ.

މީގެ އިތުރުން 1600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާ ބަނދަރު ބައްތި ހަރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ. މުޅި މި މަޝްރޫޢަށް ގާތްގަނޑަކަށް 42.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.