ޚަބަރު

ބ. އަތޮޅު ހޮސްޕިޓަލުގައި ޑެންޓަލް ޑިޖިޓަލް އެކްސްރޭގެ ޙިދުމަތް އިފްތިތާޙްކޮށްފި


ބ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާއަށް ބޭނުންވާ ޑިޖިޓަލް އެކްސްރޭގެ ޙިދުމަތް އިފްތިތާޙްކޮށްފިއެވެ. މި ޚިދުމަތް ދިނުމަށް ބޭނުންވާ ޑިޖިޓަލް އެކްސްރޭ މެޝިނެއް އޭދަފުށީގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ކްލަބް ދަ ބިގިނާސް، ޓީބީގެ ފަރާތުން ވަނީ ބ. އަތޮޅު ހޮސްޕިޓަލަށް ހަދިޔާކޮށްފައެވެ.

މި ޙިދުމަތް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސަރވިސް މުހައްމަދު ރަޝީދު ވިދާޅުވީ، މިކަމަކީ އެހެން ކްލަބްތަކުން ނަމޫނާ ނަގަން ޖެހޭކަމެއްކަމަށާ، ސިއްޙީ ޙިދުމަތް ފުޅާކުރުމަށް ހަމައެކަނި ސަރުކާރަށް ބަރޯސާ ވުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށެވެ. އެގޮތުން އަތޮޅުގައި އޮތް ރިސޯޓްތަކާ ކްލަބް ޖަމްއިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން ސިއްޙީ ޚިދުމަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭ ކްލިނިކެއް ހުޅުވާ ޙިދުމަތް ދޭން ފެށީ 2017 ވަނަ އަހަރުއެވެ. މި ކްލިނިކުން އެކްސްރޭގެ ޙިދުމަތް ކުރިން ލިބެމުން އާދެއެވެ. އެހެން ނަމަވެސް އެޙިދުމަތް މިހާރު އޮތީ މެދުކެނޑިފައެވެ. އެއީ ކުރިން ބޭނުން ކުރި އެނަލޮގް އެކްސްރޭ ފޮޓޯ ޕްރިންޓަރަށް ފޮޓޯ ޕްރިންޓް ކުރުމަށް ބޭނުންވާ ކެމިކަލް ނުލިބޭތީކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

"މި މެޝިން މެދުވެރިކޮށް ޙިދުމަތްދޭން ފެށުމުން ރައްކާތެރި އަވަސް ޙިދުމަތެއް ފޯރުކޮށްދެވޭނެ. މީ ކްލަބްތަކުން ޖަމްއިއްޔާ ޖަމާއަތްތަކުން ނަމޫނާ ނަގަން ޖެހޭކަންކަން، މިކަމުގެ ފައިދާ މުޅި އަތޮޅަށާ ޙިދުމަތް ހޯދާ އެހެން ރަށްރަށުގެ މީހުންނަށް ކުރާނެ" ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސަރވިސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ކްލްބަ ދަ ބިގިނާސް އިން ހަދިޔާކުރި މި މެޝިންގެ އަގު އެއްލައްކަ ފަސްސާސް ހާހަށްވުރެ ބޮޑެވެ. އެ ކްލަބުން ބުނީ ކްލަބް މީގެ 10 އަހަރު ކުރިން އުފެއްދީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައި އެއްބާރުލުންދީ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމުގެ ބޭނުމުގައިކަމަށެވެ.

އެގޮތުން މީގެ ކުރިންވެސް މިފަދަ އެހީތައް އޭދަފުށީގައި ހުރި ބައެއް މުއައްސަސާތަކަށް ފޯރުކޮށްފައިވާކަމަށާ، ބ. އަތޮޅު ހޮސްޕިޓަލަށް ހަދިޔާކުރި ޑިޖިޓަލް އެކްސްރޭ މެޝިނަކީ އެ ކްލަބަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ހަދިޔާކުރި މެޝިނެއްކަމަށް އެ ކްލަބުން ބުނެއެވެ.

"ކްލަބް އުފެދުނު މަޤްޞަދު ހާސިލް ވަމުންދާތަން މިފެންނަނީ. މިކަމަކީ އަތޮޅުގެ ސިއްޙީ ޚިދުމަތަށާ ރަށަށް ކޮށްދެވުނު މުހިންމު ކަމެއް. މިއީ ކްލަބްގެ އެންމެންގެ އެއްބާރުލުމާ އެޙީތެރިކަމާ އެކު ކުރެވުނު މަސައްކަތުގެ ނަތީޖާ. ކުރިއަށްއޮތްތަނުގައި އިތުރު މުއައްސަސާތަކަށް މިފަދަ އަގުހުރި ޑޮނޭޝަން ކުރުމުގެ ވިސްނުން އެބަހުރި" އެ ކްލަބްގެ މެންބަރު ޢަބްދުﷲ އަސްރަފް ވިދާޅުވިއެވެ.

މި މެޝިން އިންސްޓޯލްކޮށް ޙިދުމަތް ފޯރުކޮށްދިނުމަށް ހޮސްޕިޓަލުން އަންނަނީ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ދަތުގެ ފަރުވާ ދޭ ޑޮކްޓަރާއި އެޙިދުމަތުގައި އުޅޭ އެހެނިހެން ފަރާތްތަކަށް ތަމްރީން ދިނުމަށްފަހު އަންނަ ހަފަތާގައި ރަސްމީކޮށް މި ޙިދުމަތް ފޯރުކޮށްދޭން ފެށޭނެކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. އެ ހޮސްޕިޓަލުން މިދިޔަ ހަފްތާގައި ޑައިލިސިސްގެ ޙިދުމަތްވެސް ވަނީ ދޭންފަށާފައެވެ.