ޚަބަރު

އިމިގްރޭޝަން ކައުންޓަރުތައް އިތުރުކޮށް، ޕީކް ސީޒަނަށް ވީ.އައި.އޭ ތައްޔާރުވަނީ


ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެގޮތުން ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަސިންޖަރުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުން ފެށިގެން ފެބްރުއަރީމަހުގެ ނިޔަލަށް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި މިދުވަސްވަރު ރާއްޖޭގެ މައި އެއަރޕޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ބާރު ބޮޑުވެގެންދެއެވެ.

ރައީސް އޮފީހުގައި ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި، މިއަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީސަނަށްވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޕީކް ސީސަންގައި ފަތުރުވެރިންނަށް ދިމާވާ ދަތިތައް ދެނެގަނެ އެކަންތައްތަކަށް ޙައްލު ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން އިމިގްރޭޝަންގެ ކަައުންޓަރުތައް އިތުރުކޮށްފައިވާކަން މިޢުވާން ފާހަގަކުރެއްވިއެވެ.

"ޑިޕާރޗަރގައި ހުރީ 11 ކައުންޓަރު، އެއަށް 7 ކައުންޓަރުވަނީ އިތުރުކުރެވިފައިވަނީ. އެރައިވަލްގައި 14 ކައުންޓަރު، އަދި 80 ޓޫރިސްޓު ކައުންޓަރުތައް އައު ކައުންޓަރުތަކަށް ބަދަލުކުރެވި. ފަސިންޖަރުންނަށް ފަސޭހަވާނެގޮތަކަށް ލޭ އައުޓު ވަނީ އެއަރޕޯޓުގައި ބަދަލުކުރެވިފައި" މިޢުވާން ވިދާޅުވިއެވެ.

މިޢުވާން ވިދާޅުވީ އިމިގްރޭޝަން ކައުޓަރުތަކުގެ އިތުރުން އެއަރޕޯޓުގެ އެހެނިހެން ޙިދުމަތްތައްވެސް ފަސިންޖަރުންނަށް ފަސޭހަވާނެގޮތަށް ބަދަލުތައް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން އެރައިވަލްގައި އިތުރު ސްކްރީނިންގ މެޝިންތައް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށްދާކަން މިޢުވާން ވިދާޅުވިއެވެ.

"އެރައިވަލްގައި އައު 6 އެކްސްރޭ މެޝިން އިންސްޓޯލްކޮށް، ޑިސެމްބަރުގެ ފުރަތަމަ ހަފްތާގެތެރޭގައި އަމަލީގޮތުން ބޭނުންކުރަން ފެށޭނެ. އެރައިވަލް ބެގޭޖް ބެލްޓް އެކްސްޓެންޑުކުރުމަށް، ތަކެތި ލިބުމުގެ މަސައްކަތް ކުރިއަށްދޭ" މިޢުވާން ވިދާޅުވިއެވެ.

މިއަހަރުގެ ޕީކް ސީސަނާއި ދިމާކޮށް، މިދިޔަ މަހުގެ 6 ވަނަ ދުވަހު ސަރުކާރުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ. އައު ރަންވޭއާއެކު އެއަރޕޯޓްގެ އޮޕަރޭޝަނަށް ބޮޑު ބަދަލެއް އަންނާނެކަން އެމް.އޭ.ސީ.އެލުން އޭރު ބުނެފައިވެއެވެ. މީގެ ކުރިން ރަންވޭ ބޭނުންކުރެވޭނީ ގަޑިއަކު 8 ނުވަތަ 10 ފްލައިޓަށެވެ. ނަމަވެސް އައު ރަންވޭއާއެކު ގަޑިއަކު ރަންވޭ ބޭނުންކުރާ ފްލައިޓްގެ އަދަދު ވިއްސައްވުރެ އިތުރުވެގެންދާނެއެވެ. މަތިންދާބޯޓެއް ޖެއްސުމަށްފަހު ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓުން، 2 މިނެޓަށް ކުޑަވެގެންދާނެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކެއް ކުރިއެރުންތައް ލިބެމުންދާކަން ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުންވެސް ދައްކައެވެ. އެގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މި ޢަދަދަކީ ކޯވިޑުގެ ކުރިން 2019ވަ ނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދަށްވުރެ 7.9 އިންސައްތަ އިތުރު އަދަދެކެވެ.