ޚަބަރު

ޖޫރިމަނާގެގޮތުގައި 69 މިލިއަން ރުފިޔާ ދައްކަން އެފްކޮންސްއަށް މަސްދުވަހުގެ މުހުލަތެއް


ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ކުރަމުންދަނިކޮށް ވިލިމާލޭ ފަރަށް ޕްލެޓްފޯމެއް އެރުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެގޮތުގައި ދަޢުލަތަށް 69 މިލިއަން ރުފިޔާ ދެއްކުމަށް އެއް މަސް ދުވަހުގެ މުޙުލަތެއް ދީފިއެވެ.

މިދިޔަ އޯގަސްޓްމަހު ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވަނީ އެ ސަރަޙައްދުގައި ޕްލެޓްފޯމް އެޅުމުގެ ތެރޭގައެވެ. ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމު ނެގޭވަރުވީ، ފަރަށް އެރިތާ 12 ދުވަސްވީ ފަހުންނެވެ.

މިކަމާގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭއިން ވިދާޅުވީ، "YUVRAJ" ނަމަކަށް ކިޔާ ޕްލެޓްފޯމް 16 އޮގަސްޓް 2022 ވަނަ ދުވަހު ވިލިމާލޭގެ ހުޅަނގު ފަރާތު ފަރަށް އެރުމާގުޅިގެން ޕްލެޓްފޯމް ފުންކޮށް ނިމުމުން 07-06 ސެޕްޓެމްބަރ 2022 ގައި އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބެލުމަށް އީ.ޕީ.އޭއާއި، ޕްލެޓްފޯމްގެ ވެރިފަރާތާއި ގުޅިގެން ޖޮއިންޓް-ސާރވޭއެއް ކޮށްފައިވާކަމަށެވެ. އަދި އޮކްޓޫބަރު 14 އިން 22 އަށް ޕްލެޓްފޯމްގެ ވެރިފަރާތުން ކުރިޔަށް ގެންދިޔަ ސާރވޭ އެއްގައި މި އެޖެންސީގެ ފަރާތުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެފައިވާނެކަމަށެވެ.

އީ.ޕީ.އޭގެ އެސެސްމެންޓް ރިޕޯޓުންނާއި، ޕްލެޓްފޯމުގެ ވެރިފަރާތުން ހުށަހެޅި ރިޕޯޓަށް ރިޢާޔަތްކުރުމަށްފަހު، ޕްލެޓްފޯމްގެ ބައިތަކުންނާއި، އެތަކެތި ނެގުމަށް ކުރެވުނު މަސައްކަތުން އެ ސަރަޙައްދުގެ ފަރުގެ އެކި ދިމާދިމާލުން އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް އީ.ޕީ.އޭއިން ވިދާޅުވެއެވެ. އެގޮތުން 2755 އަކަމީޓަރުގެ ސަރަޙައްދަކަށް ގެއްލުން ލިބިފައިވާކަމަށް އީ.ޕީ.އޭއިން ފާހަގަކޮށްފައިވެއެވެ. ފަރަށް ލިބުނު ގެއްލުންތައް ބެލިއިރު ފަރުގައި ފުންމިނުގައި 10 ފޫޓު ހުންނަ ބޮޑެތި ވަޅުގަނޑުތައް ވަނީ ހެދިފައެވެ.

މި ޕްލެޓްފޯމް ފަރަށް އަރާފައިވަނީ "ގްރޭޓަރ މާލޭ ކަނެކްޓިވިޓީ – މާލޭ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް" ގެ ކޮންޓްރެކްޓަރ އެފްކޮންސް އިންފްރާސްޓަރަކްޗަރ ލިމިޓެޑްގެ ފަރާތުން އެ ޕްރޮޖެކްޓްގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިޔުމުގެ ތެރޭގައި ކަމަށްވާތީ، ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން، ފަރަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ އެފްކޮންސް އިންފްރާސްޓަރަކްޗަރ ލިމިޓެޑްކަމަށް އީ.ޕީ.އޭއިން ވިދާޅުވެއެވެ.

ޕްލެޓްފޯމް ވިލިމާލޭގެ ހުޅަނގު ފަރާތު ފަރަށް އެރުމާ ގުޅިގެން ފަރުގެ މާޙައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން އީ.ޕީ.އޭއިން އެފްކޮންސް އިންފްރާސްޓްރަކްޗަރ ޖޫރިމަނާކޮށްފައިވަނީ 69,411,800.00 (ފަސްދޮޅަސް ނުވަ މިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ) ދިވެހިރުފިޔާއިންނެވެ. އީ.ޕީ.އޭއިން ވަނީ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް ދެއްކުމަށް އެފްކޮންސްއަށް އަންގާފައެވެ.

ރާއްޖޭގެ ފަރުތަކަކީ ރާއްޖެއަށް އެންމެ މުހިއްމު ރައުސުލްމާލްއަށް ވާއިރު ކޮންމެ ފަރަކަށްވެސް ލިބޭ ގެއްލުމުގެ ބަދަލުހޯދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މިގޮތުން މީގެ ކުރިންވެސް ހިމާޔަތްކޮށްފައިވާ ފަރުތަކަށް ބޯޓުފަހަރުތައް އެރުމާއި ބައެއް މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ތެރޭގައި ފަރަށް ގެއްލުންލިބެއްޖެނަމަ ފަރަކަށް ލިބިފައިވާ ގެއްލުންތައް ބެލުމަށްފަހު ބަދަލުހޯދުމަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައި އެބަހުއްޓެވެ.