ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، އެ ޤައުމުގެ ދެ އެއާޕޯޓަކަށް އަމާޒުކޮށް އިތުރު ހަމަލާތަކެއް ދީފިއެވެ. އޮކްޓޫބަރު 11 ގައި ވެރިރަށް ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓަރމިނަލް 3 އަދި 4 އަށް ދިން ހަމަލާއެއްގައި ޕާކިސްތާނުގެ ރައްޔިތަކު މަރުވެ، 11 މީހުން ޒަޚަމްވެފައިވާ ކަމަށް ސަޢޫދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ. މީގެ އިތުރުން އިރުމަތީ ސިޓީއެއް ކަމަށްވާ ދަންމާމްގެ ކިންގް ފަހުދް އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ހަމަލާދީފައިވާއިރު، ލިބުނު ގެއްލުންތައް ދަނީ ބަލަމުންނެވެ.
މި ހަމަލާތައް ދީފައި ވަނީ އޭގެ ކުރީ ދުވަހު ޙޫޘީންގެ މިސައިލަކުން ރިޔާޟްގެ އެއާޕޯޓަށް ދިން ހަމަލާއެއްގައި 12 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވަނިކޮށެވެ. އޮކްޓޫބަރު 10 ގެ ހަމަލާގައި ޒަޚަމްވި އިންޑިއާ މީހަކު އާދީއްތަ ދުވަހު މަރުވުމާއެކު، މަރުވި މީހުންގެ ޖުމުލަ ޢަދަދު 13 އަށް ވަނީ އުފުލިފައެވެ. މަންޒަރު ފެނުނު މީހަކު ބުނީ އޮކްޓޫބަރު 10 ގެ ރޭގަނޑު އެއާޕޯޓުގައި ޕާކުކޮށްފައިވާ ބޯޓުތަކެއް ކައިރިއަށް މިސައިލެއް ފަދަ އެއްޗެއް ވެއްޓި އަލިފާން ރޯވި ކަމުގައެވެ.
ޙޫޘީންގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވީ، ދަންމާމް އަދި ރިޔާޟްގެ އެއާޕޯޓުގެ އިތުރުން ސަޢޫދީ އަރަމްކޯގެ ޝަދްޤަމް ގޭސް ޕްލާންޓަށާއި ތަނާޖީބް ތެޔޮ ފެސިލިޓީއަށް ހަމަލާތައް އަމާޒުކޮށްފައިވާނެ ކަމުގައެވެ. މިއީ، ޔަމަނަށް ސަޢޫދީން ދެމުންދާ ވައިގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސަޢޫދީއަށް އިތުރު ހަމަލާތައް ދޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ފެބުރުވަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައަށްފަހު ސަޢޫދީއަށް ދިން އެންމެ ނުރައްކާތެރި ހަމަލާއަކީ އޮކްޓޫބަރު 10 ވަނަ ދުވަހުގެ ހަމަލާއެވެ. އެ ދުވަހުން ފެށިގެން ރިޔާޟްގެ އެއާޕޯޓުގެ ވައިގެ އުދުހުންތަކަށް ވަނީ ބުރޫއަރާފައެވެ. މި ހަމަލާތަކުގެ ސަބަބުން ޔަމަނުގެ އަހުލީހަނގުރާމަ ގޯސްވެ، އެމެރިކާގެ އަސްކަރިއްޔާ މި ކަމުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ބޮޑުވެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޙޫޘީންނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވުމާމެދު ވިސްނަވަމުން ގެންދަވާ ކަމުގައެވެ. މި ކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް ގުޅުއްވާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއާއި އަގުތަކަށް، އަދި ހުރްމުޒް ކަނޑުއޮޅީގެ ބަދަލުގައި ބޭނުންކުރާ މަގު ކަމުގައިވާ ބާބް އަލް-މަންދަބް ކަނޑުއޮޅިން ކުރާ ވިޔަފާރި ދަތުރުތަކަށް ބޮޑެތި ފިއްތުންތަކެއް ވަނީ ކުރިމަތިވެފައެވެ. ޙޫޘީން މިދިޔަ މަހު އެ ކަނޑުއޮޅީގެ މުހިންމު ސަރަޙައްދުތަކެއް ހިފާފައިވާއިރު، އެމެރިކާއިން މި ކަމުގެ ތެރެއަށް ވަދެއްޖެނަމަ ބާބް އަލް-މަންދަބް ކަނޑުއޮޅިން ކުރާ ދަތުރުތައް ޙޫޘީން އެއްކޮށް ހުއްޓުވައިފާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.