ޚަބަރު

އައްޑޫގައި މިޔަރަށް ޚާއްސަ ސަރަޙައްދެއް ކަނޑައަޅާ ހިމާޔަތްކުރަނީ


އައްޑޫގައި މިޔަރަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅާ ހިމާޔަތްކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

"އައްޑޫ ނާސް ޝާކް ސެންކްޗުއަރީ" ގެ ނަމުގައި އައްޑޫގައި ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދު ހިމާޔަތް ކުރުމަށް އެސިޓީ ކައުންސިލުން ނިންމާފައިވަނީ ބުރާސްފަތިދުވަހު ބޭއްވި އައްޑޫސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 72 ވަނަ ރަސްމީ ޖަލްސާގައެވެ.

މިމައްސަލަ ކައުންސިލަށް ހުށަހަޅާފައިވަނީ މީދޫ ދާއިރާގެ ކައުންސިލް މެންބަރ އާމިނަތު ސާލިހާއެވެ. މިމައްސަލަ ހުށަހަޅަމުން ސާލިހާ ވިދާޅުވީ ޗާޓުގައި، ފާހަގަކޮށްފައިވާ ސަރަހައްދަށް ސަދަން މޯލްޑިވްސް ޑައިވާސްގެ ޓީމަކުން 2018 ވަނަ އަހަރު ކުރި އެކްސްކަވޭޝަން ޓުއާއެއްގައި ސްނޯކްލިން އާއި ޑައިވްކުރުމުގެ ތެރެއިން، އެސަރަހައްދުން ރަތްމަހާއި މާހުޅުނބު ލަނޑާގެ އިތުރުން ނާސް ޝާކް އާއި މިނޫންވެސް ކަނޑުގެ އެކި ދިރުންތައް ފެނިފައިވާކަމަށެވެ.

އެހެންކަމުން ޑައިވަރުންގެ ތެރެއިން އައްޑޫ ނާސް ޝާކް ސެންކްޗުއަރީގެ މަސައްކަތް ކުރުމަށް އުފެދުނު ޓީމަކުން ފާއިތުވި 4 އަހަރުތެރޭ އެސަރަހައްދަށް ދަތުރުކޮށް، އެސަރަހައްދު ރިސާޗްކޮށް ސާވޭކުރުމުގެ އިތުރުން މިޔަރުތަކަށް ކާންދީ އެސަރަހައްދުގައި އުޅޭ މިޔަރުތަކުގެ އޮބްޒަވޭޝަންތައް ރިކޯޑްކޮށްފައިވާ ކަމަށް ސާލިހާވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މިސަރަހައްދަކީ އައްޑޫ ނާސް ޝާކް ސެންކްޗުއަރީގެ ގޮތުގައި ޕްރޮމޯޓްކޮށް ދެކުނުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ވަރަށް އެކަށީގެންވާ ސަރަހައްދެއްކަން ސާލިހާ ފާހަގަކުރިއެވެ. މިސަރަހައްދަކީ މީދޫން ފުރައިގެން ލޯންޗްގައި 7 މިނެޓުން ދެވޭ އައްޑޫގެ އެތެރެވަރި ނިމޭ ހިސާބުގައި އޮންނަ ސަރަހައްދެކެވެ.

ޑައިވާސް ޓީމުގެ ހޯދުންތަކުގެ އަލީގައި އެ ސަރަހައްދު ވަށައިގެން 100 މީޓަރު ރޭޑިއަސްގެ ސަރަހައްދެއް ހިމާޔަތްކުރަން ޖަލްސާގައި ބައިވެރިވި 11 މެންބަރުގެ ވޯޓާއެކުވަނީ ނިންމާފައެވެ. އަދި އައްޑޫ ނާސް ޝާކް ސެންޗުއަރީގެ ގޮތުގައި ދެކުނުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އެ ސަރަހައްދު ބޭނުންކުރުމަށްވެސް ވަނީ ނިންމާފައެވެ.