މެންޗެސްޓާ ސިޓީން އެ ކުލަބުގެ ބްރެޒިލް ގޯލްކީޕަރު އެޑަސަން ތުރުކީގެ ގަލަތަސަރާއީއަށް ވިއްކާލުމުގެ މަސައްކަތް ފަށައިފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވުލްވުސް އަތުން 4-0 ގެ ނަތީޖާއަކުން ސިތީ މޮޅުވި މެޗުގައި އެޑަސަން ލައްވައި ނުކުޅުވީ މި ޓްރާންސްފާއަށް މަގު ފަހުކޮށްދިނުމުގެ ގޮތުންނެވެ. ރޭގެ މެޗުގައި ގޯލު ބެލެހެއްޓީ އިނގިރޭސި ޒުވާން ކީޕަރު ޖޭމްސް ޓްރަފޯޑެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެޑަސަން ގަތުމަށް ގަލަޓަސަރާއީން ހުށަހަޅަނީ 10 މިލިއަން ޑޮލަރެވެ. ނަމަވެސް ސިޓީން މަސައްކަތް ކުރަނީ އެ ކުލަބަށް ފާއިތވެދިޔަ ހަ އަހަރު ކުޅުނު ކީޕަރުގެ އަގު މިއަށްވުރެ މަތި ކުރުމަށެވެ.
އެޑަސަން ވިއްކާލުމަށް ފަހު ސިޓީން ގަންނަން މަސައްކަތް ކުރަނީ ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ ގައުމި ކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ އެވެ. އޭނާ އާއި ޕީއެސްޖީއާ މައްސަލަ ޖެހި ޑޮންނަރޫމާ ވަނީ ޕީއެސްޖީގެ ޓީމު އެންމެ ފަހުން ކުޅުނު މެޗުން ވެސް އުނިކޮށްފަ އެވެ. ނަމަވެސް އޭނާ ދަނީ ޓީމާއެކު ފަރިތަކުރަމުންނެވެ.
ސިޓީން ޑޮނަރޫމާ ގަތުމަށް މަސައްކަތް ކުރާއިރު އޭނާ ވިއްކާލަން ޕީއެސްޖީން ކިޔަނީ މަދުވެގެން 50 މިލިއަން ޑޮލަރެވެ. ނަމަވެސް ސިޓީން ބޭނުންވަނީ މިއަށްވުރެ ކުޑަ އަގެއްގައި އޭނާ ގަތުމަށެވެ.
މެންޗެސްޓާ ސިޓީން އައު ކީޕަރެއް މި ހޯދަނީ މި ސީޒަނަށް ޒުވާން ކީޕަރު ޓްރަފޯޑް ގެނައުމަށް ފަހު އެވެ. ކޯޗު ޕެޕް ގާޑިއޯލާ މިހާރު ކީޕަރު އެޑަސަން އަށް ބަރޯސާ ވާކަށް ބޭނުމެއްނުވެ އެވެ. ސަބަބަކީ އަނިޔާގެ މައްސަލަތައް ގިނަވުމާއެކު އެޑަސަން އަށް އެއް ފެންވަރެއްގައި ނުކުޅެވޭ މައްސަލަ ދިމާވާތީ އެވެ.