ޚަބަރު

6 އެއަރޕޯޓެއްގެ މަޝްރޫޢަށް ފައިނޭންސް ހޯދުމަށް އިތުރު ބަޔަކާއެކު ސޮއިކޮށްފި


ރާއްޖޭގައި 6 ސަރަޙައްދެއްގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއަރޕޯޓުތަކުގެ މަސައްކަތަށް ފައިނޭންސްކުރުމަށް އަމިއްލަ ކުންފުންޏަކާއެކު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސޮއިކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ފައިނޭންސް އެގްރީމެންޓެއްގައި ސޮއިކޮށްފައިވަނީ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެކުއެވެ.

ރާއްޖޭގެ 6 ސަރަޙައްދެއްގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓްތަކަށް ފައިނޭންސްކުރުމަށް މުނި އެންޓަޕްރައިސަސްއާއެކު ވެވުނު މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އަދި މުނި އެންޓަޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޚުތާރު ޙަސަނެވެ.

މިއީ ރާއްޖޭގެ 6 ސަރަހައްދުގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އާއްމުކޮށް ހުޅުވާލެވުނު ދައުވަތާ ގުޅިގެން ވެވުނު އެއްބަސްވުމެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.


ސަރުކާރުން ޚަރަދު ކުރުމުގެ ބަދަލުގައި އަމިއްލަ ފަރާތްތަކުން ތަރައްޤީކުރާގޮތަށް ނުވަތަ ފައިނޭންސްކުރާގޮތަށް ކްރޮސް ސަބްސިޑީ އުޞޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ރާއްޖޭގެ 6 ސަރަޙައްދުގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރާނެ ބަޔަކު ހޯދުމަށް ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅުއެވެ. އެއީ ހދ. މަކުނުދޫ، ބ. ތުޅާދޫ، ށ. ބިލެތްފަހި، ތ. ވިލުފުށި، ފ. މަގޫދޫ އަދި ރ. އަލިފުށީގައި ތަރައްޤީކުރާ އެއަރޕޯޓެވެ.

މި 6 އެއަރޕޯޓު ތަރައްޤީކުރުމަށް ފައިނޭންސްކުރުމަށް ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކުވެސް މިިދިޔަމަހު ފައިނޭންސިންގ އެއްބަސްވުމެއްގައި މިނިސްޓްރީން ސޮއިކޮށްފައިވެއެވެ.

މިނިސްޓްރީން ފުރަތަމަ ފުރުޞަތު ހުޅުވާލީ ޝައުގުވެރިކަން ފާޅުކުރުމުގައި މުޅި އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށްވެސް ހުށަހެޅޭގޮތަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރުމުގައި އެއަރޕޯޓެއްގެ ތަރައްޤީއަށް އެންމެ މަދުވެގެން ހުށައެޅޭނެ ފައިސާގެ އަދަދަކީ 5 މިލިއަން ޑޮލަރުކަމުގައި ކަނޑައަޅައިގެންނެވެ. ނަމަވެސް ފަހުން މިއަހަރުގެ ފެބްރުއަރީމަހު ވަނީ މުޅި އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ އޭގެއިން ބައެއް ތަރައްޤީކުރުމަށް ފައިނޭންސް ކުރުމަށް ހުށައެޅޭގޮތަށް ބަދަލު ގެނެސްފައެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެންމެ މަދުން ހުށައެޅޭނެ އަގު ވަނީ 5 މިލިއަނުން 3 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.

މި 6 އެއަރޕޯޓް ތަރައްޤީކުރަން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް 12 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ކުރިން ހާމަކުރައްވާފައިވެއެވެ. އަދި އެއީ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްކަންވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި 6 އެއަރޕޯޓް ތަރައްޤީކުރުމަށް 133 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ލަފާކޮށްފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

މީގެ ތެރެއިން ރ. އަލިފުށި ބިން ހިއްކުމާއި އެއަރޕޯޓު ތަރައްޤީކުރުމާއި، ފ. މަގޫދޫ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައެވެ.