ޚަބަރު

ތަރިކަ ރައްކާތެރިކުރުމަށް ޤާނޫނީ ބާރުވެރިކަން ހޯދައިދިނީ މި ސަރުކާރުން: ޔުމްނާ


ރާއްޖޭގައި ތަރިކަ ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކޮށް، އެކަންކަމަށް ޤާނޫނީ ބާރުވެރިކަން ހޯދައިދިނީ މި ސަރުކާރުންކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ފަންނާއި، ސަގާފަތާއި، ތަރިކައިގެ ދާއިރާއިން ވޭތުވެދިޔަ 4 އަހަރު ހޯދުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ މި ދާއިރާގައި ކުރެވޭ ހުރިހާ މަސައްކަތްތަކެއް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނެއް އެކުލަވާލެވުންކަން މިނިސްޓަރ ޔުމްނާ ފާހަގަކުރެއްވިއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، ރާއްޖޭގައި ހުރި އާސާރީ ތަންތަނާއި ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މީގެކުރިން އެންމެ އެދެވޭގޮތެއްގައި މަސައްކަތް ކުރެވިފައިނުވާކަމަށެވެ. އެހެންނަމަވެސް މި ސަރުކާރާއެކު ވަކިވަކި އިދާރާތަކެއްގެ ގޮތުގައި ހިންގަމުންދިޔަ ތަންތަން އެއް ވުޒާރާއެއްގެ ދަށަށް ގެނެސް، މި ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖަކީ މުޅިން އަލަށް އެކުލަވާލެވުނު ވުޒާރާއެއްކަމުން، ފުރަތަމަ 4 އަހަރު މައިގަނޑުގޮތެއްގައި ކުރެވުނު މަސައްކަތަކީ މި ދާއިރާއަށް ބޭނުންވާ ތަފާތު ޤާނޫނުތަކާއި ޤަވާއިދުތަކާއި ސިޔާސާތުތައް އެކަށައަޅާ ތަންފީޒުކުރުންކަމަށެވެ.

"މިނިސްޓްރީ ލެވެލެއްގައި މިނިސްޓްރީއެއްގެ ނަމުގެ ފަހަތަށް ހެރިޓޭޖް އައި މިއީ ފުރަތަމަ ފަހަރު. ވަރަށް އާ ދާއިރާއެއް. އެހެންވީމަ ފުރަތަމަ 4 އަހަރު މިދިޔައީ ކަންކަން ސެޓަޕް ކުރުމަށޭ އަޅުގަނޑު ދަންނަވާނީ. މިނިސްޓްރީވެސް އަލަށް އުފެދިގެން ސެޓަޕްވެގެން މިދިޔައީ. މިނިސްޓްރީގެ ދަށުގައި ހުރި ތަފާތު އިދާރާތަކުގެ ކަންކަންވެސް ވަކި ހަމައެއްގައި ވަކި އުޞޫލުތަކެއްގެ މަތިން މިނިސްޓްރީއާގުޅިގެން ކަންކަން ކުރުމަށް ސެޓަޕް ކުރެވިގެން މިދިޔައީ" މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ، ސަގާފީ ތަރިކައިގެ ދާއިރާއަށް ބަލާއިރު ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތަކީ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނެއް ވުޖޫދުވެ، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތަކާ އުޞޫލުތައް ހެދިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތަރިކަ ރައްކާތެރިކުރުމުގެ ޤާނޫނީ ބާރު ހަޤީޤަތުގައި ލިބިގެން މި ދިޔައީ މި ސަރުކާރުގެ ތެރޭގައިކަން މިނިސްޓަރ ޔުމްނާ ފާހަގަކުރެއްވިއެވެ.

"ޤާނޫނާއި ގުޅިގެން ރާއްޖޭގައި ސަގާފީ ތަރިކަ ދަފްތަރު ކުރަން ފެށިއްޖެ. އެކި ރަށްރަށުގައި، އެކި އަތޮޅުތަކުގައި ހުރި މާއްދީ ތަރިކައާއި މާނަވީ ތަރިކައިގެ ދަފްތަރެއް އެކުލަވާލެވިއްޖެ. ސަގާފީ މަސައްކަތްތެރިންގެ ދަފްތަރެއް އެކުލަވާލެވިއްޖެ. އެންމެ ފުރަތަމަ އަޅުގަނޑުމެން ދެނެގަންނަންޖެހެނީ ސަގާފީ ތަރިކައިގެ ގޮތުގައި މިހުރީ ކޮން ތަންތަނެއްތޯ. މީގެކުރިން ހަމައެކަނި އާސާރީ ބިނާތައް ނޫނީ މާއްދީ ތަރިކައަށް ވަރަށް ބޮޑަށް ބެލިފައިހުރީ. އަޅުގަނޑުމެން މިހާރު މާނަވީ ތަރިކަ އޭގެ ތެރޭގައި ހިމެނިގެން އެއީ ދިވެހިންގެ ތަފާތު ސަގާފީ ކުޅިވަރުތަކާ އާދަކާދަތަކާއި ބޭސްވެރިކަން ޚާއްސަ މިކަހަލަ ތަރިކަ ސަގާފަތަކީ ކޮބައިކަން ދެނެގަނެ ދަފްތަރުކުރުމުގެ މަސައްކަތް ކުރެވިއްޖެ" މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީގުކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. މި ޤާނޫނަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާއި ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭ ގޮތުން ދައުލަތާއި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމާއި، ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަށް ހިންގާ ޢަމަލުތަކަކީ ކުށުގެ ގޮތުގައި ބަޔާންކޮށް އެއަށް އަދަބު ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެކެވެ.

މި ޤާނޫނުގައި ސަގާފީ ތަރިކައާއި، އުފުލޭ ސަގާފީ ތަރިކައާއި، އާސާރީ ބިނާތަކާއި، އާސާރީ ސަރަޙައްދުތަކާއި، މަޢުނަވީ ސަގާފީ ތަރިކައަކީ ކޮބައިކަން ވަނީ ތަފްޞީލުކޮށްދީފައެވެ. އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ މަސްއޫލިއްޔަތުތަކާއި، ސަގާފީ ތަރިކަ ދަފްތަރުކުރުމާއި، ގިންތިކުރުމުގެ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ ރައްކާތެރިކުރުމުގެ ފިޔަވަޅުތަކާއި، ސަގާފީ ތަރިކައިގެ މިލްކުވެރިކަމާއި، ދައުލަތާއި ޢާންމު ފަރާތްތަކުގެ ޒިންމާވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.