ޚަބަރު

ފެބުރުއަރީގައި ޚިދުމަތް ފެށޭވަރަށް ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ނިންމަނީ


އަންނަ ފެބްރުއަރީމަހުގެ ތެރޭގައި ޚިދުމަތަށް ގެނެވޭވަރަށް ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ ހުރިހާ މަސައްކަތްތަކެއް ނިންމާނެކަމަށް އެމްޓީސީސީގެސީއިއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރަމުން އަންނަ އެއަރޕޯޓެކެވެ.

ގދ.ފަރެސްމާތޮޑާ ފަޅުހިއްކައިގެން ތަރައްޤީކުރާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021ވަނަ އަހަރުގެ ކުރީކޮޅުއެވެ. މި މަޝްރޫޢުގެ ދަށުން ރަންވޭއާއި އެއަރޕޯޓްގެ ފަޔަރ ބިލްޑިންގއާއި ޓަވަރުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި ޓަރމިނަލްގެ ސްޓްރަކްޗަރގެ މަސައްކަތްތައްވެސް ވަނީ ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ ޓަރމިނަލްގެ އެތެރޭގެ މަސައްކަތްކެވެ.

ސަރުކާރަށް 4 ގެ ކާމިޔާބީއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޕްރޮގްރާމަގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން އެއަރޕޯޓްގެ ޚިދުމަތް ފެށުމަށް ބޭނުންވާ، މެޝިނަރީއާއި އިކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މުޅި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް 3މަސްދުވަހުގެ ތެރޭގައި މުޅިން ނިންމާނެކަމަށެވެ.

"ޑިސެމްބަރ ފަހުކޮޅަށް ނޫނީ، ޖެނުއަރީ ކުރީކޮޅުގައި ޢަމަލީ ހުރިހާ މަސައްކަތެއް ނިމޭނެ. ބައެއް އިކުއިޕްމަންޓް ލިބުމުގައި މުއްދަތު ލަސްވޭ. އެހެން ނަމަވެސް، ޖެނުއަރީއާއި ހަމައަށް ޢަމަލީ މަސައްކަތް ނިންމާ، ފެބްރުއަރީއާ ހަމައަށްދާއިރު މުޅި ހުރިހާ މަސައްކަތްތަކެއް ނިމޭނެ." ޢާޒިމް ވިދާޅުވިއެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ މި އެއަރޕޯޓްގެ 1200މީޓަރުގެ ރަންވޭގެ މަސައްކަތްތައްވެސް ވަނީ ނިމިފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ރަންވޭގެ އިތުރަށް ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިން އިމާރާތް ވަނީ ތަރައްޤީކޮށްފައެވެ.

144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން އެއަރޕޯޓާއި ފަރެސްމާތޮޑާ ގުޅާލާ ކޯޒްވޭގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ.

އެމްޓީސީސީން ދަނީ ރާއްޖޭގެ 4 ރަށެއްގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ރ.އަލިފުށި، މ. މުލި އަދި ފ.މަގޫދޫ އެއަރޕޯޓްގެ މަސައްކަތެކެވެ. މީގެތެރެއިން މުލީ އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތާއެކު، އެއަރޕޯޓްގެ ރަންވޭ އެޅުމަށް ބޭނުންވާ ބިން ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި އަލިފުއްޓާ މަގޫދޫ އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތްވެސް މިވަގުތު ދަނީ ކުރިއަށެވެ.

"މުލީ އެއަރޕޯޓްގެވެސް އެއަރޕޯޓްގެ މުހިންމު މަަސައްކަތްތަކެއް ވަނީ ފެށިފައި. އެމްޓިސީސީން އަމާޒުކުރަނީ އަންނަ އަހަރުގެ އޮގަސްޓްމަހާ ހަމައަށް، މި ހުރިހާ އެއަރޕޯޓެއްގެ މަސައްކަތް ނިންމުމަށް." އާޒިމް ވިދާޅުވިއެވެ.

މި ހުރިހާ އެއަރޕޯޓްތަކަކީވެސް އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެވެ.

އެމްޓީސީސީން އެންމެ ފުރަތަމަ ތަރައްޤީކުރީ ހޯރަފުށީ އެއަރޕޯޓެވެ. އެ އެއަރޕޯޓްގެ ޚިދުމަތް 2020ވަނަ އަހަރު ފަހުކޮޅު ވަނީ ފަށާފައެވެ.